38 މީހުން ތިބި ޗިލީގެ އަސްކަރީ މަތިންދާބޯޓެއް ގެއްލިއްޖެ

ޗިލީގެ އެއާފޯސްއިން ތިން ސީ-130 ބޯޓު ބޭނުން ކުރޭ --

ސެންޓިއާގޯ (ޑިސެމްބަރު 10): ތިރީސްއަށް މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ ޗިލީގެ އަސްކަރީ މަތިންދާބޯޓެއް ގެއްލިއްޖެ ކަމަށް އެގައުމުގެ އެއާ ފޯސްއިން ބުނެފި އެވެ.

ޗިލީގެ އެއާފޯސްއިން ނެރުނު ބަޔާނެއްގައިވާ ގޮތުން ސީ-130 ހާކިއުލެސް މަރުކާގެ އެ ބޯޓު ގެއްލުނީ އެންޓާކްޓިކާގައި ހުންނަ އެގައުމުގެ އެއާބޭސްއަށް ދަތުރު ކުރަމުން ދަނިކޮށެވެ. އަދި ބޯޓާ ގުޅުން ކެނޑުނީ، ގައުމުގެ އެންމެ ދެކުނުގައި އޮންނަ ސޭންޑީ ޕޮއިންޓުން ދަތުރު ފެށިތާ އެއް ގަޑި އިރު ފަހުންނެވެ.

އެބޯޓުގައި 17 ކުރޫ މެމްބަރުންނާއި 21 ފަސިންޖަރުން ތިއްބެވެ. ޗިލީގެ އެއާ ފޯސްއިން ވަނީ ބޯޓު ހޯދުމަށް ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް މިހާރު ކުރިއަށްގެންދާ ކަމަށް ބުނެފަ އެވެ.

އެންޓާކްޓިކާގެ 1.2 މިލިއަން އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ޗިލީއިން ކޮންޓްރޯލް ކުރެ އެވެ. އަދި އެގައުމުގެ ނުވަ އަސްކަރީ މަރުކަޒު އެސަރަހައްދުގައި ހުރެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް