އައިޝާ ނަސީމްގެ ފަޔަރ އެންޑް އައިސް 2 - ސެފްރޯން

ކެންޝިން އޭނަގެ މަންމަގެ ކަޅިމަތި ބަލަމުންގޮސް ހިލަތަކުގެ މަތިން ފުންމާފައި ގޮސް ހޮހަޅައަކަށް ވަނެވެ.

"ކެންޝިން......" މިރިއަމް އަށް ގަސްތަކުގެ ތެރެއިން ކެންޝިން ނުފެނުމުން ގޮވަންފެށީ ކަންބޮޑުވުމާއެކުގައެވެ. މިއީ އިފްރީތުންވެސް އައިސް ގޮސްވާ ސަރަހައްދެކެވެ. އެކަނި އެކުއްޖާ އުޅެނިކޮށް ފެނިއްޖެއްޔާ ވަގަށް ނަގާފާނެއެވެ. ކުއްލިއަކަށް ކެންޝިންގެ ވޭނީ ހަޅޭކުގެ އަޑު ވާދީގައި ގުގުމައިލުމުން މިރިއަމްއާއި އެހެން ޖާރިޔާއިން ހޭ ކަނޑާލާފައި އަޑު އައި ދިމާލަށް ދުއްވައިގަތެވެ. ނަމަވެސް އަންހެން ވެރިންނަށް ވުރެ ކެންޝިން ހުރި ހިސާބަށް އެންމެ ކުރިން އާދެވުނީ ކާރމަންއަށެވެ. އޭނަގެ ފަހަތުން ކަހަލަގޮތަކަށް ސެފްރަން އަރާ ހަމަކުރިއިރު ކާރމަން ކެންޝިން އުރާލާފައި މޫނާއި އެތަން މިތަނުގައި ބޮސްދީފައި އޭނަ މަސަލަސްކުރަން އުޅެއެވެ.

"ބައްޕަގެ ފުރާނަޔާ. ދަރިފުޅު ކިހިނެއްވީ ކޮންކަމަކާ ބިރުގަތީ؟" ކާރމަން ސުވާލުކުރަމުން ދިޔައެވެ.

ސެފްރަން ފެނުމުން ކާރމަން ކުޑަކޮށް ޖެހިލުންވި ކަހަލަ ގޮތަކަށް ބަލާލާފައި އަވަހަށް ދަރިފުޅު ސެފްރަން އަތަށް ދިއްކޮށްލިއެވެ. އޭނަގެ ޖުމްލަ އިވުނުކަމެއް ނުވަތަ ނޫންކަމެއްވެސް ޔަގީނެއްނުވިއެވެ. އޭރު މިރިއަމްވެސް އައިސް ސެފްރަންއާއިއެކު ދަރިފުޅުގެ ގައިގާ ބައްދައިގެންފިއެވެ. އެންމެން ކަންބޮޑުވުމާއެކު ސުވާލުކުރަން ފެށުމުން ކެންޝިން ބުނީ ކަޅުކުލައިގެ ފިޔަގަނޑެއްލީ މަޚުލޫގެ ހޮހަޅައިން ނިކުމެގެން އުދުއްސައިގަތްތަން ފެނުނީ ކަމުގައެވެ. ސިފަކޮށްދިން ގޮތުން ވައްތަރުވީ ވެމްޕަޔާ ވާލަކާއެވެ. ޖިންނިކުދިންވެސް ބައެއްފަހަރު އެގޮތަށް ބިރުގަންނަ އެއްޗެހިތަކެއް ހުރުމަކީ އެކަށީގެންވާކަމެއް ކަން އެކުއްޖާ އުޅުނުގޮތުން އެންމެނަށް އެނގުނެވެ.

ސެފްރަންގެ ހިތުގައި ސުވާލު އުފެދުނީ އޭނަ ހުރިކަން ނޭގި ކާރމަން ދަރިފުޅު ކިޔާފައި ވާހަކަދެއްކި ގޮތުންނެވެ. އޭނަގެ އަމަލު ހުރީ އެފަދަ ވަގުތެއްގައި ބައްޕައެއްގެ އަމަލު ހުންނާނެ ފަދައިންނެވެ. އަދި ކާރމަން ކިތަންމެ ވަރަށް ޝުއޫރުތައް ފޮރުވުމުގައި ކާމިޔާބު ކުރިނަމަވެސް ސެފްރަންއަށް އެލޮލުގެ ކުލަވަރުން ކިތަންމެ އެއްޗެއް ދޭހަވިއެވެ. ހިތުގައި ޝައްކުތަކެއް އުފެދުނަސް އެނގުނު ކަމަކަށް އޭނަ ނެހެދިއެވެ. ނަމަވެސް ހިތުގައި އުފާވެރިކަމުގެ އޮއިވަރެއް ހިނގައި ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. ޒޭބްއާއިމެދު މަންމައެއް ނަޒަރުން ނުދެކެވޭ ފަދައިން ކެންޝިންއާއިމެދު ދަރިއެއްގެ އިހުސާސްނުވަނީ ކީއްވެތޯ އަމިއްލަ ނަފުސާއި ސުވާލުކުރެވުނު އަދަދެއްވެސް ނޭގެއެވެ. ޒޭބްވަނީ އޭނަގެ މަންމައަކީ އޭނަ ކަމުގައި ދައުވާކޮށްފައެވެ. ނަމަވެސް ފެންނަ ފެނުމަށް ޒޭބް މަންމައަކަށްވާ ވަރަށްވުރެ ހަނގުކަމަށް ދައްކައެވެ. ދެން ހުރީ ކެންޝިންއެވެ. އޭނަގެ އެންމެ ސިފައެއްވެސް ލިބިފައެއް ނުވެއެވެ. މިރިއަމް ބުނާގޮތުން އެއީ ސެފްރަންގެ ދަރިއެކެވެ. އެކަމަށް ބުރަވާފަދަ ހެއްކެއް އަމިއްލަ ނަފުސަކަށްވެސް ހޯދިފައެއް ނެތެވެ. ނަމަވެސް އޭނަ ކެންޝިންއަށް އަޅާލައެވެ. ލޯބިދެއެވެ. އޭނަގެ ނަން ދިނެވެ. ނަމަވެސް ދަރިފުޅާއޭ ކިޔައިގެން އަދި ދުވަހަކު އޭނަ ކެންޝިންއާއި މުޚާތަބުކޮށްފައެއް ނުވެއެވެ. "ދަރިފުޅު" އެއީ އޭނައަށް ބީރައްޓެހި ލަފުޒެކެވެ. މައިންބަފައިންނާއި ދަރިންނާއި ދޭތެރޭ އޮންނަ އެ ގުޅުން އޭނައަށް ދަސްވެފައެއްނެތެވެ.

***

ކެންޝިންގެ އުފަންދުވަސް ފާހަގަކުރަން ބޭއްވުނު ޖާފަތެކެވެ. ކޯރުގައިވާ އެތައް ހާސް ޖަލިޔާތައް އޮތީ ހުޅުދާންކޮށްލާފައެވެ. ހަނދުވަރުގެ ފަނޑު އަލިއާއި އަލިފާނުގެ ކުލަތައް އެކުވެ ކޯރު ފެންނަލެއް ޖާދުވީކަމާއި ފުރިހަމަކަމުން މިސާލެއްފަދައެވެ. ޖާފަތަށް ރަސްގެފާނު އަޒްކީލްއާއި އާއިލާ އަދި ޝާހީ އެހެން މެމްބަރުން އަންނަންފެށީ ރަސްމީ އިއްޒަތުގައެވެ. އެއްވެފައިވާހާ ޖިންނިންނާއި ކުދިންތައް ބޯގުދުކޮށްލައިގެން ކުރުނީސްކުރިއެވެ.

ކުޅިވަރާއި ކެއުން ކުރިއަށް ގެންދިޔައީ އެކީގައެވެ.

ލަޝްކަރުގެ އިއްޒަތްތެރި ވެރިޔާ ކާރމަން ތަންކޮޅެއް ދުރުގައި އެކަނިމާއެކަނި އިންއިރު ކުރިމަތީގައި ހުރި ރިހިތަށީގައި ހުރި ކާއެއްޗެހީގައި އަތެއްނުލައެވެ. ސެފްރަން ކާރމަންގެ ހުރިޙާ ހަރަކާތެއް ބެލިއެވެ. އެތައްފަހަރު ކެންޝިންއަށް ނަޒަރު ހުއްޓާލާއިރު މޮޅިވެރިކަމާއި ހިތާމަ ފެންނާން ހުއްޓެވެ. ސެފްރަން ތެދުވެގެންގޮސް ކާރމަންގެ ކައިރީ މަޑުކޮށްލިއެވެ.

"ކޮންކަމަކާ މޫޑީވެފަތަ؟ " ސެފްރަން އެހިއެވެ.

"އަތުން އެއްޗެއް ބީވެދިޔުމުން ކުރެވޭނެ އިހުސާސްއާއި ލޯބީގެ މަތިވެރިކަމެއް އަހަންނަށް އަދިވެސް ނޭގޭ. މިވޭތުވެ ދިޔަ ހަޔެއްކަ އަހަރުތެރޭގައި މިކަހަލަ ވާހަކައެއް ނުދެކެވޭ. އެކަމަކު އެކުވެރިއެއްގެ އެންމެ އަގުބޮޑު ޖަވާހިރު ފޭރިގަނެ ހިތަށް އަނިޔާދެވިފައިވާކަން އެނގޭ. އެކަމާ ވަރަށް ދެރަވޭ. އަހަރެން ސިއްރެއް ބުނެފާނަން. އަދިވެސް އަހަންނާއި މިރިއަމްއާއި ދޭތެރޭ އެއްވެސް ގުޅުމެއްނެތް. އަހަންނާއި މިރިއަމްގެ ކައިވެނި ކުރެވުނީ ނަމެއްގައި. އެއީ އެކުވެރިޔާގެ އަމާނާތެއްގެ ގޮތުގައި އަދިވެސް ދެކެވެނީ..އުއްމީދު ގެއްލުވާނުލާ. ހުވަފެންތައް ހަގީގަތަކަށްވާނެ އިންޝާﷲ............." ސެފްރަން ކުށްވެރި އިހުސާސްތަކާ އެކު ވާހަކަދެއްކިއެވެ.

"ސެފް ތިހެން ނަހަދާ. މިރިއަމްގެ ހިތް ހަލާކު ނުކުރޭ..." ކާރމަން ބޯ ހޫރައިލިއެވެ.

"އަހަންނަށް ގަބޫލު ކުރެވޭ. ކާރ އާއި މިރިއަމް ހައްދަވާފައިވަނީ އެކަކު އަނެކަކަށްޓަކާކަމުގައި އިހުސާސް ކުރެވޭ. އެކަން މިރިއަމް ގަބޫލުކުރާނެ ދުވަހެއް އަންނާނެ. ދިގު އިންތިޒާރެއްގެ ނިމުން ސްވީޓްވާނެ އިނގޭ ކާރ....." ސެފްރަން ހީލިއެވެ.

އޭނަގެ ހިތުގެ ހާލަތު އެންމެ ރަގަޅަށް އެނގޭނެ އެއްފަރާތަކީ ސެފްރަންއެވެ. ނަމަވެސް ކަންތައް ހިނގިގޮތުން އޭނައަށް މަޖުބޫރުވީ އެ ޖަޒުބާތުތައް ހިތުގެ އެންމެ ފުންމިނުގައި ވަޅުލާފައި އެ ލޯބި ހަނދާން ނައްތާލާށެވެ. އޭނައަށް މަގުއޮޅި ކުރެވުނު ފާފައިގެ ނިޝާން ދުނިޔެއަށް ނޭވާލާކަން އެނގޭ ދުވަހަކުން އެތައްބަޔެއްގެ ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރުކުރާނެއެވެ. ފުރާނަ ގުރުބާންކޮށްގެންވެސް އޭނަ އެ ސިއްރު ހިފަހައްޓާނެއެވެ. އޭނަގެ އެކަނިވެރިކަމާއި މަޑުމައިތިރިކަން އެއީ މިޒާޖުގެ ބަޔެކެވެ.


***

ފަސްއަހަރަކީ ޖިންނިންނަށް އެހާ ދިގު މުއްދަތެއް ނޫނެވެ. އަޒްކީލް ރަސްކަމުގައި އަހަރުތަކެއް ވާންދެން ބަހައްޓަން ގަންދީޝާއާއި ޒުއްނޫރީން ނިންމީ އެހެން ބަޔަކަށް ޝައްކުވިޔަ ނުދިނުމަށެވެ. އެދުވަސްތަކުގައި ގަންދީޝާ އުޅޭވަރުން އަޒްކީލްގެ ދެމަފިރިންނަށް އޭނައަށް އިތުބާރުކުރެވުނެވެ. އަޒްކީލްގެ މަންމަގެ މަގާމުގައި ހުރީ ހިތްނުބައި ދޮންމަންމައެއްކަން ދުވަހަކުވެސް ހިތަކަށް ނާދެއެވެ.

ބައްޕައަށް ކުރި އިހުތިރާމްގެ ސަބަބުން ފަސް އަހަރުވާންދެން އަޒްކީލް އޭނަގެ ބައްޕަގެ ބޮޑުވަޒީރު އޭނަގެވެސް ވަޒީރަކަށް ބެހެއްޓިއެވެ. އޭނަ ނިޔާވުމުން އެ މަގާމަށް ސެފްރަން ގެނައެވެ. ކިތަންމެ ޅަ ނަމަވެސް ސެފްރަން ގެންނަންވާ ބަދަލުތައް ގެނެވޭނީ އޭނައަށް ބާރުތައް ދީގެންނެވެ. ސެފްރަންއަށް އެ ބާރު ލިބުމާއެކު އެންމެ ކުރިން ކުރި މަސައްކަތަކީ ބެންތިކް އައިލެންޑްގައިވާ މާރިދުންތައް ކައިރީގައި އޮތް އެހެން ރަށެއްގައި ވަޒަންވެރިކުރުވީއެވެ. ފައްޅިތައްވެސް ތަޅައިލިއެވެ. ހުރިހާ ނަސްލަކާއި ކުދި ކުދި ގަބީލާތަކަށް ވެރިން ލާފައި ކުދި ރަށްތަކުގައި ވަޒަންވެރިކުރުވީއެވެ. އޭރުން އެބަޔެއްގެ ރަށުގައި ބޭނުން ދީނަށް އުޅެވޭނެއެވެ. އެކަމަކު މުސްލިމް ނޫން ފަރާތްތަކުން ޖިޒީ ދައްކަން މަޖުބޫރުކުރިއެވެ. ސެފްރަން ގެނައި ބަދަލަށް ރުހިގެން އެންމެން ތިބީ އެހެން ގޮތެއް ނެތީމައެވެ. އަދުލު އިންސާފު ގާއިމު ކުރާނެ ކަމަށާއި ރައްކާތެރިކަން ދޭނެކަމުގެ ޔަގީންކަން ސެފްރަން ދީފައިވާތީއެވެ. ޖިޒީދިނުމުން އެމީހުންނަށް ކާފަރުން ރައްކާތެރިކޮށް ބެެލެހެއްޓުމުގެ ޒިންމާ ބޮލުގައި އެޅޭނެއެވެ.

ދުވަހަކު އެ ގަބީލާތަކުގައި ނެތްވަރަށް ސުލްހަވެ އެންމެން އަމާން އޮމާންކަމާއެކު ދިރިއުޅުން ކުރިއަށް ގެންދިޔައެވެ.


***

އާރްޔާ ހޫނުފެނުން ފެންވަރާލުމުން ފިނީގެ އަސަރުތައް ކުޑަވިއެވެ. ކުރިން ބޮބްކަޓެއް ނަގާފައި ވި ފަންއިސްތަށިގަނޑު މިހާރު އުނަގަނޑަށްވުރެ ތިރިއަށް އޮވެއެވެ. އިސްކޮޅުން ދެމިލާ ބައްޓަންތައް ރީތި ފުރިހަމަ އަންހެންކުއްޖަކަށްވީ ޖިންނިންގެ ތެރޭ އުޅެއެވެ. އެތައް ހިތި ތަޖުރިބާއެއްވެސް ކުރެވިއްޖެއެވެ. މި ފާއިތުވެދިޔަ ފަސްއަހަރު އޭނަ އުޅުނީ ވަރަށް ހާލުގައެވެ. މިއަނދިރި ދުނިޔޭގައި ލޯބިވާ އެންމެ ފަރާތެއް ނުފެނި މާޔޫސްކަމުގައެވެ. ފަހުން ހިތްވަރުގަދަވިއެވެ. އޭނަ ވަކީލުކުރީ އެންމެ ފަރާތަކަށެވެ. މަސައްކަތުގައި އުޅެފައި ލިބޭ ކޮންމެ ވަގުތެއް ހުސްކުރީ ނަމާދުކުރުމާއި ގުރުއާން ކިޔެވުމުގައެވެ. ވިސްނުންތެރިކަމާއެކު ތަރުޖަމާ ރަަގަޅަށް ކިއެވެ. ބައެއްފަހަރު ނިދަން އޮށޯވެފައި އޭނަ ދުޢާކުރެއެވެ. އާއިލާގެ އެކި މީހުންގެ ނަމުން ގޮވާ ޝަކުވާކުރެއެވެ. ސެފްރަންގެ މަތިން ހަދާން ނައްތައިލަން އުޅުނަސް އެކަމެއްވެސް ނުވިއެވެ. އެކަނިވެރިކަމާއި ނިކަމެތިކަމުގައި މުޅި އުމުރު ހޭދަކުރަން ޖެއްސީ އެންމެ ލޯބިވި އެއް ފަރާތެވެ.

އާރްޔާ އަށް ގަންދީޝާގެ ޚާއްސަ ޚާދިމާއެއްގެ ޝަރަފު ލިބުމުނީ އަހަރެއްހާ ދުވަސް ކުރިންނެވެ. އެއާއެކު މަސައްކަތް ލުއިވިއެވެ. ބޮޑު ކައްކާގެ އަނިޔާވެރި މުށުތަކުން ސަލާމަތްވިއެވެ. ގަންދީޝާގެ ޚާދިމާއިން ތިބެނީ ޚާއްސަ ޔުނިފޯމެއްގައެވެ. އެހެދުން ލީއިރު ބުރަކަށީގައި އިންތިހާއަށް ވޭންއެޅިއެވެ. ހާދަހާ ތަދުއެބަވެއެވެ. ތުންފަތުގައި ދަތް އަޅާލައިގެން އިރުކޮޅަކު ހުރެފައި ބޮލުގައި ސްކާފް އޮޅައިލިއެވެ. އަމިއްލަ ސޫރަދެކެން ބޭނުންވިޔަސް ލޯގަނޑެއް ނެތެވެ. އޭނަ ހުންނަ ސިފަވެސް ހަދާން ނެތިއްޖެ ކަހަލައެވެ. އިރުގެ އައްޔާއި ނުލާ މިހާ ޒަމަންވާންދެން އުޅުމުން ހަންގަނޑު ކިރުކުލައަށް ބަދަލުވެއްޖެއެވެ. ކާކޮޓަރިއަށް ވަދެފައި މެންދުރު ފަރިއްކޮޅު ހިފައިގެން ހިނގައިގަތީ ގަންދީޝާގެ ކޮޓަރިއަށެވެ. އެނައާއި ޒުއްނުރީން ހީހީފައި ދެއްކި ވާހަކައިގެ ބަޔެއް އިވި އާރްޔާގެ ހިތަށް ފިނިވިއެވެ.

"އޭނަ ނިދަން އޮތްވާ މި ޚަންޖަރު ހަރައިލާ ލަހެއްފަހެއް ނެތި މަރުވާނެ. އިތުރު އެއްވެސް މީހަކަށް ހިލަމެއްނުވާނެ." ޒުއްނޫރީންގެ އަޑު އިވުމުން އާރްޔާގެ ދެލޯ ބޮޑުވިއެވެ.

"ނޫނޭ އެކަހަލަ ޚަންޖަރަށްވުރެ މި ކާންދީގެން ވިހަކޮށްލައިގެން މަރައިލާނީ. އަހަރެން ޖަލްޖާލޫތު މަަރައިލީވެސް އެގޮތަށް ވިހަދީގެން. އެކަކަށްވެސް ރޭކާލިތަ؟ ޒަބްދުއަކީ އަޒްކީލްއަށް މާ މީީރުވެެގެން ކައި އުޅޭ އެއްޗެއް. އަހަރެން އެ ގަނޑުވަރަށް ގޮސް އޭނައަށް އެ ކާންދީފާނަން. މަށަށް ވަރަށް އިތުބާރުކުރޭ. މަރުވިޔަސް ކާނާއާއިމެދު ޝައްކެއް ނުކުރާނެ..ދުވަސްކޮޅަކުން ސެފްރަންވެސް ވީނުވީއެއް ނޭގި މަރުވާނެ........" ގަންދީޝާ ނުލަފާ ހުނުމަކާއެކު ކިޔާލައިފިއެވެ.

އާރްޔާ ފަހަތަށް ޖެހެމުން ޖެހެމުންގޮސް ކާކޮޓަރިއަށްވަދެ ތަބައް މޭޒުމަތީ ބެހެއްޓިތަނާ ހޮޑުނައީ ހަމަ ކިރިޔާއެވެ. ބިރުންގޮސް އޭނަގެ މޭގަނޑު ލުއްސާލައިގެން އައިސްދާނެފަދައެވެ. ސެފްރަންއަށް ނުރައްކަލެއްވާން އުޅޭކަން އެނގުމުން ބިރާއިއެކު ހިތާމަވެސް އޭނަގެ މުޅި ހަށިގަނޑު ރޫރޫ އަޅުވާލައިފިއެވެ. ދެލޯ ކަރުނުން ބަރާވިއެވެ.

"ކިހިނެއްވީ އާރްޔާ؟ " އެހެން ޖާރިޔާއަކު އަހައިލިއެވެ.

"ކުޑަކޮށް ބަލިވީ. މި ހިފައިގެން ގޮސްދީފާނަންތަ؟ " އާރްޔާ އެދުނެވެ. އާރްޔާގެ ސިކުނޑި އޭރު މަސަައްކަތް ކުރަމުުން ދިޔައީ ސެފްރަންއާއި އަޒްކީލް ސަލާމަތްކުރުމާއި މެދުގައެވެ. އާކްޓިކް ކަނޑުން މައްޗަށް އެރޭނެ މަގެއްވެސް އޮންނާނެއެވެ. އެމަގު ހޯދަން އޭނަ މި ފަސްއަހަރުތެރޭ ނުކުރާކަށް މަސައްކަތެއް ނެތެވެ. ސެފްރަންއާއި އަޒްކީލްގެ ގާތް އެކުވެރިކަމުގެ ސަބަބުން އާރްޔާގެ ހިތުގައި އަޒްކީލްއަށް ޚާއްސަ ގަދަރެއް ދެވިފައިވިއެވެ. ސެފްރަންއާއިމެދު ހިތުގައި އޮތް ޚާއްސަކަމުގެ ވާހަކަ ދައްކާނެ ކަމެއް ނެތެވެ.

"އަޒްކީލްއަކީ ކިންގް އަދި ސެފްއަކީ ބޮޑުވަޒީރުކަން އެނގޭ. ގަންދީޝާ އަމިއްލަ ދަރިފުޅު މަރައިލަން ރާވަނީ ކީއްވެތަ؟ ކޮންމެވެސް ބޭނުމެއްނެތި އެހެން ނޫޅޭނެއްނު. ވިޗް...........އޯ ގޯޑް. މުޅި ލައިފް ވޭސްޓްވެގެން މިދަނީ މި ނުލަފާ ޖިންނި ދައިތަމެންނަށް ސާވްކޮށްގެން ހުރެ. މިއީ އަދި ލައިފެއްނޫން. ކޮންމެ ގޮތެއް ހަދާފައިވެސް މިތަނުން ނިކުންނަން އެބަޖެހޭ. މިއިންތަނެއް ފަޅާލައިގެން އާކްޓިކް ކަނޑަށް އެރުނަސް މިއަށްވުރެ މާ ރަގަޅު...އެކަމަކު...ސެފް......ކިހިނެއް އަހަރެން ހަދާނީ. މިތާގައި ފްރެންޑެއްނެތް....."

"އޯނޯ އޯނޯ މިއީ އާދައިގެ ކަމެއްނޫން. ކިންގްއާއި ބޮޑުވަޒީރު އެސެސިނޭޓްކުރަން ރާވާއިރު އަހަރެން ވީ ހިމޭނުން ހުންނަންތަ؟ ކިތަންމެ ބޮޑު ރިސްކެއް ނަގައިގެންވިޔަސް މި ތަނުން ނިކުންނަން އެބަޖެހޭ................" އާރްޔާ ދެކޮޅަށް ހިނގާލަ ހިނގާލާ ހުރެފައި ދެއަތް މައްޗަށް ނެގިއެވެ. "ޔާﷲ. ޕްލީޒް ހެލްޕް މީ. ޕްލީޒް މިތަނުން ނިކުމެވޭނެ މަގެއް ދައްކަވާދޭ...އާމީން"


އާރްޔާ ގަނޑުވަރުން ނުކުތެވެ. ރަތްގާ އެޅި މަގުތަކެވެ. ބައެއް މަގުތަކުގައި އެހެން ކުލަ ކުލައިގެ ވެލިއަޅާފައި ހުރެއެވެ. ކޮންމެވެސް ވަރަކަށް ކަނޑުގެ ތެތްކަމާއި ފިނިކަން ހިފާލާފައިވާއިރު ބައެއްފަހަރު ތޫފަނެއްގެ އަޑުފަދައިން ބިރުވެރި އަޑުފަށްގަނޑެވެ. އެހެން ކަހަލަ ވަހެއްވެސް ހުރެއެވެ. ބަންދުކަމެއް އިހުސާސްކުރެވުނަސް ނޭވާލެވޭކަމީ ނަސީބެކެވެ. ޖިންނިން ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވަނީ އެހެން ގޮތަކަށް ކަމަށް ވެދާނެއެވެ. ކަނޑުގެ އަޑީގައި މިއޮތީ ސިޓީއެއް ހަދާފައެވެ. ބައެއްފަހަރު ހޮހަޅުތަކަށް ވަދެވެއެވެ. އެތަންތަނުގައި ކޮންމެވެސް ވަރަކަށް ފެން ހުރެއެވެ. ނަމަވެސް ފިނިގަދަކަމާއެކު ކަކުނި އެއްޗެހި އުޅޭތީ އެތަންތަނާއި އޭނަ ދުރުހެލިއެވެ.

މަގުން ދިޔަ ކުދިންތަކެއް ދުވެފައި ދިޔައީ ނިކަން ބާރަށެވެ. ފެނުމާއެކު އެކުދިން ގެއްލުނެވެ. އެހާވެސް ބާރު ސްޕީޑެއްގައި ދިޔަގޮތުން ގައިން ހީބިހިނެގިއެވެ. ޖިންނިކުދިންތައް ފެނި ފެނި އެކުދިންގެ ހަރަކާތްތައް އެހެން ހުންނައިރު އަދިވެސް ސިހުން ނުކެނޑެއެވެ. އޭނަ އަބަދުވެސް ފުއްޕާހަންދެކެ ބިރުގަންނަފަދައިންނެވެ. ފުއްޕާހަމެއް ފަޅައިލުމުން ސިހޭގޮތްވާއިރު އެހާ ބިރުވެސް ގަނެއެވެ. އެކަނި އައި ދިގުކޮށް ހިކި ހޯލިކޮޅެއްހެން ހުރި ޖިންނި ކުއްޖަކު ދެލޯ ދިއްލައިލަމުން ސިންގާއެއްހެން ދަތްތައް ދިލުވާލާފައި ވައްތަރެއް ޖައްސައިލިއެވެ.

"އައްޗި ކޮން ހުތުރު ވައްތަރެއް ޖައްސަނީ ޖިންނިގަނޑު..." އާރްޔާ ދިވެހި ބަހުން އެއްޗެހި ކިޔާލާފައި އެކުއްޖާހެދިގޮތަށް އަނގަޔަށް ވައްތަރެއް ޖެއްސިއެވެ. އަދި ފައިވާން ކިބަ ނެގުމުން އެކުއްޖާ އަޅާއިތިކޮށް ދުއްވައިގަތުމުން އާރްޔާ ހިނި އައެވެ.

ޖިންނިންނާއެކު އުޅެންވާނީ ޖިންނިން އުޅޭގޮތަށެވެ.

"ވެން އިން ރޯމް ޑޫ އޭޒް ދަ ރޯމަންސް ޑޫ...." އާރްޔާ ކިޔާލިއެވެ. އާރްޔާ މަގުމެދުން ލާފައި ކުރިއަށް ހިނގައިގަތެވެ. ގަނޑުވަރުތައް ފަހަނަޅާގޮސް މިސްކިތާއި އަރާހަމަވިއެވެ. ސޯލިހު ޖިންނިންތައް މިސްކިތް ތެރޭ ނަމާދުކުރުމާއި އަޅުކަމުގައި ތިބޭ މަންޒަރު ފެނުމުން އާރްޔާ އުފާވިއެވެ. މިތާ އުޅޭއިރު ފާހަގަކުރެވެނީ ޖިންނިން އޭނައާއި އަޅައިގެން ދިމާކޮށް ނަހަދާކަމެވެ. މަގުމަތީ އެކަނި އުޅުނަސް އަމާންކަން އިހުސާސްކުރެވެއެވެ. އަދި ދުއްވާ އުޅަދުތައް ނެތުމުން މަގުތައް އޮންނަނީ ހިތަކަށް ލިބިފައެވެ. ބޮޑަށް އެެހެން އެވީ ސެފްރަންގެ ގާނޫނަކުންނެވެ. ހުރިހާ މާރިދުން އެހެން އަވަށްތަކަށް ދިޔުމުން މި ސަރަހައްދު ހަމައެކަނި މުސްލިމް ބެންތިކް ޖިންނިނަށް ޚާއްސަވީއެވެ. މިސްކިތާއި ޖެހިގެން ހުންނަ ލައިބްރަރީއަކީ އޭނަ ހުސްވަގުތު ފޫހި ފިލުވައިލަން ޖައްސާތަނެކެވެ. އެތާގައި ޖިންނިންގެންގުޅޭ ފޮތްތަކުން ފެށިގެން އިންސާނުންގެ މޮޅު ލިޔުންތެރިންގެ މާސްޓަޕީސްތައް ހިމެނެއެވެ. ދީނީފޮތްތަކާއި މުސްހަފުހުރެއެވެ. ދެން ނިކުމެވުނީ ފިހާރަތައް ހުރި މަގަކަށެވެ.

އޭނަ ފަދައިން މުޅިންވެސް ފެންނަނީ ކަޅުކުލައިގެ އެއްޗެހިން މޫނުގެ ބޮޑު ބަޔަކާއެކު ފޮރުވިގެން ތިބޭ ޖިންނިންނެވެ.

"މިތަނުން ބެންތިކް އައިލެންޑަށް ދެވޭނެގޮތް އަހާނީ ކާކު ކައިރިންބާ...." އާރްޔާ ފޮތި ފިހާރައެއްގެ ކައިރީ ހުއްޓިލައިގެން ހުރެ ވިސްނަމުން ދިޔައެވެ. "ކަނޑުގައި ފަތާފައިވިޔަސް އައި ވިލް ގެޓް އައުޓް އިންޝާﷲ.....ގޯޑް ގިވް މީ ސްޓްރެންތް. ރަގަޅު މުސްލިމް ކިންގަކު ނައްތާލަން މި ވިޗުން މަސައްކަތްކުރާކަން އެނގިހުރެ މަޑުން ހުރެއްޖެއްޔާ އޭގެ ބައިވެރިޔަކަށްނު ވާނީ. ސެފްރަން ޝުޑް ނޯ..އޭގެފަހުން އޭނަ ބުނީ ސެފް އޯ މަރާލާނީ...ފުރާނަ ގުރުބާންކޮށްގެންވެސް ސެފް ސަލާމަތްކުރާނަން އިންޝާﷲ......"

ފިހާރައެއްގެ ތެރޭ ހުރި ބެންތިކް ޖިންނިއަކު ލޯ އަޅާލައިގެން ހުންނަން ފެށުމުން އާރްޔާ މޫނުމައްޗަށް ހޫޑީ ވައްޓާލަމުން ކުރިއަށް ހިނގައިގަތެވެ.

***

އަޒްކީލްއާއި ޒޭބް ކާންވެގެން ތައްޔާރުވެލިތަނާ ގަންދީޝާ ސަލާމް ގޮވާލާފައި ވަނެވެ. ފަހަތުން ޖާރިޔާއަކު ތަށިބަރިއެއް ގެނައެވެ. ސަލާމް ގޮޮވައިލުމުން އަޒްކީލްގެ ދެމަފިރިން ސަލާމް ބަލައިގަންނަމުން އަދަބުވެރިކަމާއެކު ކޮޅަށް ތެދުވެއްޖެއެވެ.

"ރަގަޅު ގަޑިއަށް މި އާދެވުނީ. މުންނު ބާނޫ ކާއެއްޗެހި ތަށިތަކަށް އަޅާބަލަ...." ގަންދީޝާ ބުނެލިއެވެ. "މަންމަވެސް ކުދިންނާއެކު ކާނީ....."

ގަންދީޝާ ޒަބްދު އަޅާފައިހުރި ތަށިން ކޮންމެ ކުއްޖަކަށް އަޅާދީފައި އަޒްކީލްގާތު ތަށްޓެއް ބެހެއްޓިއެވެ. އެނަ ގަނޑުވަރުން ގެނައި ކޮންމެ އެއްޗެއްވެސް އެންމެންނަށް ކާންދޭން މަސައްކަތްކުރިއެވެ. ރަހަމީރު ކާނާތަކެވެ. ކޮންމެ އެއްޗަކުން ޒޭބްވެސް ރަހަބެލިއެވެ. ކައި ނިމެން އުޅެނިކޮށް ބޭރުތެރެއިން މީހެއްގެ ހިލަންވެގެން ގަންދީޝާ ނުކުމެފައި އަޒްކީލްއަށް ގޮވައިލިއެވެ.

"ދަރިފުޅާ. ސެފެރު....." ގަންދީޝާ ބުނެލިއެވެ. "ނޭގޭ ވަރަށް މުހިއްމުކަމަކު ނިކަން އަވަހަށް ނިކުމެ ބަލާށޭ........"

އަޒްކީލް ޒަބްދުތަށި އެއްކޮށް ހުސްކޮށްލާފައި ދާން ހިނގައިގަތުމުން ގަންދީޝާގެ ތުންފަތަށް ނުލަފާ ހިންޏެއްވެރިވިއެވެ. ފަސްވަރަކަށް މިނިޓް ނުވަނީސް އެންމެނަށް ސިހި ދުއްވައިގަނެވުނީ ބޭރުތެރެއިން އަޑުގަދަވެގެންނެވެ.

(ނުނިމޭ...)

https://sun.mv/128489

comment ކޮމެންޓް