މިއަހަރުގެ އެންމެ މޮޅު ފިލްމަކީ ކޮރެއާގެ "ޕެރަސައިޓް"

"ޕެރަސައިޓް"ގެ ޕްރޮމޯޝަނަލް ޕޯސްޓަރެއް ---

މިއަހަރުގެ އެންމެ މޮޅު ފިލްމަކީ ކޮރެއާގެ ތްރިލާ ޑްރާމާ ފިލްމު ކަމަށްވާ "ޕެރަސައިޓް" އަށް ލޮސް އެންޖެލެސް ފިލްމު ކްރިޓީކުން ކަނޑަައަޅައިފި އެވެ.

ލޮސް އެންޖެލެސް ފިލްމު ކްރިޓީކުން ރޭގައި ބޭއްވި ބައްދަލުވުމުގައި ވަނީ މިއަހަރު ސިނަމާގައި ފާހަގަކޮށްލެވޭ އެންމެ ވަރުގަދަ ފިލްމުތަކަށް އަލިއަޅުވާލާފައެވެ.

އެ ފަރާތްތަކުން ނިންމިގޮތުގައި މިއަހަރުގެ އެންމެ މޮޅު ފިލްމުގެ އިތުރުން އެންމެ މޮޅު ޑައިރެކްޝަންވެސް ވަނީ އެ ފިލްމަށް ލިބިފައެވެ.

އެންމެ މޮޅު ސަޕޯޓިން އެކްޓަރަކަށް އެ ފިލްމުގެ ސޮންގް ކަން ހޯ އަށް ލިބުނު އިރު އިތުރު ދެ އެވޯޑެއްގެ ދެވަނައަށް އެ ފިލްމު ވަނީ ގޮސްފައެވެ. އެއީ ސްކްރީންޕްލޭ އާއި ޕްރޮޑަކްޝަން ޑިޒައިނެވެ.

އެމެރިކާއިން ޕެރަސައިޓަށް އޮތް ލޯތްބަކީ ބައިނަލްއަގުވާމީ ސިނަމާގެ މަގުބޫލުކަން އިތުރުވަމުންދާ ކަމުގެ ހެއްކެއް ކަމަށް ކްރިޓީކުން ވަނީ ފާހަގަކޮށްފައެވެ.

ލޮސް އެންޖެލެސް ފިލްމު ކްރިޓީކުން އެންމެ މޮޅު ފިލްމަކަށް މީގެކުރީން ހޮވާފައިވަނީ "ރޯމާ" އާއި "އަމޯރ" އަދި "ކްރައުޗިން ޓައިގާ" ފަދަ ފިލްމެވެ. އެ ހުރިހާ ފިލްމުތައް ވަނީ އޮސްކާގެ އެންމެ މޮޅު ފިލްމުގެ އެވޯޑަށް ނޯމިނޭޓްވެފައެވެ.

comment ކޮމެންޓް