ލޮކް ސަބާއާއެކު މަޖިލީހުން އެމްއޯޔޫގައި ސޮއިކޮށްފި

ކް ސަބާ އާއި ރައްޔިތުންގެ މަޖިލީހާ ދެމެދު އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރުން -- ފޮޓޯ: މަޖިލިސް

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޮކް ސަބާއާއި ރައްޔިތުންގެ މަޖިލީހާ ދެމެދު އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ މެންބަރުން އަދި ކައުންސެލް ޖެނެރަލްއާއި އަމީން އާންމު ހިމެނޭގޮތަށް މަޖިލީހުގެ ވަފުދަކުން މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާއްޖޭގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ލޮކް ސަބާގެ ފަރާތުން ސޮއިކުރެއްވީ އެ މަޖިލީހުގެ ރައީސް ޝްރީ އޯމް ބިރްލާއެވެ.

ލޮކް ސަބާއާއެކު އެމްއޯޔޫގައި ސޮއިކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

"އެގްރީމެންޓް ފޯ ކޯޕަރޭޝަން ބިޓްވީން ލޮކް ސަބާ އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ އެންޑް ދަ ޕީޕަލްސް މަޖިލިސް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް"ގެ ނަމުގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން، ދެފަރާތުންވެސް ބަރުލަމާނީ ގުޅުން ބަދަހިކޮށް ރަނގަޅު ކުރުމަށް ބާރުއަޅާ، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރާނެކަން މަޖިލީހުގެ ރައީސް ރައީސް ނަޝީދު މީގެ ކުރިން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މަޖިލީހާއި މަޖިލީހުގެ އިދާރާގެ ހިންގުން ހަރުދަނާ ކުރުމަށް ތަމްރީނާއި ފަންނީ ފުރުސަތުތައް ފަހިކުރުމަށް ދެ މަޖިލީހުން ގުޅިގެން އޮނިގަނޑެއް އެކުލަވާލުމަށް ވެސް ވަނީ ނިންމައިފަ އެވެ.

"މީގެ އިތުރުން ދެފަރާތުންވެސް ގަވައިދުގެ ތެރެއިން މައުލޫމާތު ބަދަލުކުރުމުގެ އިތުރުން ބައިނަލްއަގުވާމީ ބައްދަލުވުންތަކުގައި ބަރުލަމާނީ އެއްބާރުލުން ކުރިއެރުވުމަށް މަގުފަހިވެގެންދާނެ،" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ ލޮކް ސަބާގެ އިތުރުން އެހެން ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކާއެކު ރައްޔިތުންގެ މަޖިލީހުން ބާއްވާ ގުޅުންތައް ބަދަހިވަމުންދާ ކަމަށެވެ.

comment ކޮމެންޓް