"ވޮންޑާ ވުމަން"ގެ ޓްރެއިލާ ކޮންމެހެން ވެސް ބަލަން ޖެހޭ!

"ވޮންޑަރ ވުމަން 1984" ފިލްމުގެ ޓްރެއިލަރުން މަންޒަރެއް --- ފޮޓޯ : ވޯނަރ ބްރޯސް

ޑީސީ ޔުނިވާސްއިން ފަހުގެ ތާރީހުގައި ނެރުނު އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ވޮންޑަރ ވުމަން"ގެ ދެވަނަ ބައިގެ ޓްރެއިލާ އާންމުކޮށް ހުރިހާ ފޭނުން ކެތްމަދުކޮށްލައިފި އެވެ.

"ވޮންޑަރ ވުމަންގެ އާ ފިލްމުން ފެނިގެން ދާނީ 80ގެ އަހަރު ތައްކަމަށް ޓްރެއިލާއިން ވަނީ ހާމަކޮށްފައެވެ. "ވޮންޑަރ ވުމަން 1984" ކިޔާ މި ފިލްމުގެ ޓްރެއިލާއިން ފިލްމުގެ ގިނަ މަންޒަރުތަކެއް ފެނިގެން ދެއެވެ.

އަލަށް ނެރޭ ފިލްމުގެ ލީޑުން މިފަހަރުވެސް ފެނިގެންދާނީ ގަލް ގަޑޮޓް އާއި ކްރިސް ޕައިން އެވެ. އަދި އޭގެއިތުރުން ފިލްމުގެ ލީޑަށް ވަނީ ކްރިސްޓެން ވިގް ވެސް ހިމަނާފައެވެ.

ފިލްމުގެ ޕްރޮޑަކްޝަން ކުންފުނި، "ވޯނަރ ބްރޯސް" އިން ރޭގައި އާންމުކުރި ޓްރެއިލާއިން ފެނިގެންދާ ގޮތުގައި ވޮންޑަރ ވުމަން ކަމަށް ކަމަށް ޑަޔާނާގެ ހަޔާތުގެ މާޒީގެ މަންޒަރުތައް ފެނިގެން ދެއެވެ. އެގޮތުން އޭނާ އުޅެ ބޮޑުވި ތަނުގެ ވާހަކައަށްވެސް އެ ފިލްމުގައި ކޮންމެވެސް ވަރަކަށް އަލިއަޅުވާލާފައިވެއެވެ.

ރިޕޯޓުތަކުން ބުނާގޮތުގައި މި ފިލްމުގައި، ޑީސީގެ ސުޕަވިލަން އެއް ކަމަށްވާ "ޗީތާ" ޑީސީ ފިލްމު ސީރީޒް އަށް ތައާރަފުކުރާނެއެވެ. އަދި މައުލޫމާތު ލިބޭގޮތުގައި އެ ރޯލުން ފެނިގެންދާނީ ކްރިސްޓެން ވިގް އެވެ.

ވޮންޑަރ ވުމަންގެ ޓްރެއިލާ އާއެކު އެތައް ބަޔަކު ސޯޝަލް މީޑިއާގައި ދަނީ އެ ޓްރެއިލާއަށް ތައުރީފުކުރަމުންނެވެ. އަދި އެ ފިލްމަށް ކެތްމަދުވެފައިވާ ކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ވޮންޑަރ ވުމަން 1984 ރިލީޒުކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖޫން ހަތަރެއްގައެވެ.

comment ކޮމެންޓް