ސައުތު އޭޝިއަން ގޭމްސް: ޕާކިސްތާނާ ވާދަކޮށް އަންހެން ހޭންޑްބޯލް ޓީމުން ބޮޑު ކުރިއެރުމެއް

ސައުތް އޭޝިއަން ގޭމްސްގައި ރާއްޖެއާ ޕާކިސްތާން ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ// އެމްއޯސީ

(ޕޮކަހަރާ، ނޭޕާލް): ސަރަހައްދީ އެންމެ ބޮޑު މުބާރާތް ސައުތު އޭޝިއަން ގޭމްސްގެ އަންހެން ހޭންޑްބޯލް އިވެންޓުގައި ވަރުގަދަ ޕާކިސްތާނާ ވާދަކޮށް ރާއްޖޭގެ އަންހެން ޓީމު ރަނގަޅު ނަތީޖާއެއް ނެރެފިއެވެ.

ނޭޕާލްގެ ޕޮކަހަރާ ސިޓީގެ މަލްޓިޕާޕޯސް ހޯލްގައި މިއަދު ކުޅުނު މެޗުން ރާއްޖޭގެ އަންހެން ހޭންޑްބޯލް ޓީމް ޕާކިސްތާނާ ވާދަކޮށް ބަލިވީ 27-32 ގޯލުގެ ކުޑަ ތަފާތަކުންނެވެ. ފުރަތަމަ މެޗުގައި ރާއްޖެއާއި އިންޑިއާ ބައްދަލުކުރި މެޗުން ރާއްޖެ ބަލިވީ 9-41 ގެ ބޮޑު ތަފާތަކުންނެވެ. ނަމަވެސް މިއަދުގެ މެޗުގައި ރާއްޖެއިން ވަނީ ޕާކިސްތާނާ ދެކޮޅަށް ކުޅެ ރަނގަޅު ފައިޓެއް ދީފައެވެ.

ސައުތް އޭޝިއަން ގޭމްސްގައި ރާއްޖެއާ ޕާކިސްތާން ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ// އެމްއޯސީ

ޕާކިސްތާނާ ދެކޮޅަށް މިއަދު ކުޅުނު މެޗުން ރާއްޖެ ބަލިވުމާއެކު ހޭންޑްބޯލްގެ އަންހެން ބައިން ވަނީ ކަޓައިފައެވެ. ރާއްޖެއާއި ޕާކިސްތާންގެ އިތުރުން އެ އިވެންޓުގައި ދެން ބައިވެރިވީ ސަރަހައްދުގެ އެންމެ ވަރުގަދަ އިންޑިއާ އަދި މުބާރާތް ކުޅެމުން އަންނަ ނޭޕާލް އަދި ބަންގްލަދޭޝްގެ އިތުރުން ސްރީލަންކާއެވެ.

މިއަދުގެ މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ވާދަވެރި ހަމަހަމަ ކުޅުމެކެވެ. އެ މެޗުގައި ރާއްޖެއިން ވަރުގަދައަށް އެޓޭކް ކުރި އިރު ޕާކިސްތާން ކުޅުންތެރިން ގިނަ ގޯލު ޖެހީ ކައުންޓާ އެޓޭކްތަކުގެ ފައިދާ ނަގައިގެން ރާއްޖޭގެ ކުޅުންތެރިންނަށް ފަހަތަށް ނުފޭބޭ ދަނޑިވަޅުތަކުގައެވެ. ފޯރިގަދަ އަދި ދެ ޓީމުގެ ފަރާތުން ވެސް ހުނަރުން ފުރިގެންވާ ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި ފުރަތަމަ ހާފު ނިމުނީ 12-16 އިން ޕާކިސްތާން ކުރީގައި އޮވެއެވެ.

އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާއިން ވަނީ ފުރަތަމަ ހާފު ނިމުނުއިރު ރާއްޖެ ކޮޅަށް 22 ގޯލު ޖަހައިފައެވެ. މިއަދުގެ މެޗުގެ ދެވަނަ ހާފުވެސް އެހާމެ ވާދަވެރިކަމާއެކު ދިޔައިރު ދެ ޓީމުންވެސް މޮޅަށް ކުޅެ ގިނަ ގޯލުތަކެއް ޖެހިއެވެ. އެ ހާފުގައި ޕާކިސްތާނުން 16 ގޯލު ޖެހި އިރު ރާއްޖެއިން ވަނީ 12 ގޯލު ޖަހައިފައެވެ.

މިއަދުގެ މެޗަށް ނެގި ރާއްޖޭގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަކީ، އައިމިނަތު ޝައިނާ އަބްދުﷲ، ފާތިމަތު ފައިރޫޒާ އާދަމް، ޒުލައިހާ އިބްރާހިމް، ފާތިމަތު އަރްޝާ، ދީމާ މުހައްމަދު، އައިޝަތު ރީމާ، އައިޝަތު ލީން މަރިޔަމް މައިލީ، ރަފާހާ އިބްރާހިމް ހަލީމާތު ހަސްނާ، ނާހިދާ އަހުމަދު އަދި ނުހާ އަހުމަދެވެ.

comment ކޮމެންޓް