ހިޔުމަން ޓްރެފިކިން ހުއްޓުވާ ކޮމެޓީ ކުޑަކުރަން ގާނޫނަށް އިސްލާހު ހުށަހަޅައިފި

ޖީހާން މަހްމޫދު -- ފައިލް ފޮޓޯ/ މަޖިލިސް

ހިޔުމަން ޓްރެފިކިން ގާނޫނުގެ ދަށުން އެ ވިޔަފާރި ހުއްޓުވަން އެކުލަވާލާފައިވާ ބޯޑްގެ ސައިޒް މިހާރަށް ވުރެ ކުޑަ ކުރަން، އެ ގާނުނަށް އިސްލާހުތަކެއް ގެނައުމަށް ހުށަހަޅައިފި އެވެ.

މި އިސްލާހުތައް ހުށަހަޅުއްވާފައިވަނީ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދެވެ.

މި އިސްލާހު ހުށަހަޅުއްވަމުން ޖީހާން ވިދާޅުވީ ހިޔުމަން ޓްރެފިކިންގެ ގާނޫނަށް ގެނައުމަށް ހުށަހަޅާ އިސްލާހަކީ ހިޔުމަން ޓްރެފިކިން ހުއްޓުވުމަށް އުފައްދާފައިވާ އެންޓި ހިޔުމަން ޓްރެފިކިން ކޮމެޓީ އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމަށް ހުށަހަޅާ އިސްލާހެއް ކަމަށެވެ.

އެ ކޮމެޓީގެ ބައްދަލުވުމެއް ނުބޭއްވި ތިން އަހަރުވެފައިވާ ކަމަށާއި، ކޮމެޓީގެ މަސައްކަތްތަކުގައި ކޮންމެހެން ލަފާ ބޭނުންވާ ފަރާތްތަކާއި މަސްލަހަތު ފުށުއަރާ މުވައްސަސާތައް ކޮމެޓީގައި ތިބުމުން ކޮމެޓީގެ ކޯރަމް ހަމަނުވެ، ކޮމެޓީގެ ބައްދަލުވުންތައް ނުބޭއްވިދާތީ ކޮމެޓީގެ ހިންގުން ހަރުދަނާ ކުުރުމަށް ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ކަމަށް ޖީހާން ވިދާޅުވި އެވެ.

މިހާރު މި ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބުނާގޮތުން މީހުން ޓްރެފިކް ކުރުމާގުޅޭ ކަންތައް ވިލަރެސް ކުރާ ކޮމެޓީގައި 14 މެންބަރުން ހިމެނެ އެވެ.

އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާއި، ސުޕްރީމުން ކޯޓުން ކަނޑައަޅާ އެކޯޓުގެ ފަނޑިޔާރަކާއި އެޗްއާރުސީއެމްގެ މެންބަރެއްގެ އިތުރުން އެންޓި ޓްރެފިކިންގެ ކަންތައް ބަލަހައްޓާ މިނިސްޓްރީގެ މުވައްޒަފަކާއި، އެޓާނީ ޖެނެރަލްގެ އޮފީހުގެ ވަކީލެއް ހިމަނަން ޖެހެއެވެ. މީގެ އިތުރުން ޕީޖީ އޮފީހުގެ ވަކީލަކާއި އިމިގްރޭޝަނުގެ މުވައްޒަފެއްގެ އިތުރުން ފޮރިން މިނިސްޓްރީގެ މުވައްޒަފަކާއި ފުލުހުންގެ މުވައްސަސާ ތަމްސީލުކުރާނެ ފަރާތެއް އަދި ކަސްޓަމްސްގެ މުވައްޒަފެއްގެ އިތުރުން ލޭބާ ރިލޭޝަންސްގެ މުވައްޒަފަކާއި ހޯމް މިނިސްޓްރީގެ މުވައްޒަފެއްވެސް މި ކޮމެޓީގައި ހިމަނަން ޖެހެ އެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ މުވައްޒަފަކާއި ހިޔުމަންޓްރެފިކިން ހުއްޓުވުމަށް މަސައްކަތްކުރާ އަމިއްލަަ ޖަމްއިއްޔާއެއްގެ މެންބަރެއްވެސް މި ގާނޫނުގެ ދަށުން ކޮމެޓީގައި ހިމަނަން ޖެހެ އެވެ.

ޖީހާން ހުށަހެޅުއްވި އިސްލާހުގެ ދަށުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރާއި ސުޕްރީމު ކޯޓުން ކަނޑައަޅާ ފަނޑިޔާރާއި ހިޔުމަން ރައިޓްސް ކޮމިޝަނުން ކަނޑައަޅާ މެންބަރާއި އިސްލާމިކް މިނިސްޓްރީގެ މުވައްޒަފަކާއި ފޮރިން މިނިސްޓްރީގެ މުވައްޒަފަކު މި ކޮމެޓީ އިން އުނިކުރުމަށް ވަނީ ހުށަހަޅުއްވައިފަ އެވެ.

މި އިސްލާހާއެކު ހިޔުމަން ޓްރެފިކިން ހުއްޓުވުމަށް ކުރާ މަސައްކަތްތައް ވިލަރެސްކުރާ ކޮމެޓީގައި ހިމެނޭނީ އެންޓި ޓްރެފިކިންގެ ކަންތައް ބަލަހައްޓާ މިނިސްޓްރީގެ މުވައްޒަފަކާއި، އެޓާނީ ޖެނެރަލްގެ އޮފީހުގެ ވަކީލެއްގެ އިތުރުން ޕީޖީ އޮފީހުގެ ވަކީލަކާއި އިމިގްރޭޝަނުގެ މުވައްޒަފަކާއި ފުލުހުންގެ މުވައްސަސާ ތަމްސީލުކުރާނެ ފަރާތެއް އަދި ކަސްޓަމްސްގެ މުވައްޒަފެއްގެ އިތުރުން ލޭބާ ރިލޭޝަންސްގެ މުވައްޒަފަކާއި ހޯމް މިނިސްޓްރީގެ މުވައްޒަފަކާއި ހިޔުމަންޓްރެފިކިން ހުއްޓުވުމަށް މަސައްކަތްކުރާ އަމިއްލަަ ޖަމްއިއްޔާއެއްގެ މެންބަރެއްގެ އިތުރުން ޖެންޑާ މިނިސްޓްރީ އިން ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒަފެކެވެ.

މީގެ ކުރިން މި ކޮމެޓީގައި ޖެންޑާ މިނިސްޓްރީގެ މުވައްޒަފެއް ހިމެނުމަށް ހުށަހެޅުއްވީ ޓްރެފިކް ކުރެވޭ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުން ހިމެނޭތީ ކަމަށެވެ.

"ހާއްސަގޮތެއްގައި ޑޮމެސްޓިކް މަސައްކަތަށް ގެނެވޭ އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭ ހިނދު މި މައްސަލަތައް ބަލަމުންގެންދާއިރު ޖެންޑާ މިނިސްޓްރީގެ ދައުރެއް މި މަސައްކަތް ވިލަރެސް ކުރާއިރު ހިމެނުން ހިމެނޭތީ،" ޖީހާން ވިދާޅުވި އެވެ.

ޖީހާން ވިދާޅުވީ މި ކޮމެޓީގެ މެންބަރުންގެ އަދަދު މަދުކުރުމުން ކޮމެޓީގެ މަސައްކަތްތައް ކުރުމަށް ފަސޭހަވާނެ ކަމަށާއި ކޮމެޓީގެ ކޯރަމް ހަމަކުރުމަށްވެސް ފަސޭހަވާނެ ކަމަށެވެ. އަދި މަސްލަހަތު ފުށޫއަރާ މުވައްސަސާތައް ކޮމެޓީ އިން އުނި ކުރުމުން ކޮމެޓީގެ މަސައްކަތް ތައް ކުރިއަށް ގެންދަން ހުރި އުނދަގޫތަކަށް ހައްލެއް ލިބޭނެ ކަމަށް ޖީހާން ވިދާޅުވި އެވެ.

comment ކޮމެންޓް