އެމެރިކާގެ ރިޔާސީ ރޭހުން ކަމަލާ ހެރިސް ވަކިވެއްޖެ

ކެލިފޯނިއާގެ ސެނެޓަރު ކަމަލާ ހެރިސް ވަނީ ރިޔާސީ ރޭހުން ވަކިވެފަ -- ފޮޓޯ: ގެޓީ

ވޮޝިންޓަން (ޑިސެމްބަރު 4): އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ކަމަށް ވާދަ ކުރެއްވި ކެލިފޯނިއާގެ ސެނެޓަރު ކަމަލާ ހެރިސް ރިޔާސީ ރޭހުން ވަކިވެވަޑައިގެންފި އެވެ.

މީގެ ކުރިން ސެން ފްރެންސިސްކޯގެ އެޓާނީ ޖެނެރަލްކަން ކުރެއްވި ހެރިސް ވިދާޅުވި ގޮތުގައި އޭނާގެ ކެމްޕެއިން ނިންމާލަން ޖެހުނީ ކެމްޕެއިނަށް ބޭނުންވާ ވަރަށް ފައިސާ ނުލިބުމުގެ ސަބަބުންނެވެ.

"އަޅުގަނޑުގެ ރިޔާސީ ކެމްޕެއިން ކުރިއަށްގެންދިޔުމަށް ޓަކައި ބޭނުންވާ ވަރަށް މާލީ ވަސީލަތްތަކެއް ނެތް. އަޅުގަނޑަކީ ބިލިއަނަރެއް ނޫން. އަޅުގަނޑު އަމިއްލައަށް މިކެމްޕެއިނަށް ހަރަދު ނުކުރެވޭނެ. އަދި ކެމްޕެއިން ކުރިއަށް ދިޔަ ވަރަކަށް، ފައިސާ ހޯދުން ވަނީ ދަތިވެފައި،" ހެރިސް ވިދާޅުވި އެވެ.

އެމެރިކާގެ ކަޅު ނަސްލުގެ ފުރަތަމަ އަންހެން ރައީސަށް ވާނެ ކަމަށް ގިނަ ބަޔަކު އުއްމީދު ކުރި ހެރިސްގެ ކެމްޕޭނަށް ފުރަތަމަ ތިން މަސް ތެރޭ 12 މިލިއަން ޑޮލަރު ލިބުނެވެ. ނަމަވެސް އޭގެ ފަހުން ހެރިސްގެ މަގުބޫލުކަން ވަނީ ދަށްވެފައިފަ އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން ހެރިސްއަށް ތާއިދު ކުރާ މީހުންގެ އަދަދު މަދުވަމުން ދިޔުމުގެ ސަބަބުތަކުގެ ތެރޭގައި އެމެރިކާގެ ސިއްހީ ނިޒާމު ހަރުދަނާ ކުރާނެ ގޮތާ ބެހޭ ގޮތުން ސީދާ ޖަވާބެއް ނުދެއްވުމާއި ޕްރޮސެކިއުޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އިރު އަމަލު ކުރެއްވި ބައެއް ގޮތްތައް ހިމެނެ އެވެ. އޭގެ ތެރޭގައި ފުލުހުން މީހުންގެ ގަޔަށް، ގަވާއިދާ ހިލާފަށް ބަޑި ޖަހާ މައްސަލަތައް މިނިވަންކޮށް ތަހުގީގު ކުރަން އޭރު ތާއިދު ނުކުރެއްވުން ހިމެނެ އެވެ.

ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި އެންމެ ކުރި ހޯއްދަވާފައިވާ ކެންޑިޑޭޓުންގެ ތެރޭގައި ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން، ވާމަންޓުގެ ސެނެޓަރު ބާނީ ސޭންޑާސް އަދި މެސެޗޫސެޓްސްގެ ސެނެޓަރު އެލިޒަބެތު ވޮރެން ހިމެނެ އެވެ. އަދި ދާދި ފަހުން ބިލިއަނަރު މައިކަލް ބްލޫމްބާގް ވެސް ވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ކަމަށް ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާގެ ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި ރައީސް ޑޮނަލްޑް ޓްރަމްޕާ ވާދަ ކުރައްވަނީ މެސެޗޫސެޓްސްގެ ކުރީގެ ގަވަރުނަރު ބިލް ވެލްޑް އާއި އިލިނޯއިގެ ކުރީގެ ހައުސް ރެޕްރެޒެންޓޭޓިވް ޖޯ ވޯލްޝް އާއި ސައުތް ކެރޮލައިނާގެ ކުރީގެ ގަވަރުނަރު މާކް ސެންފޯޑް އެވެ. ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި އެޕްރައިމަރީ ކާމިޔާބު ކުރައްވާނީ ޓްރަމްޕް އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު ބާއްވާނީ އަންނަ އަހަރުގެ ނޮވެމްބަރު ތިނެއްގަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް