ނޭޓޯ ސަމިޓްގައި ޗައިނާގެ ނުފޫޒާ ބެހޭ ގޮތުން މަޝްވަރާކުރި

ލަންޑަންގެ ސަމިޓްގައި ބައިވެރިވި ވަޑައިގެންނެވި ނޭޓޯގެ ލީޑަރުން

ލަންޑަން (ޑިސެމްބަރު 5) : ލަންޑަންގައި ބޭއްވި ނޭޓޯ ސަމިޓް ރޭ އިރާކޮޅު ނިންމާލާފައިވާ އިރު އެ ސަމިޓުން ނެރުނު ގުޅިފައިވާ ބަޔާނުގައި ޗައިނާގެ އަސްކަރީ ބާރާ އަދި ނުފޫޒާ ދެކޮޅަށް މަސައްކަތްކުރަންޖެހޭ ކަމަށް ބުނެފި އެވެ.

ނޭޓޯގެ ބަޔާނުގައި ދުނިޔޭގައި އިތުރުވަމުންދާ ޗައިނާގެ އާދަޔާ ޚިލާފު އިގްތިސާދީ ބާރާމެދު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު އިގްތިސާދީ ބާރާ އެއްވަރަށް ޗައިނާ ތަރައްގީ ކުރަމުންގެންދާ އަސްކަރީ ބާރަކީވެސް ނޭޓޯއަށް ކުރިމަތިވާނެ ގޮންޖެހުމެއްކަމަށް ސިފަކޮށްފައިވެ އެވެ. ނަމަވެސް ސަމިޓްގައި ކުރިޔަށްދިޔަ މަޝްވަރާތަކުގައި މިއަށްވުރެ މާފާޅުކަން ބޮޑު ގޮތެއްގައި ޗައިނާއަކީ ނޭޓޯގެ ގައުމުތަކަށް ހުރި ނުރައްކަލެއްގެ ގޮތުގައި ވާހަކަތައް ދައްކާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ނޭޓޯގެ ބަޔާނުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އެޖަމްއިއްޔާގެ މެންބަރު ގައުމުތަކުގެ އެއްބައިވަންތަކަމަށެވެ. ޚާއްސަކޮށް ނޭޓޯގެ މުސްތަގްބަލާ މެދު ޖަރުމަނާއި ފަރަންސޭސިވިލާތާ އަދި އެމެރިކާއާ ދެމެދު އުފެދިފައިވާ ޚިލާފްތަކާއި މަޝްވަރާތަކުގައި ހިނގި ޒުވާބުތަކާ ގުޅިގެން ނޭޓޯ ގެ ބަޔާނުގައި އެޖަމްއިއްޔާގެ އެއްބައިވަންތަކަން ކަށަވަރުކޮށްދީ އެކަމަށް ބަރުއަޅާފައިވެ އެވެ. ނޭޓޯގެ ގައުމުތަކުގެ މެދުގައިވާ ދެބަސްވުންތައްވަނީ ދޭދޭ ގައުމުތަކުގެ ރައީސުންގެ ބައްދަލުކުރެއްވުންތަކުގައި ވެސް ފާޅުވެގެން ގޮސްފަ އެވެ. މިގޮތުން ނޭޓޯއަކީ ސިކުޑި މަރުވެފައިވާ އަދި އަމާޒެއް ނެތް ޖަމްއިއްޔާ އެއްކަމަށް ސިފަކުރައްވައި ފަރަންސޭސި ރައީސް އެންމަނުއެލް މެކްރޯން ދެއްކެވި ވާހަކަފުޅަށް އެމެރިކާ ގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ރުޅިވެރިކަމާއެކު ރައްދު ދެއްވާފަ އެވެ.

މެކްރޯނަށް ރައްދު ދެއްވަމުން ޓްރަމްޕްވަނީ ފަރަންސޭސިވިލާތަށްވުރެ ބޮޑަށް ނޭޓޯގެ ބޭނުން ޖެހިފައިވާ ގައުމެއް އޮތްކަމަށް ދެކެވަޑައިނުގަންނަވާކަމަށް ވިދާޅުވެ ނޭޓޯ އަށް އަމާޒުކުރައްވައި މެކްރޯން ދައްކަވާފައިވަނީ ދެރަވަރު ވާހަކަތަކެއް ކަމަށް ސިފަކުރައްވާފަ އެވެ.

ނޭޓޯގެ ގައުމުތަކުގެ އިސް ވެރިންގެ ޚާއްސަ ސަމިޓެއް ލަންޑަންގައި ބާއްވާފައި މިވަނީ ނޭޓޯ އުފެއްދިތާ 70 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެންނެވެ. ނޭޓޯއަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔޭގައި ބާރާއި ނުފޫޒު ހިންގުމަށް އެމެރިކާއާއި ކުރީގެ ސޮވިއެޓް ޔުނިޔަން އާދެމެދު ފެށުނު ފިނި ހަނގުރާމައިގާ ސޮވިއެޓްގެ އަސްކަރީ ބާރާ ދެކޮޅަށް މަސައްކަތް ކުރުމަށް އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ބާރުތައް އިސްކޮށް ތިބެގެން އުފެއްދި އަސްކަރީ ޖަމްއިއްޔާއެކެވެ.

ނޭޓޯ އުފައްދާފައިވަނީ 1959 ވަނަ އަހަރުގެ ޑިސެމްބަރުމަހުގަ އެވެ. ނޭޓޯއާ ކުރިމަތިލުމަށް ވޯސޯ ޕެކްޓްގެ ނަމުގައި ސޮވިއެޓް ޔުނިޔަން އިންވެސް އަސްކަރީ ޖަމްއިއްޔާއެއް އުފެއްދިއެވެ. ސޮވިއެޓް ޔުނިޔަން ރޫޅީގެން ދިޔުމާއެކު ނޭޓޯ ގެ އަސްކަރީ ބޭނުމާއި އެޖަމާއަތުގެ ލަނޑުދަނޑިތަކާމެދު ބޮޑެތި ސުވާލުތަކެއް އުފެދިގެން ދިޔައެވެ. އެހެންކަމުން ސޮވިއެޓް ޔުނިޔަން ރޫޅިގެން ދިޔުއާއެކު ނޭޓޯ މަސައްކަތްފެށީ ސޮވިއެޓް ޔުނިޔަންގައި ހިމެނުނު ގައުމެއްކަމަށްވާ މިހާރުގެ ރަޝިއާ (ރަޝިއަން ފެޑަރޭޝަން) ނިއުކްލިޔާ ބާރާ ކުރިމަތިލައި ރަޝިޔާއަކީ ދުޝްމަނަކަށް ހެދުމަށެވެ.

މިގޮތުން ރަޝިޔާއަށް ގޯނާވާގޮތަށް ނޭޓޯގެ އަސްކަރީ ހަރަކާތްތައް ފުޅާކޮށް ރަޝިއާގެ ކުރިމަތީގައި ހުޅަނގުގެ އަސްކަރީ މަސްލަހަތުތައް ދިފާއު ކުރުމުގެ ނަމުގައި ނޭޓޯއިން މަސައްކަތްފެށިއެވެ. އަދި ސޮވިއެޓް ޔުނިޔަން ނެތްނަމަވެސް ނޭޓޯއަކީ ރަޝިއާ އާ ކުރިމަތިލުމަށްޓަކައި އޮންނަންޖެހޭ ޖަމްއިއްޔާއެއްކަމަށް އެމެރިކާއާއި ޔޫރަޕްގެ ގިނަ ގައުމުތައް ދެކޭންފެށިއެވެ. ނަމަވެސް ނޭޓޯ އުވާނުލައި ބޭއްވުމުގައި އެމެރިކާގެ ހަގީގީ ބޭނުމަކީ ނޭޓޯ މެދުވެރިކޮށް އެމެރިކާގެ ބަރާއި ނުފޫޒު ޔޫރަޕަށް ހިންގުމެވެ.

ލަންޑަންގައި ބޭއްވި ނޭޓޯގެ ސަމިޓްގައި އެޖަމްއިއްޔާގެ ގިނަ ލީޑަރުންވަނީ އެ ބޭފުޅުންގެ ގައުމުތަކުގެ ދިފާއީ މަސްލަހަތު ހިމާޔަތް ކޮށްދިނުމުގައި ފާއިތުވި 70 އަހަރު ތެރޭގައި ނޭޓޯއިން މުހިއްމު ދައުރެއް އަދާކޮށްފައިވާ ކަމަށް ވިދާޅުވެ ނޭޓޯއަށް ތާރީފު ކުރައްވާފަ އެވެ. ނަމަވެސް އެބޭފުޅުންވަނީ ނޭޓޯއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކެއް އެބަހުރި ކަމަށާ އެ ގޮންޖެހުންތަކާ ކުރިމަތިލެވޭނެ ގޮތްތަކެއް ހޯދަންޖެހޭކަމަށް ވިދާޅުވެފަ އެވެ. މީގެއިތުރުން ނޭޓޯ އޮތްނަމަވެސް ބައިނަލްއަގްވާމީ ސުލްހައަށް މަސައްކަތްކުރަން ޖެހޭ ކަމަށާއި ސުލްހައަކީ ހޯދައިގެން ލިބޭ އެއްޗެއް ނޫންކަންވެސް ގިނަ ލީޑަރުންވަނީ ފާހަގަ ކުރައްވާފަ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު