ދެހާސް ތޭވީސް ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމެއް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށާއި، ނަމަވެސް އިންތިހާބުގައި ކުރިއަށް ދާނީ ދެ ރައީސުން އެއްބަސްވާ ގޮތަކަށް ކަމަށް، ނަޝީދު ވިދާޅުވެއްޖެ އެވެ.
މިރޭ ގެނެސްދިން "އާސްކް ސްޕީކާ" ޕްރޮގްރާމުގައި އާންމު ފަރާތަކުން ވަނީ، ދެން އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީތޯ ނުވަތަ ރައީސް ސޯލިހަށް ތާއީދު ކުރައްވާނީތޯ ނަޝީދާ ސުވާލުކުރައްވައިފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ބާރަށް ދުވެފައި ގޮސް ރިޔާސީ އިންތިހާހަށް ކުރިމަތިލުމަކީ އެމަނިކުފާނު ހިޔާލުކުރައްވާ ކަމެއް ނޫންކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބާ މެދު ވެސް އަދި ނުވިސްނަވާ ކަމަށެވެ.
"ނަމަވެސް އަޅުގަނޑުގެ އުމުރެއް ވެސް މަދެއް ނޫން. އަދި ސިޔާސީ ކަންކަމުން ދުރަށް ޖެހޭކަށް ގަސްދެއް ވެސް ނުވެސް ކުރަން،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނު އަބަދުވެސް ރައީސް ސޯލިހަށް ތާއީދުކުރައްވާ ކަމަށާއި، އަދި ރައީސް ސޯލިހް ވެސް އަބަދުވެސް ރައީސް ނަޝީދަށް ތާއީދު ކުރައްވާ ކަމަށެވެ.
އަދި ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރައްވާނީ ކޮން ބޭފުޅެއް ކަމެއް އަދި އިންތިހާބުގައި ކުރިއަށް ދާނެ ގޮތެއް ނޭނގުނު ނަމަވެސް، އިންތިހާބުގައި ކުރިއަށްދާނީ ދެ ރައީސުން އެއްބަސްވެވަޑައިގަންނަވާ ގޮތެއްގެ މަތީން ކަން އެއީ ޔަގީންވާ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ދެން ކުރިއަށް މިއޮތް ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެން ދެމީހުން ތެރެއިން ކާކުތޯ ކުރިމަތިލާނީ އަދި އަޅުގަނޑުމެން ކިހިނެތްތޯ ރިޔާސީ އިންތިހާބުގައި މަސައްކަތް ކުރާނީ. ހަމަގައިމުވެސް އަޅުގަނޑުމެން އެއްބަސްވާ ކަމެއް ކުރާނަން، އެއަކު އަޅުގަނޑުގެ ހިތަކު ޝައްކެއް ނެތް،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މިހާރު ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރަން ހުރި ކަމަށާއި، ރައީސް ސޯލިހާ ދެބޭފުޅުންނަށް އެކުގައި މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވޭ ކަމަށެވެ. އަދި ކުރިއަށް ތަނުގައި ވެސް އެކުގައި މަސައްކަތް ކުރެވޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.