އެމްޑީޕީއަށް ބައިނަލްއަގުވާމީ އެވޯޑެއް ލިބިއްޖެ

އެމްޑީޕީއަށް ލިބުނު އެވޯޑާއެކު އެޕާޓީގެ އެސްޖީ އަނަސް -- ފޮޓޯ/ އެމްޑީޕީ

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް ބައިނަލްއަގުވާމީ އެވޯޑެއް ލިބިއްޖެ އެވެ.

އެމްޑީޕީއަށް ލިބިފައިވަނީ، ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމައްވާ އިންޓަނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަން (އައިޑީޔޫ)ގެ އިން ދެއްވާ ބުޝް ތޭޗާ ފްރީޑޮމް އެވޯޑެވެ.

އެ އެވޯޑު ދީފައިވަނީ، އެމްޑީޕީގެ ޑިމޮކްރަސީއާ އިންސާނީ ހައްގުތަކަށް ކުރަމުންދާ މަސައްކަތް ފާހަގަކުރުމުގެ ގޮތުންނެވެ.

ރާއްޖޭގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން މިއަދު ކުރި ޓްވީޓްގައި ބުނީ، މިއީ އެ އެވޯޑް ދިން ފުރަތަމަ ފަހަރު ކަމަށާއި އެފަދަ އެވޯޑެއް ދެއްވީތީ އައިޑީޔޫ އަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

އެމެރިކާގެ ވެރިރަށް ވޮޝިންޓަންގައި ބޭއްވި ރަސްމިއްޔާތުގައި މި އެވޯޑާ ހަވާލުވެވަޑައިގެންވީ، އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ.

އެ ރަސްމިއްޔާތުގައި އެމްޑީޕީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފު އާއި ރާއްޖެއަށް އދ. އަށާއި އެމެރިކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ތިލްމީޒާ ހުސައިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްޑީޕީއަށް މީގެ ކުރިންވެސް ވަނީ މިފަދަ އެވޯޑްތަކެއް ލިބިފައެވެ. އެގޮތުން 2010 ވަނަ އަހަރު ނޯވޭގެ ކޮންޒްވޭޓިވް ޕާޓީ، ހޮޔެރާ އިން ދޭ ޑިމޮކްރަސީ އަދި ހިއުމަން ރައިޓްސް އެވޯޑު ކަމަށްވާ ސުޖޫރު ލިންޑާބްރައެކެކޭގެ އެވޯޑްވެސް އެޕާޓީއަށް ވަނީ ލިބިވަޑައިގެންފައެވެ.

comment ކޮމެންޓް