ރައީސް ނަޝީދާއި ވަފުދު ގާންދީގެ މަގުބަރާއަށް ޒިޔާރަތްކުރައްވައިފި

ރައީސް ނަޝީދު ގާނދީގެ މަޤުބަރާއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން - މަޖިލިސް

ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާއަށް މިހާރު ކުރައްވަމުންދާ ދަތުރުގައި އެގައުމުގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީ ފަސްދާނުލައްވާފައިވާ މަގުބަރާއަށް ޒިޔާރަތްކުރައްވައިފި އެވެ.

ގާންދީގެ މަގުބަރާ ހުންނަނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ޝާހުޖަހާން އާބާދުގެ ރިންގް ރޯޑް ނުވަތަ މާހާތުމާ ގާންދީ ރޯޑްގައެވެ.

ރައީސް ނަޝީދު މަގުބަރާއަށް ކުރެއްވި ޒިޔާރަތުގައި އިންޑިއާއަށް މިހާރު ވަޑައިގެންއުޅުއްވާ މަޖިލީހުގެ ވަފުދުގައި ހިމެނޭ މެމްބަރުންވެސް ހިމެނިލައްވައެވެ.

ކުރިން އިނިގިރޭސިންގެ އިސްތިއުމާރުގައި އޮތް އިންޑިއާ މިނިވަންކުރެއްވުމުގައި މަހާތުމާ ގާންދީ ސުލްހަވެރިކަމާއެކު ކުރެއްވި މުޒާހަރާތަކަށް ބައިނަލްއަގުވާމީ ސަމާލުކަމެއް ވަރަށް ބޮޑަށް ލިބިގެން ދިޔައެވެ.

ރައީސް ނަޝީދު ގާންދީގެ މަހުބަރާއަށް ޒިޔާރަތްކުރެއްވުމަށްފަހު ލިޔުއްވި ނޯޓެއްގައި ވިދާޅުވީ ގާންދީއަކީ ފަހުގެ ތާރީހެއްގައި އެތައް ބަޔަކު ހިތްވަރު ލިބިގަތީ ގާންދީގެ ފަސްލަފާއިން ކަަމަށެވެ. އަދި ރާއްޖެއިންވެސް ގާންދީ ނަމޫނާއަކަށް ބަލައިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

" ގާންދީޖީ ފަސްދާނުލެއްވިތާ އެތަކެއް އަހަރެއް ވީ ފަހުން ، ރާއްޖޭގެ ޒުވާން ޖީލެއް އެމަނިކުފާނުގެ ކިބައިން ހިތްވަރު ލިބިގަނެ ރާއްޖެއަށް މިވަނީ ގިނަ ޕާޓީތައް އެކުލެވޭ ނިޒާމެއ 2008 ގައި ގެނެސްފައި. ގާންދީގެ މަގުބަރާއަށް ޒިޔާރަތްކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ގާންދީގެ ފަލްސަފާއަށް އެތަކެއް ޒަމާންތަކެއްވެ ދިޔައިރުވެސް އަނިޔާވެރިކަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި އެ ފަލްސަފާއިން ނަތީޖާ ފެންނަމުންދާ ކަމަށެވެ.

ހައްދު ފަހަނައެޅި ހިންދޫއަކު 1948 އަށް ވަނަ އަހަރު ވަނީ ގާންދީގެ ގަޔަށް ބަޑިޖަހާ އަވަހާރަކޮށްލައިފައެވެ.

comment ކޮމެންޓް