މާޗު މަހު ޕާލިމެންޓު އުވާލައިފި ނަމަ، އޭޕްރިލްގައި އާއްމު އިންތިހާބު ބޭއްވޭނެ: ލަންކާ އީސީ

ލަންކާގެ އިލެކްޝަންސް ކޮމިޝަންގެ ޗެއާމަން މަހިންދަ ދެޝަޕްރިޔަ -- ފޮޓޯ: އޭއެފްޕީ

ކޮލަމްބޯ (ޑިސެމްބަރު 4): ސްރީލަންކާގެ ޕާލިމެންޓު އަންނަ މާޗު މަހު އުވާލައިފި ނަމަ، އާއްމު އިންތިހާބު ޖެހިގެން އަންނަ މަހު ބޭއްވޭނެ ކަމަށް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ލަންކާގެ އިލެކްޝަންސް ކޮމިޝަންގެ ޗެއާމަން މަހިންދަ ދެޝަޕްރިޔަ އެފަދައިން ވިދާޅުވީ މިދިޔަ ހޯމަ ދުވަހު ރައީސް ގޯޓާބަޔަ ރާޖަޕަކްސަ އެގައުމުގެ ޕާލިމެންޓު ސަސްޕެންޑު ކުރެއްވި ފަހުންނެވެ. އެ ޕާލިމެންޓުގެ ބައްދަލުވުމެއް ދެން ބާއްވަނީ އަންނަ މަހުގެ ތިނެއްގަ އެވެ.

ލަންކާގެ ގާނޫނު އަސާސީގައިވާ ގޮތުން އެގައުމުގެ ޕާލިމެންޓު އުވާލެވޭނީ މެމްބަރުން ހޮވިތާ މަދުވެގެން ހަތަރު އަހަރާއި ހަ މަސްވާ ފަހުންނެވެ. އެހެންކަމުން 2015 ވަނަ އަހަރު އެގައުމުގައި އިންތިހާބު ކުރި ޕާލިމެންޓު އުވާލެވޭނެ އެންމެ އަވަސް ތާރިހަކީ އަންނަ ފެބްރުއަރީ މަހަށް ފަހުގަ އެވެ. އަދި ދެޝަޕްރިޔަ ވަނީ މާޗް މަހު ޕާލިމެންޓު އުވާލައިފި ނަމަ، އޭޕްރިލް 25، 26 ނުވަތަ 27ގައި އާއްމު އިންތިހާބު ބޭއްވޭނެ ކަމަށް ވިދާޅުވެފަ އެވެ.

ލަންކާގެ ޕާލިމެންޓުގެ އަޣުލަބިއްޔަތު މިހާރު އޮތީ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިސްކޮށް ހުންނަވާ ޔޫއެންޕީ އެލަޔަންސަށެވެ. އަދި މިމަހުގެ 18ގައި ވެރިކަމަށް ވަޑައިގެންނެވި ގޯޓާބަޔަ ވަނީ އާއްމު އިންތިހާބު ބޭއްވެން އޮތް އެންމެ އަވަހަކަށް އިންތިހާބު ބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް