އެއާޕޯޓްގެ އާ ޓެކްސް: ބިޒްނަސް ކުލާހުން 120 ޑޮލަރު، ޖެޓަށް 240 ޑޮލަރު

ވެލާނާ އެއާޕޯޓްގެ ގްރައުންޑް ހެންޑްލިންސަރަހައްދުގައި މުވައްޒަފަކު މަޑުކޮށްލައިގެން -- ސަން ފައިލް ފޮޓޯ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ފުރާ ބިޒްނެސް ކްލާސް މީހުންގެ އަތުން 120 ޑޮލަރު އަދި ޖެޓުން ފުރާ މީހުންގެ އަތުން 240 ޑޮލަރު ނެގުމަށް ރާއްޖޭގެ އެއާޕޯޓުތަކުން ފުރާ މީހުންގެ އަތުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ހުށަހަޅައިފި އެވެ.

ރާއްޖޭގެ އެއާޕޯޓުތަކުން ފުރާ މީހުންގެ އަތުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނެސް ޓެކްސް ބޮޑު ކުުރުމަށް އަންނަ އަހަރަށް ލަފާކޮށް މަޖިލީހުން ފާސް ކުރި ބަޖެޓުގައި ވަނީ ހިމަނާފަ އެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުށަހަޅައި މިއަދު ފުރަތަމަ ކިޔުން އިއްވި ބިލްގައިވާ ގޮތުގައި، ވީއައިއޭ އިން ފުރާ ފަސިންޖަރުންގެ އަތުން ހަތަރު ކެޓަގަރީއަކަށް ޓެކްސް ނެގުމަށް ވަނީ ހިމަނާފަ އެވެ. އަދި އެއިން ކޮންމެ ކެޓަގަރީއަކަށް ދިވެހިންނާއި ބިދޭސީންގެ އަތުން ނެނގޭ ފީ ވަކިން ވަނީ ލިޔެވިފަ އެވެ.

އެގޮތުން ބިލުގައި ހިމަނާފައިވަނީ، މިހާރު ނަގާ އެއާޕޯޓް ސާވިސް ޗާޖް އަންނަ އަހަރު މާޗުގެ ފަހުން އުވާލައި، ޑިޕާޗާ ޓެކްސްގެ ގޮތުގައި އާ ޓެކްސް އަންނަ އަހަރު އެޕްރީލް އިން ފެށިގެން ތައާރަފް ކުރުމަށެވެ. އަދި މިހާރު ނަގަމުން އަންނަ އެއާޕޯޓް ޑިވަލޮމްޕަންޓް ޗާޖް (އޭޑީއެފް) ހަތަރު ކެޓަގަރީއަކަށް ބަހާލައި، އެޕްރީލް އެކަކުން ފެށިގެން އެ ޓެކްސް ބޮޑު ކުރުމަށެވެ.

އެންމެ ފަހުން 2016 ވަނަ އަހަރު މި ގާނޫނަށް ގެނައި އިސްލާހުގެ ދަށުން މިހާރު ނަގަމުން އަންނަނީ، އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި، ދިވެހިންގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 25 ޑޮލަރެވެ. އޭގެ އިތުރުން އޭޑީސީގެ ގޮތުގައި ދިވެހިންގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 25 ޑޮލަރެވެ.

ޖުމްލަ ދެ ޓެކްސް އިން، މިހާރު ދިވެއްސެއްގެ އަތުން 24 ޑޮލަރު އަދި ބިދޭސީންގެ އަތުން 50 ޑޮލަރު މިހާރު ނަގަމުންދެ އެވެ.

ބިލުގައިވާ ގޮތުން، އަލަށް ތައާރަފް ކުރާ ޑިޕާޗާ ޓެކްސްވެސް ނަގަނީ ހަތަރު ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެ ޓެކްސް އިން ދިވެހިންނާއި ބިދޭސީންނާ ތަފާތު ވަނީ ހަމައެކަނި އިކޮނޮމީ ކްލާސް އިން ފުރާ މީހުންގެ އަތުން ނަގާ ޓެކުހެެވެ. އެއީ ދިވެެއްސެއްގެ އަތުން 12 ޑޮލަރު އަދި ބިދޭސީއެއްގެ އަތުން 30 ޑޮލަރެވެ. ދެވަނަ ކެޓަގަރީ، ބިޒްނަސް ކްލާހުން 60 ޑޮލަރު އަދި ތިން ވަނަ ކެޓަގަރީ، ފަސްޓް ކްލާސް އިން 90 ޑޮލަރު އަދި ޖެޓުން ފުރާ މީހުންގެ އަތުން 120 ޑޮލަރެވެ.

އޭޑީސީ އިންވެސް ދިވެހިންނާއި ބިދޭސީންނާ ތަފާތު ވަނީ ހަމައެކަނި އިކޮނޮމީ ކްލާސް އިން ފުރާ މީހުންގެ އަތުން ނަގާ ޓެކުހެެވެ. އެއީ، ދިވެެއްސެއްގެ އަތުން 12 ޑޮލަރު އަދި ބިދޭސީއެއްގެ އަތުން 30 ޑޮލަރެވެ. ދެވަނަ ކެޓަގަރީ، ބިޒްނަސް ކްލާހުން 60 ޑޮލަރު އަދި ތިން ވަނަ ކެޓަގަރީ، ފަސްޓް ކްލާސް އިން 90 ޑޮލަރު އަދި ފަހު ކެޓަގަރީ، ޖެޓުން ފުރާ މީހުންގެ އަތުން 120 ޑޮލަރެވެ.

އެހެން ކަމުން މި ދެ ޓެކުހުން އިކޮނޮމީ ކްލާސްގައި ފުރާ ދިވެއްސެއްގެ އަތުން 24 ޑޮލަރު އަދި ބިދޭސީއެއްގެ އަތުން 60 ޑޮލަރު ނަގާނެ އެވެ. ބިޒްނަސް ކުލާހުން ފުރާ މީހެއްގެ އަތުން 120 ޑޮލަރު، ފަސްޓް ކްލާހުން ފުރާ މީހެއްގެ އަތުން 180 ޑޮލަރު އަދި ޖެޓުން ފުރާ މީހެއްގެ އަތުން 240 ޑޮލަރު ނަގާނެ އެވެ.

މި ފީއިން ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުން އަދި އުމުރުން ދެ އަހަރު ނުވާ ކުޑަކުދިން އިސްތިސްނާ ވާނެއެވެ.

އޭޑީއެފް އަކީ ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއާ ގުޅިގެން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށާއި ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ނަގަންފެށި ފީ އެކެވެ.

ބަޖެޓްގައި ބުނެފައިވަނީ، އޭޑީއެފްގެ ރޭޓްތަކަށް ބަދަލު ގެނައުމުގެ މަގުސަދަކީ ބޮޑު އަގުގައި ދަތުރުފަތުރުކުރުމުގެ ގާބިލުކަން ހުރި ފަރާތްތަކުގެ އަތުން އިތުރަށް ފީނެގުމެވެ. އެއީ މި ފަދަ ފަރާތްތަކަކީ ދަތުރުފަތުރުގެ އަގަށް ބަދަލު އައިކަމުގައިވީ ނަމަވެސް އެ ފަރާތްތަކުގެ ދަތުރުފަތުރުކުރުމުގެ ވައްޓަފާޅިއަށް މާބޮޑު ބަދަލެއް އަންނާނެ ފަރާތްތަކެއް ކަމުގައި ނުވާނެތީ ކަަމަށް ވެސް ބަޖެޓްގައިވެ އެވެ.

comment ކޮމެންޓް