އޮލިމްޕިކްސް އަދި ވޯލްޑްކަޕުުން ރަޝިޔާ ބޭރުކޮށްލައިފި

ކުޅިވަރުތަކުގައި މަނާ ބޭސް ބޭނުންކުރި ކަން ސާބިތުވެ ވޯލްޑް އެންޓި ޑޯޕިން އޭޖެންސީ (ވާޑާ) އިން ރަޝިޔާގެ މައްޗަށް އެޅި ފިޔަވަޅާ އެކު އަންނަ އަހަރުގެ އޮލިމްޕިކްސްއާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުން އެ ގައުމު ބޭރުކޮށްލައިފި އެވެ.

ރަޝިޔާއަށް ވާޑާއިން ދިން މި ބޮޑު އަދަބަކީ ރަޝިޔާގެ އެންޓި ޑޯޕިންގް އޭޖެންސީއިން މިދިޔަ އަހަރު ތަހުގީގީ އިދާރާތަކަށް އެ ގައުމުގެ ކުޅިންތެރިންގެ ސާމްޕަލް ދިނުމުގައި އޮޅުވާލުންތަކެއް ހުރިކަން ސާބިތުވުމުން ވާޑާގެ އެގްޒެކެޓިވް ކޮމިޓީން ނިންމި ނިންމުމެކެވެ. މި އަދަބާ އެކު ރަޝިޔާއަށް ކުރިއަށް އޮތް ހަތަރު އަހަރު ކުޅޭ ބައިނަލް އަގުވާމީ މުބާރާތްތަކުން ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އެއާ އެކު އަންނަ އަހަރު އޮންނަ އޮލިމްޕިކްސްއާއި 2022 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕް އަދި ވިންޓާ އޮލިމްޕިކްސްގައި އެ ގައުމަށް ބައިވެރިނުވެވޭނެ އެވެ.

ނަމަވެސް އަންނަ އަހަރު ޔޫރޮޕުގެ 12 ސިޓީއަކަށް ބަހާލައިގެން ބާއްވާ ޔޫރޯ 2020 ގައި ރަޝިޔާއަށް ކުޅެވޭނެ އެވެ. އެއީ އެ މުބާރާތް އިންތިޒާމްކުރާ ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ ޔުއެފާ އަކީ މޭޖާ އިވެންޓް އޯގަނައިޒޭޝަނެއްގެ ގޮތުގައި ވާޑާގައި ކްލެސިފައިކޮށްފައިވާ ޖަމިއްޔާއަކަށް ނުވާތީ އެވެ. ރަޝިއާގެ ސެއިންޓް ޕީޓާސްބާގަކީ އަންނަ އަހަރުގެ ޔޫރޯގެ އެއް ހޯސްޓް ސިޓީ ވެސް މެ އެވެ.

ބޮޑު އަދަބާ އެކު ރަޝިޔާގެ ކުޅިވަރު ބޮޑު އަޑިގަނޑަކަށް ވެއްޓުމާ ގާތް ވެފައި އޮތް ނަމަވެސް އެ ގައުމަށް ވަނީ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްގައި މި މައްސަލަ އިސްތިއުނާފްކުރުމަށް 21 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

އަދި އެހެންމެ ރަޝިޔާއަށް ދިން އަދަބު އިސްތިއުނާފަށް ތާއީދު ކުރުމުގެ ބާރު ދުނިޔޭގެ އޮލިމްޕިކް ކޮމިޓީއާއި ބައިނަލް އަގުވާމީ ފެޑެރޭޝަންތަކަށް ވަނީ ދީފަ އެވެ. ނަމަވެސް އޮލިމްޕިކް ކޮމިޓީން ވަނީ ރަޝިޔާއަށް ދިން އަދަބަށް ތާއީދުކޮށްފަ އެވެ.

ރަޝިއާގައި 2014 ވަނަ އަހަރު ބޭއްވި ވިންޓާ އޮލިމްޕިކްސް އަށް ފަހު މިފަދަ މައްސަލައެއްގައި ރަޝިއާ އަށް އަދަބު ދިނެވެ. އެ ސަސްޕެންޝަނާ ގުޅިގެން 2018 ވަނަ އަހަރުގެ ވިންޓާ އޮލިމްޕިކްސްގައި ވަކި ގައުމަކަށް ނިސްބަތްނުވާ ގޮތަށް ރަޝިއާގެ 168 ވާދަކުރި އެވެ.

comment ކޮމެންޓް