ވާޑީގެ ރެކޯޑް ގޯލާ އެކު ލެސްޓާއިން ފަރަގު ކުޑަކޮށްފި

ލެސްޓާ ސިޓީގެ ފޯވާޑް ޖޭމީ ވާޑީ --- ފޮޓޯ// އޭޕީ

ގިނަ ބަޔަކު ހައިރާން ކޮށްލުމަށްފަހު 2015-2016 ވަނަ އަހަރުގެ އިނގިރޭސި ޕްރިމިއާ ލީގު ތަށި އުފުލާލި ލެސްޓާ ސިޓީން މި ސީޒަނުގައި ދަމަހައްޓަމުން އަންނަ މޮޅު ކުޅުމާ އެކު ރޭ ކުޅުނު މެޗުގައި އެސްޓޮން ވިލާ ބަލިކޮށް އެއްވަނައިގައި އޮތް ލިވަޕޫލާއި ދެމެދު ފަރަގު ކުޑަކޮށްފި އެވެ.

ރަށުން ބޭރުގައި އެސްޓޮންވިލާއާ ދެކޮޅަށް ކުޅުނު މެޗުން ލެސްޓާ ކުރި ހޯދީ 1-4 ގެ ނަތީޖާއަކުންނެވެ. ރޭގެ މޮޅާ އެކު ލިބުނު 38 ޕޮއިންޓާ އެކު ލެސްޓާ ދެވަނައިގައި އޮތް އޮރު އެއްވަނައިގައި އޮތް ލިވަޕޫލުން ވަނީ 46 ޕޮއިންޓް ހޯދައިފަ އެވެ. ވޭތުވެ ދިޔަ ދެ ސީޒަނުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ތިންވަނައިގައި އޮތީ 32 ޕޮއިންޓާ އެކު އެވެ.

ކުރީ ދެ ސީޒަނުގައި ޓީމުގެ ކުޅުން ދަށްވެ ގިނަ ކުޅުންތެރިންތަކެއް ކްލަބް ދޫކޮށްލުމާ އެކު ލެސްޓާ އުނދަގޫ ހާލަތެއްގައި އޮއްވާ ޓީމާއި އަލަށް ހަވާލުވި ތަޖުރިބާކާރު ކޯޗު ބްރެންޑެން ރޮޖާސްގެ އިރުޝާދާ އެކު ލެސްޓާ މި ސީޒަނުގައި އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެއާ އަދި އެހެންމެ ތަށި ހޯދި ސީޒަނުގައި މޮޅު ކުޅުމެއް ދައްކާ މުޅި ދުނިޔޭގެ ސަމާލުކަން ހޯދި ޖޭމީ ވާޑީ މި ސީޒަނުގައި ވެސް އަންނަނީ ކުރިން ހުރި ފޯމަށް އަލުން ރުޖޫއަވެ މޮޅު ކުޅުމެއް ދައްކަމުންނެވެ.

އެގޮތުން ރޭ ކުޅުނު މެޗުގައި ވެސް އޭނާ ވަނީ ގޯލު ޖަހައި ރެކޯޑެއް ހަދާފަ އެވެ. ވިދި ވިދިގެން އަށް މެޗުގައި ގޯލު ޖެހުމުގެ ރެކޯޑް އޭނާ ހެދި އިރު މީގެ ކުރިން ވެސް އޭނާ ވަނީ ވިދިވިދިގެން 11 މެޗުގައި ގޯލު ޖަހައިފަ އެވެ. އެހެން ކަމުން އޭނާ އަކީ އިނގިރޭސި ލީގުގެ ދިގު ތާރީހުގައި ވެސް ވިދިވިދިގެން އަށް މެޗުގައި ދެ ފަހަރަށް ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔާ އެވެ.

މި ސީޒަނުގައި ވެސް މިހާތަނަށް ގިނަ ގޯލުތަކެއް ޖަހައި އިނގިރޭސި ލީގުގެ ޓޮޕް ސްކޯރާގެ މަގާމުގައި ހުރި ވާޑީ ވަނީ ލެސްޓާގެ އައު ކޯޗު ރޮޖާސް ޓީމާ ހަވާލުވި ފަހުން 24 ލީގު ގޯލު ޖަހައިފަ އެވެ. މިއީ އެހެން ކުޅުންތެރިންނަށް ވުރެން ހަތް ގޯލު ގިނަ އަދަދެކެވެ.

ވާޑީ ޖެހި ދެ ގޯލުގެ އިތުރުން ރޭ ކުޅުނު މެޗުގައި ލެސްޓާއަށް ގޯލުތައް ޖަހައިދިނީ ކެލެޗީ އިހެނާޗޯއާއި ޖޯނީ އީވާންސް އެވެ. އެސްޓޮން ވިލާއިން މެޗުގައި ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖެކް ގްރީލިޝް އެވެ.

comment ކޮމެންޓް