ސައުތު އޭޝިއަން ގޭމްސް: އިންޑިއާ އަތުން ރާއްޖޭގެ އަންހެން ހޭންޑްބޯލް ޓީމު ބޮޑު ތަފާތަކުން ބަލިވެއްޖެ

ސައުތު އޭޝިއަން ގޭމްސްގެ ހޭންޑްބޯޅަ އިވެންޓުގައި ރާއްޖެއާ އިންޑިއާ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ// އެމްއޯސީ

ނޭޕާލް، ޕޮކަހަރާ: ނޭޕާލްގައި މިހާރު ކުރިއަށް 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ހޭންޑްބޯޅަ އިވެންޓުގައި ވަރުގަދަ އިންޑިއާއާ ވާދަކޮށް ރާއްޖޭގެ އަންހެން ޓީމު ބޮޑު ތަފާތަކުން ބަލިވެއްޖެ އެވެ.

ނޭޕާލްގެ ޕޮކަހަރާ ސިޓީގެ މަލްޓިޕާޕޯސް ހޯލުގައި މިއަދު ރާއްޖޭގެ އަންހެން ހޭންޑްބޯޅަ ޓީމު ސަރަހައްދުގެ އެންމެ ވަރުގަދަ އިންޑިއާއާ ވާދަކޮށް ބަލިވީ 9-41ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއަދުގެ މެޗުން ރާއްޖެ ބަލިވި ނަމަވެސް ކުރިއަށް އޮތް މެޗުތަކުން މޮޅުވެ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އަދި ވެސް ޓީމަށް އެބައޮތެވެ.

ސައުތް އޭޝިއަން ގޭމްސްގެ ހޭންޑްބޯޅަ އިވެންޓުގައި ރާއްޖެއާ އިންޑިއާ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ// އެމްއޯސީ

މިއަދު ކުޅުނު މެޗު ރާއްޖެއިން ފެށީ މުހިއްމު ބައެއް ކުޅުންތެރިން ފުރަތަމަ ޓީމުގައި ނުހިމަނަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި އިންޑިއާިއން ވަނީ ރާއްޖެ ކޮޅަށް 22 ގޯލު ޖަހައިފަ އެވެ. އެ ހާފުގައި ރާއްޖެއަށް އެއްވެސް ގޯލެއް ޖެހިފައި ނުވާ އިރު އިންޑިއާއިން ގިނަ ގޯލުތައް ޖެހީ ކައުންޓަ އެޓޭކްތަކުގަ އެވެ. އިންޑިއާގެ ހަލުވި އެޓޭކަރުންގެ ބާރު ބޯޅަތަކާ އެކު ރާއްޖޭގެ ގޯލަށް ގިނަ ބޯޅަތަކެއް ވަން ނަމަވެސް އެ ހެފާގައި ރާއްޖެ ބޮޑަށް ފޯކަސް ކުރީ އެޓޭކް ކުރުމަށެވެ.

ދެވަނަ ހާފު ފެށިގެން ރާއްޖެ ކުޅުން ރަނގަޅު ކުރި އެވެ. އެ ހާފުގައި ރާއްޖޭގެ ޓީމުން ޑިފެންސް ކުރުމަށް ވިސްނައިގެން ކުޅުނު އިރު އިންޑިއާއިން ވަނީ އެ ހާފުގައި ވެސް 19 ގޯލު ޖަހައިފަ އެވެ. އެ ހާފުގައި ރާއްޖެއިން ވެސް ގިނަ ހަމަލާތަކެއް އުފެއްދި އިރު ނުވަ ގޯލު ވަނީ ޖަހައިފަ އެވެ.

މިއަދުގެ މެޗުގައި ރާއްޖެއިން އެންމެ ރަނގަޅު ކުޅުމެއް ދެއްކި އައިޝަތު ރީމާ ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ. އޭގެ ތެރެއިން ތިން ގޯލަކީ ލިބުނު ޕެނަލްޓީތަކުން އޭނާ ޖެހި ތިން ގޯލެވެ. އެކަމަކު އެ މެޗުގައި ރާއްޖެއަށް ލިބުނު އިތުރު ދެ ޕެނަލްޓީ އިންޑިއާގެ ކީޕަރު ނީނާ ޝިލް ވަނީ މަތަކޮށްފަ އެވެ. މެޗުގައި ރާއްޖެއިން އިތުރަށް ޖެހި ގޯލުތައް ޖަހައިދިނީ ދީމާ މުހައްމަދާއި އައިޝަތް ލީން އަދި ނުހާ އަހްމަދުގެ އިތުރުން ހަލީމަތު ހަސްނާ އެވެ. ހަސްނާ ވަނީ އެ މެޗުގައި ދެ ގޯލު ޖަހައިފަ އެވެ.

އެ މެޗުގައި އިންޑިއާގެ ތިން ކުޅުންތެރިޔަކު ވަނީ ހަ ގޯލު ޖަހައިފަ އެވެ. މެނިކާ، ނިދީ ޝަރްމާ އަދި ޕްރިޔަންކާ ތަކުރު އެ މެޗުގައި ހަ ގޯލު ޖެހި އިރު ޙުޝްބީ ކުމާރީއާއި ސަވަރްނިމާ އަދި ޝާލިނީ ވަނީ ކޮންމެ ކުޅުންތެރިޔަކު ހަތަރު ގޯލު ޖަހައިފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޓީމުގެ އެސިސްޓެންޓް ކޯޗު ހަސަން ފަހީމް ބުނީ މިއީ އުންމީދު ކުރި ނަތީޖާ ނޫން ކަމަށެވެ. އަދި ފުރަތަމަ މެޗުގައި ސަރަހައްދުގެ އެންމެ ވަރުގަދަ ޓީމާ ދެކޮޅަށް ކުޅެން ޖެހުމަކީ ވެސް އުނދަގޫވާނެ ކަމެއް ކަމަށާއި މި މެޗުގެ ތަޖުރިބާގެ އަލީގައި އަންނަ މެޗުގައި ރަނގަޅު ބަދަލުތަކެއް ފެންނާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

މީގެ އިތުރުން މި މެޗު ދިޔަ ގޮތުން ކުޅުންތެރިންނަށް މެޗުގެ އިންޓެންސިޓީ އިނގޭނެ ކަމަށާއި އަމާޒަކީ އަންނަ މެޗުގައި ޕާކިސްތާނާ ވާދަކޮށް ރަނގަޅު ފައިޓެއް ދިނުން ކަމަށެވެ.

ރާއްޖެ އަންނަ މެޗުގައި ޕާކިސްތާނާ ވާދަކުރާ އިރު އެ މެޗު އޮންނާނީ މާދަމާ އެވެ. އެ މެޗު ކުޅޭނީ ރާއްޖެ ގަޑިން 11 ޖަހާއިރު އެވެ.

comment ކޮމެންޓް