ޖަލަކީ ހަނގުރާމައަށް މީހުން ރެކްރޫޓު ކުރާ ކިއްލާއެއް: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ރާއްޖޭގެ ޖަލުތަކަކީ، ދުނިޔޭގެ އެކި ހިސާބުތަކުގައި ހިނގާ ހަނގުރާމަތަކަށް މީހުން ރެކްރޫޓު ކުރާ ކިއްލާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސީރިއާ އަދި އަފްޣާނިސްތާނުގައި ހިނގަމުން އަންނަ ހަނގުރާމަތަކުގައި ދިވެހިން އަންނަނީ ބައިވެރިވަމުންނެވެ. އެ ހަނގުރާމަތަކަށް ގޮސް ގިނަ އަދަދެއްގެ ދިވެހިން ވަނީ މަރުވެފައެވެ. ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި ރާއްޖެއިން ސީރިއާގެ ދާހިލީ ހަނގުރާމައަށް ގޮސްފައިވަނީ މީހުންގެ އަދަދު 60 ށް ވުރެ ގިނަ އެވެ.

އަދި ދާދިފަހުން ރާއްޖެއަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިން ތަކެއް އަފްގާނިސްތާނުގައި ވެސް ވަނީ ހައްޔަރުކޮށްފައެވެ. އަދި އެގައުމުން ހައްޔަރުކުރި ހ. މޫންލައިޓްވެލީ އަލީ ޝާފިއުގެ މައްޗަށް ކުށް ސާބިތުވެ، 21 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް ވަނީ އިއްވައިފައެވެ.

ޖަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް މިއަދު ވިދާޅުވީ ހަނގުރާމައަށް މީހުން ރެކްރޫޓު ކުރާ އެއް ތަނަކީ ރާއްޖޭގެ ޖަލުތައް ކަމަށެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ރާއްޖޭގެ ޖަލަކީ އަލްގައިދާ އާއި ހަނގުރާމައަށް އެކިއެކި ޓެރަރިސްޓް ހަނގުރާމައަށް މީހުން ރެކްރޫޓު ކުރާ ކިއްލާއަކަށް ވެފައި އޮތް ތަނެއް،" ނަޝީދު ވިދާޅުވިއެވެ.

އޭގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރިއާ އަދި އެހެންވެސް ހުރިހާ ބާވަތެއްގެ ކަންކަން ރާއްޖޭގައި ހިނގަނީ ޖަލު މެދުވެރިވެގެން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ޖަލުގައި ގިނަ އަދަދެއްގެ މީހުން ތިބިކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ޖަލުގެ ތެރޭގައި މީހުންގެ އިތުރުން މައްސަލަތައް ވެސް ތޮއްޖެހިފައި އޮތް ކަމަށެވެ.

"އަޅުގަނޑަށް މިވާހަކަ އޮޅުން ފިލުވައިދޭކަށް އިތުރު މާހިރެއް ބޭނުމެއް ނޫން. އެނގިވަޑައިގަންނަވާނެ އަޅުގަނޑުގެ ހަޔާތުގެ ބޮޑުބައެއް ހޭދަކޮށްފައި ވާނީ އެތަނުގައި،" ނަޝީދު ވިދާޅުވިއެވެ.

ޖަލުގައި ބަންދުކޮށްފައި ތިބި ގިނަ އަދަދެއްގެ ބަޔަކު ޕެރޯލްގެ ހައްގުން މަހްރޫމްގެ އެމީހުންގެ މިނިވަންކަމުގެ ހައްގުން މަހްރޫމްވެފައިވާ ކަމަށް ބުނެ މަޖިލީހުގެ ރައީސަށް އެކި ފަރާތްތަކުން ފޮނުވާފައިވާ ސިޓީތަކާ ގުޅިގެން ނަޝީދު މިއަދު ވަނީ ވާހަކަ ދައްކަވައިފައެވެ.

ނަޝީދު ވިދާޅުވީ އެ ސިޓީތައް ބަލައި ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުއްވި ކަމަށެވެ.

މައްސަލަތައް ބެލުމަށްފަހު ކޮމިޓީން މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީއާ ގުޅިގެން ނަޝީދު ވިދާޅުވީ ކުދި ކުށްތަކުގައި ދިގު މުއްދަތަކަށް ޖަލުގައި ބަންދުވެފައި ތިބި މީހުންނާއި ޕެރޯލް ނުލިބުމުގެ މައްސަލަތައް ހައްލު ކުރުމަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން އިސްނަގަން ނިންމާފައިވާ ކަމަށެވެ.

comment ކޮމެންޓް