އުއްތަމަ ފަނޑިޔާރުކަމަށް މުއުތަސިމް އަދި ސުޕްރީމު ކޯޓަށް ސުއޫދު އައްޔަނު ކުރަން ފާސްކޮށްފި

(ވ) އުއްތަމަފަނޑިޔާރުކަމަށް އައްޔަނުކުރުމަށް ހުށަހެޅުއްވި އަހްމަދު މުއުތަސިމް އަދުނާން އަދި (ކ) ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރުމަށް ހުށަހެޅުއްވި ހުސްނުއްސުއޫދު ---

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމު ކޯޓުގެ ކުރީގެ ފަނޑިޔާރު މުއުތަސިމް އަދުނާނު އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ފަހު ޖަލްސާގައި އުއްތަމަ ފަނޑިޔާރުގެ މަގާމަށް މުއުތަސިމް އައްޔަނު ކުރުމަށް 68 މެންބަރުން ވޯޓު ދެއްވި އެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމަށް މުއުތަސިމް އައްޔަނު ކުރުމާ ގުޅޭގޮތުން މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ އިން ހުށަހެޅި ރިޕޯޓަށް ބަހުސް ކުރަމުން އިދިކޮޅު މެންބަރުން ހިމެނޭގޮތަށް ހުރިހާ މެންބަރުންވެސް ވަނީ އެމަގާމަށް މުއުތަސިމް އައްޔަނު ކުރުމަށް ތާއީދުކޮށް ވާހަކަ ދައްކަވައިފައެވެ.

މީގެ އިތުރުން ސުޕްރީމު ކޯޓުގެ ފަނޑިޔާރުކަމަށް ގާނޫނީ ވަކީލް ހުސްނު ސުއޫދު އައްޔަނު ކުރުމަށްވެސް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ. ސުއޫދު ސުޕްރީމު ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަނު ކުރުމަށް 64 މެންބަރުން ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެބްބަރެކެވެ.

ސުއޫދު ސުޕްރީމު ކޯޓަށް އައްޔަނު ކުރުމާ ގުޅޭގޮތުން ޖުޑީޝަރީ ކޮމެޓީ އިން ކުރި މަސައްކަތުގެ ރިޕޯޓަށް ބަހުސް ކުރަމުން އިދިކޮޅުން ވަނީ ސުއޫދު އެ މަގާމަށް ގެނައުމާ ދެކޮޅަށް ވާހަކަ ދައްކަވައިފައެވެ. އިދިކޮޅުން ބުނެފައިވަނީ ސުއޫދަކީ ސިޔާސީ ބޭފުޅެއް ކަމަށާއި ސުއޫދު ފަދަ ސިޔާސީ ބޭފުޅެއް ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނަން ފޮނުއްވީތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު، އާދަމް ޝަރީފު އުމަރު މިއަދު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތުން ސުޕްރީމުކޯޓުގެގެ ތިން ފަނޑިޔާރުންގެ މަގާމު ހުސްވެފައި ވަނީ، އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި އެ ކޯޓްގެ ފަނޑިޔާރު އާދަމް މުހައްމަދު މިފަހުން ފަނޑިޔާރު ކަމުން ވަކިކުރެއްވުމުން އެވެ.

އަދި އެ ކޯޓްގެ ފަނޑިޔާރު އަބްދުﷲ އަރީފް ވަނީ ސިއްހީ ސަބަބުތަކަށް ޓަކައި ކަމަށް ވިދާޅުވެ، މަގާމުން ރިޓަޔާ ކުރައްވައިފަ އެވެ.

ސުޕްރީމު ކޯޓުން ވަކިވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހުސްނުއްސުއޫދާއެކު ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމްގެ ނަން ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޖޭއެސްސީއަށް ފޮނުވިއެވެ. ނަމަވެސް އަބްދުއް ރައޫފުގެ ނަން ޖޭއެސްސީން ރައީސްއަކަށް ނުފޮނުވަ އެވެ.

comment ކޮމެންޓް