މެންބަރުންގެ ހާޒިރީ ރަނގަޅު، ހުރިހާ ޖަލްސާއަކަށް 39 މެންބަރުން

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގައި، މަޖިލީހުގެ ހުރިހާ ޖަލްސާއަކަށް ހާޒިރުވި މެމްބަރުންގެ އަދަދު އިތުރުވެ، ދެވަނަ ދައުރަށް ވުރެ ހާޒިރީ ރަނގަޅުވެފައިވާ ކަމަށް މަޖިލީހުން އާންމުކުރި ހާޒިރީ ރިޕޯޓުން ދައްކައިފި އެވެ.

މި އަހަރުގެފަހު ދައުރުގައި ބޭއްވި ހުރިހާ ޖަލްސާއަކަށް ހާޒިރުވީ 87 މެމްބަރުންގެ ތެރެއިން 39 މެމްބަރުންނެވެ. ދެވަނަ ދައުރުގައި ހުރިހާ ޖަލްސާއަކަށް ހާޒިރުވީ 34 މެމްބަރުންނެވެ.

ނިމިގެން މިދިޔަ ދައުރުގައި އެންމެ ގިނައިން ރަސްމީ ދަތުރުތަކުގައި އުޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެވެ. ރަސްމީ ދަތުރާއި މަޖިލީހުގެ ދަތުރުގެ ސަބަބުން ހިސާން އަށް 13 ޖަލްސާއަށް ހާޒިރުނުވެވުނު އިރު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއަށް ރަސްމީ ދަތުރުތަކުގެ އުޅުއްވުމުގެ ސަބަބުން 12 ޖަލްސާއަށް ވަޑައިނުގަނެވުނެވެ.

ތިންވަނަ ދައުރުގައި އެއްވެސް މެމްބަރަކު ޗުއްޓީއެއް ނަންގަވާފައި ނުވާއިރު އެންމެ ގިނައިން ސަލާމް ފޮނުއްވާފައި ވަނީ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އަދި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އެވެ.

މެމްބަރު ޝާހިދު 11 ދުވަހު ސަލާމް ފޮނުއްވާފައި ވަނީ ބަލިވެ އުޅުއްވުމުގެ ސަބަބުންނެވެ. މެމްބަރު ޔާސިރު ނުވަ ދުވަހު ސަލާމް ފޮނުއްވީ އެކްސިޑެންޓުވެ ލިބުނު ސީރިއަސް އަނިޔާތަކަކަށް ފަރުވާ ހޯއްދެވުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވަނީ މަޖިލީހުގެ ތިންވަނަ ދައުރާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި، މި ދައުރުގެ މަސައްކަތްތަކަށް ދެއްވާނީ "ބީ ޕްލަސް"އެއް ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން މި ނިމިގެންދިޔަ ދައުރަކީ 63 ދުވަހުގެ "ކުޑަ ދައުރެއް" ކަމަށާއި އޭގެ ކުރީ ދައުރަކީ 94 ދުވަހުގެ ދައުރެއް ނަމަވެސް ދެވަނަ ދައުރަށްވުރެ ތިންވަނަ ދައުރުގެ މަސައްކަތް ރަނގަޅު ކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

މެމްބަރުން ކޮންމެ ދުވަހަކު އަށް ގަޑިއިރު މަސައްކަތްކޮށް، މި ދައުރުގައި ޖުމްލަ 569 ގަޑިއިރު މަސައްކަތް ކޮށްފައިވާ ކަމަށާއި، އެހެންކަމުން މުސާރަ ހަލާލު ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ދެވަނަ ދައުރުގައި ކުރި މަސައްކަތްތައް ނަމްބަރުން:

  • 39 ބިލެއްގެ މަސައްކަތްކޮށް؛ 11 ބިލެއް ނިމިފައި.
  • 17 ގަރާރެއްގެ މަސައްކަތްކޮށް؛ 2 ގަރާރެއް ނިމިފައި.
  • 18 މައްސަލައެއް ސަރުކާރުން ހުށަހެޅި؛ 17 މައްސަލައެއް ނިމިފައި.
  • 23 މައްސަލައެއް ރިޔާސަތުން ހުށަހެޅުނު؛ 17 މައްސަލައެއް ނިމިފައި.
  • 7 މައްސަލައެއް މެމްބަރުން ހުށަހެޅި؛ 7 މައްސަލައެއް ނިމިފައި.
  • 7 އެހެނިހެން މައްސަލަތަކުގެ ރިޕޯޓު؛ 6 މައްސަލައެއް ނިމިފައި.
  • 24 ފަހަރަށް މިނިސްޓަރުންނާ ސުވާލުކުރަން އެދުނު؛ 12 ފަހަރު ސުވާލު ކުރެވިިފައި.
comment ކޮމެންޓް