އުއްތަމަ ފަނޑިޔާރު ކަމަށް މުއުތަސިމް، ސުުއޫދު ސުޕްރީމް ކޯޓަށް އައްޔަންކޮށްފި

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އާއި އެ ކޯޓްގެ ފަނޑިޔާރު ކަމަށް ހުސްނުއް ސުއޫދު އައްޔަން ކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ހަފްލާގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

އުއްތަމަ ފަނޑިޔާރު ކަމަށް އަހުމަދު މުއުތަސިމް އަދުނާން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހުސްނުއްސުއޫދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފި އެވެ.

އެދެބޭފުޅުން ސުޕްރީމް ކޯޓަށް ހަމަޖެއްސުމަށް މަޖިލީހުން ރުހުން ދިނީ އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ.

ރައީސް އޮފީހުން ބުނީ، ސުއޫދާއި މުއުތަސިމް ހުވާ ކުރެއްވީ މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި ބޭއްވި ހަފްލާއެއްގައި ކަމަށެވެ.

އެގޮތުން އެންމެ ފުރަތަމަ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ރައީސްގެ ކުރިފުޅި މަތީ ކުރައްވައި މަގާމުގެ ފަތްކޮޅު ހަވާލު ކުރެއްވީ، ހުސްނުއް ސުއޫދާ އެވެ. އަދި އެ ހުވާ ހުސްނުއް ސުއޫދަށް ލައިދެއްވީ، ސުޕްރީމް ކޯޓުގައި ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އެ ކޯޓްގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރެއްވި ސުއޫދަށް މަގާމުގެ ފަތްކޮޅު އަރުވަނީ --- ފޮޓޯ ރަީސް އޮފީސް

އެއަށް ފަހު އުއްތަމަ ފަނޑިޔާރު ކަމުގެ ހުވާ މުއުތަސިމްއަށް ލައިދެއްވީ، އަލަށް ފަނޑިޔާރު ކަމުގެ ހުވާ ކުރެއްވި ހުސްނުއްސުއޫދެވެ. އަދި އެއަށް ފަހު ރައީސް ސޯލިހު ވަނީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމުގެ ފަތްކޮޅު އެމަނިކުފާނަށް ދެއްވައިފަ އެވެ. އަދި މުއުތަސިމް ހުވާގެ އިގުރާރުގައި ސޮއިކުރެއްވި އެވެ.

އިނގިރޭސީ ވިލާތުގެ ޔުނިވާސިޓީ އޮފް ގްލަސްގޯ އިން ޓްރާންސްސިޝަނަލް ކޮމާޝިއަލް ލޯ އިން މާސްޓާސް އޮފް ފިލޯސޮފީ ހާސިލް ކުރައްވާފައިވާ މުއުތަސިމް އަދުނާން އަކީ ފެހި ގާނޫނު އަސާސީގެ ދަށުން ފުރަތަމަ 2010 ވަނަ އަހަރު، އެކުލަވާލި ސުޕްރީމް ކޯޓްގެ ފަނޑިޔާރެކެވެ. އެހެން ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2014 ވަނަ އަހަރު ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރި އިރު، އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ.

އުއްތަމަ ފަނޑިޔާރަކަށް އައްޔަން ކުރެއްވި މުއުތަސިމްއަށް މަގާމުގެ ފަތްކޮޅު އަރުވަނީ --- ފޮޓޯ ރަީސް އޮފީސް

އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި، ޑރ. އަހުމަދު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމުމާ ގުޅިގެން މަޖިލީހުގައި ވޯޓެއް ނަގައި އޭނާ މަގާމުން ވަކިކުރުމުން އެވެ.

އޮސްޓްރޭލިއާގެ ކުއީންސްއައިލެންޑް ޔުނިވާސިޓީއިން ގާނޫނީ ދާއިރާ އިން މާސްޓާސް ހާސިލް ކުރައްވާފައިވާ ހުސްނުއް ސުއޫދު އަކީ މީގެ ކުރިން ބަންޑާރަ ނައިބުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އަދި އޭނާ ސުޕްރީމް ކޯޓްގެ ފަނޑިޔާރަކަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދިންއިރު އޭނާ ހުންނެވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލެއްވި، މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަންގެ ރައީސްގެ މަގާމުގަ އެވެ.

މީގެ އިތުރުން އޭނާ ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ގާނޫނީ ދާއިރާއިން ބެޗްލާސް ހާސިލް ކުރައްވާފައެވެ.

މުއުތަސިމް އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރަން މަޖިލީހުން ރުހުން ލިބުނީ، 68 މެންބަރުންގެ ވޯޓުންނެވެ. އަދި ސުއޫދަށް 64 މެންބަރުން ވޯޓު ދެއްވި އިރު، ފަނޑިޔާރު ކަމަށް އޭނާ އައްޔަން ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެބްބަރެކެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމްއާ އެކު ސުޕްރީމް ކޯޓްގެ ބެންޗްގައި މިވަގުތު ފަސް ފަނޑިޔާރަކު ތިއްބަވަ އެވެ. ޖުމްލަ ހަތް ފަނޑިޔާރުން ބެންޗުގައި ތިބޭ އިރު އަދި ދެ ފަނޑިޔާރުން އެ ބެންޗަށް އައްޔަން ކުރަން ޖެހެ އެވެ.

އެއީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަބްދުﷲ އަރީފް ސިއްހީ ސަބަބުތަކަށް ޓަކައި ރިޓަޔާ ކުރައްވާފައި ވުމާއި އަދި އެ ކޯޓްގެ ފަނޑިޔާރު އަބްދުލްޣަނީ މިދިޔަ ބުރާސްފަތި ދުވަހު މަގާމުން ވަކިކޮށްފައިވާތީ އެވެ.

comment ކޮމެންޓް