މަސްވެރިކަމުގެ މޫނުމަތި ބަދަލުކޮށްލާ ޒުވާން މޫނު!

ޒުވާން މަސްވެރިޔާ ހަސަން ސާޖިން، އޭނާގެ ތަޖުރިބާތައް ހިއްސާކުރަނީ-- ސަން ފޮޓޯ/ އަހުމަދު މިޒްޔާލް

"އަހަންނާއެކު އުޅެން ބޭނުމިއްޔާ، މަހަށް ދިއުން ހުއްޓާލާފައި ރިސޯޓަކަށް ދޭ!،" މިއީ ޒުވާން މަސްވެރިޔާގެ ނަމުން މަޝްހޫރުވެފައިވާ ގއ. ގެމަނަފުށީ، 21 އަހަރުގެ ހަސަން ސާޖިންގެ ލޯބިވެރިޔާ އޭނާއާ ވަކިވުމުގެ ކުރިން ދޫކޮށްލި ޖުމްލަތަކެކެވެ. ސާޖިން ހިތް ފޫއަޅުވާލި އެ ބަސްތަކުގެ އަޑު، މިއަދުވީ ކަމެއްހެން އަދިވެސް އޭނާގެ ކަންފަތުގައި ހަރުލާފައި އެބަހުއްޓެވެ.

ބީއެމްއެލް އިން އިސްނަގައިގެން މިފަހުން ބޭއްވި، "ހިނގާ މަހަށް" ދަތުރުގެ ތެރެއިން "ސަން"އާ ވާހަކަ ދައްކަމުން ސާޖިން ބުނީ މަސްވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމުގައި ލިބުނު އެންމެ ބޮޑު ހިތްވަރަކީ، އޭނާގެ ހިތް ކުދިކުދިކޮށްލި އެ ބަސްތަކެވެ.

އުމުރުން އެންމެ 15 އަހަރުގައި އޭނާ މަސްވެރިކަމަށް ނިކުތީ 2014 ވަނަ އަހަރު އެވެ. އޭރު ހުރި ޒުވާން ޖޯޝުގައި މަސްވެރިކަމަށް ނިކުތީ ސްކޫލަށް ދިޔުން ވެސް ހުއްޓާލައިފަ އެވެ. އެ މަސައްކަތާ ހުރެ އޭނާގެ "ލޯބި ދޫނީ" ވެސް، އޭނާގެ އަތުން ދޫވެގެން ދިޔައީ އެވެ. ނަމަވެސް އޭނާ މިއަދު އެންމެ ރިގްރެކްޓް ކުރަނީ ކިޔެވުން އެކީ ނުނިންމާ މަހަށް ނުކުމެވުނީމަ އެވެ. އޭނާ ދެކޭ ގޮތުގައި ކިޔަވާ ނިންމައި ޑިގްރީ ހިފައިގެން ވެސް މަހަށް ނުކުމެވޭނެ އެވެ.

"މަހަށް ނިކުންނަންވީ ކިޔަވައިގެން ތިބި ޒުވާނުންް. ހިތަށް އަރާ ކިޔަވައިގެން މަސްވެރިކަމުގައި ހުރެވުނު ނަމައޭ،" ސާޖިން ބުންޏެވެ.

2014 ވަނަ އަހަރު މަސްވެރިކަމަށް ނިކުތް ހަސަން ސާޖިން-- ފޮޓޯ/ ޒުވާން މަސްވެރިޔާ ޕޭޖް

މަސްވެރިކަމުގެ ލޯބީގެ ތެރެެއަށް ގެބިފައި އޮތް ސާޖިންގެ ހަޔާތުގެ ކުލަތަކާއި މަންޒަރުތައް އެއްގަމަށް ގެނެސްދޭ މެދުވެރިއަކީ "ޒުވާން މަސްވެރިޔާ"ގެ ނަމުގައި އޭނާ ހިންގާ ފޭސްބުކް ޕޭޖަކާއި ޓުވިޓާ އެކައުންޓެވެ. އޭނާ ބޭނުންވަނީ، މަސްވެރިކަމުގެ މަޖަލާއި އުފާ އެ ހިތްހަމަ ޖެހުން އެންމެންނަށް ކިޔައިދޭށެވެ. މާކަނޑަށް ނިކުމެ، މަސްވެރިކަމަށް އޭނާ ނިކުތީ، ލޯބީގެ ހަޔާތުގައި ކުރިމަތިވި ހިތި ތަޖުރިބާއިން ހިތްވަރު ހޯދަމުން އެވެ. ހަޔާތުގައި ދެން ފަހަތަސް އެނބުރި ނުބަލާން އޭނާ އަޒުމް ކަނޑައެޅީ އެވެ.

އެންމެ ފުރަތަމަ، ރިސޯޓެއްގެ ސައިޓް ސުޕަވައިޒަރަކަށް އުޅުމަށްފަހު ލިބޭ އާމްދަނީއާ މެދު ހިތްހަމަ ނުޖެހިގެން މަހަށް ދާން ފެށުމުން ސާޖިން އޭރު ރައްޓެހިވެގެން އުޅުނު އަންހެން ކުއްޖާ އެކަމާ ގަބޫލެއް ނުވި އެވެ. އޭނާ އެންމެ ފަހުން ސާޖިންއާ ވަކިވެ އުމުރަށް އެ ލޯބި ގެއްލުނީ ސާޖިންއަކީ މަސްވެރިއަކަށް ވީތީ އެވެ.

"އޭނަ ބުނީ އޭނާއާ އެއްކޮށް ކުރިއަށް ދާން ބޭނުމިއްޔާ މަހަށް ދިއުން ދޫކޮށްލާފައި ރިސޯޓަކަށް ދާށޭ. އޭނައަށް އޯކޭ މަހަކު 30 ދުވަހު މަސައްކަތްކޮށްފައި 7000 ރުފިޔާ، 8000 ރުފިޔާ ލިބުނަސް. ސައިޓް ސުޕަވައިޒަރެކޭ ބުންޏަސް އުޅުނީ ސިމެންތި ބަސްތާ ނަގަމުން، ދެން އެހެން ގޮސް ކިޔާނެ ކަމެއް ނެތް... ނުކުރާ އެއްވެސް މަސައްކަތެއް ނޯންނާނެ، ފާހާނާ ވެސް ސާފު ކުރަން. އެކަމަކު އޭނައަށް ހަމަ އޯކޭ. ނަން ވަރަށް ރީތިތާ، ސައިޓް ސްޕަވައިޒަރު!" ސާޖިން ބުންޏެވެ.

ޑިސެމްބަރ 7، 2019: މަސްވެރިންގެ ދުވަހާ ދިމާކޮށް "ހިނގާ މަހަށް" ގެ ނަމުގައި ކުރިއަށް ގެންދިޔަ ޒުވާނުންގެ މަސްދަތުރުގެ ތެރެއިން-- ސަން ފޮޓޯ/ އަހުމަދު މިޒްޔާލް

ސާޖިން ބުނީ އެކުއްޖާ އޭނާ ދޫކޮށްލި ފަހުން ވާހަކަ ދެއްކި އެހެން ކުދިން ވެސް އޭނާއަކީ މަސްވެރިއެއް ކަން އެނގޭ ހިސާބުން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ. އަދި ޒުވާން މަސްވެރިޔާގެ ނަމުގައި ސޯޝަލް މީޑިއާގައި ޕޭޖެއް ހިންގަން ފެށީ، މިއީ ކިހާ 'ސަޅި' ކަމެއް ކަން ހާމަކޮށްދިނުމަށް ކަމަށް ސާޖިން ބުންޏެވެ.

ކަނޑުން މި ނަގަނީ ފައިސާ!

މަސްވެރިކަމަކީ ބުރަ މަސައްކަތެއްގެ ގޮތުގައި މީހުން ސިފަ ކުރާ ކުރުން ސާޖިން ގަބޫލެއް ނުކުރެ އެވެ. އެ މަސައްކަތުގެ 24 ގަޑިއިރުގެ ތެރޭގައި ބުރަ މަސައްކަތަކަށް ކުރަން ޖެހޭނީ ބޮޔަށް ދާ ވަގުތު ހޭދަވާ ދެތިން ގަޑިއިރު ކަމަށާއި ބާކީ ވަގުތުތައް ބޭނުން އެއްޗެއް ކައިގެން، ނިދާނެ ވަރަކަށް ނިދަން ވީ ކަމަށް ސާޖިން ބުންޏެވެ.

"ދޮށިން މަސް ބާނަން، އެއީ ދެން ކޮން ކަމެއް ކުރަން އުނދަގޫވެގެން އުޅެން؟ އެއަށް ވުރެ ހިތްހަމަ ޖެހޭ ކަމެއް ނޯވޭ. އެނގޭނެ މި ނަގަނީ ލާރިކަން. ކޮންމެ މަހަކީ 120 ރުފިޔާ. ދެން ކިހާ ފޯރި ހުންނާނެ ކަނޑުން ލާރި ނަގަން." ސާޖިން ބުންޏެވެ.

މަސްވެރިކަމުން ލިބޭ އާމްދަނީގެ ރިޕޯޓެއް ސާޖިން ވަނީ މީގެ ކުރިން އާންމުކޮށްފަ އެވެ. މަސްވެރިކަމުގެ ސިނާއަތަށް ސަރުކާރުން ދޭން ޖެހޭ އެއްބާރުލުމާއި އެހީތެރިކަން ނުދީގެން މަސްވެރިން ޝަކުވާ ކުރަމުންދާ ދަނޑިވަޅެއްގައި އެއީ އެކަމަށް އެޅޭނެ އިތުރު ހުރަހެއް ކަމަށް ބުނެ ބައެއް މަސްވެރިން ވަނީ އެކަމާ މެދު ނުރުހުން ވެސް ފާޅުކޮށްފަ އެވެ.

ސާޖިންގެ ބުނި ގޮތުގައި އޭނާގެ އާމްދަނީ އާންމު ވަޒީފާއެއްގައި އުޅޭ މީހެއްގެ މުސާރަޔާ ނުބައްދަލެވެ. ހަފްތާއަކު ފަސް ދުވަހު، އަށް ގަޑިއިރަށް ވުރެ ގިނަ ވަގުތު މަސައްކަތްކޮށްގެން އުޅެން ޖެހޭ ވަޒީފާތަކުން އަހަރެއްގެ މައްޗަށް ލިބޭ ޖުމްލަ އާމްދަނީ، ދެ ތިން މަހުން ހޯދާލެވިދާނެ ކަން ސާޖިން ނަމްބަރުން ސާބިތުކޮށްދެ އެވެ.

ގައިން ވެސް، ލާރިން ވެސް މަސް ވަހެއް ނުދުވާނެ!

ވާހަކަ ކުރުކޮށްލަމުން ވެސް ސާޖިން ފާހަގަކުރީ މަސްވެރިކަމާ މެދު ޒުވާނުން ދެކޭ ގޮތް ބަދަލުވާން ޖެހޭ ކަމަށެވެ. އެއީ ހަޑި މަސައްކަތެއް ކަމަށް ދެކެވިފައި އޮންނަ އޮތުން ބަދަލުވާން ޖެހޭ ކަމަށް ސާޖިން ދެކެ އެވެ. އޭނާ ބުނި ގޮތުގައި މަސްވެރިކަމަށް ވުރެ ވަކީން، ހަލާލު މަސައްކަތެއް ނެތެވެ.

"އަންހެން ކުދިން ފަހަރެއްގައި ލަދުގަނެފާނެ، މަހުގައި ހުންނަ ލޭ ގައިގައި ހޭކިދާނޭ، މަސް ވަސް ދުވާނޭ ކިޔާފައި. އެބަހުރި މަށާ ދިމާލަށް އެކަހަލަ ބަސްބަސް އައިސްފައި ވެސް. ވަހެއް ނުދުވާނެއެއްނު، ކޮން ވަހެއް ދުވާނީ؟ ފެންވަރާލައިގެން ސެންޓު ފޮދެއް ޖަހާލީމަ ގައިގައި ވެސް، ލާރީގައި ވެސް ނުދުވާނެ ވަހެއް!" ސާޖިން ބުންޏެވެ.

ހަސަން ސާޖިން-- ފޮޓޯ/ ޒުވާން މަސްވެރިޔާ ޕޭޖް

މަސްވެރިކަމުގެ ދާއިރާއަށް ނިކުންނަށް ބޭނުންވެފައި ތިބި ޒުވާނުންނަށް އެކަން ކުރަން ނުކެރޭ އެންމެ ބޮޑު އެއް ސަބަބަކީ ވެސް، މަސްވެރިންނަށް މީހުން ކުރާ މަލާމާތެވެ. އެކަމަކު ސާޖިން އެ ހުރީ އެ ހީކުރުން ބަދަލުކޮށްލާން ނުކުމެ އެވެ. މަސްވެރިކަމުގެ މޫނު މަތި ބަދަލުކޮށްލުމަކީ އޭނާގެ އަޒުމެވެ.

"އަންހެން ކުއްޖަކު ވާހަކަ ނުދައްކަފާނެތީ ނޫނީ ބަޔަކު މަލާމާތް ކޮށްފާނެތީ ކޮންމެހެން މަސްވެރިކަން ކުރަން ނުކެރިފައި ހުންނާނެ ކަމެއް ނެތް. ހަމަ މަސްވެރިކަން ކުރަން ފަށަންވީ. އަހަރުމެން ކަނޑުން ނަގަނީ ލާރި ފައިސާ، ކޮބާ މައްސަލައަކީ؟،" ސާޖިން ބުންޏެވެ.

comment ކޮމެންޓް