ލަންކާގައި ގިނަ ޓެކްސްތަކެއް ކަނޑާލުމާއެކު އިންޓަނެޓުގެ އަގު ހެޔޮވަނީ

ސްރީލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސައާއި ބޮޑުވަޒީރު މަހިންދަ ރަޖަޕަކްސަ -- ފޮޓޯ// ތާރަކަ ބަސްނަޔަކަ

ސްރީލަންކާގައި ނަގަމުން އައި ވެލިއު އެޑެޑް ޓެކްސްއާއި ޓެލެކޮމިއުނިކޭޝަން ޓެކްސް ނަގާ މިންވަރު ކުޑަކުރަން ނިންމައި، އަދި އެގައުމުގައި ނަގާ އިތުރު އަށް ޓެކުހެއް އުވާލުމަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ރައީސް ގޯޓާބަޔަ ރާޖަޕަކްސަ ވެރިކަމަށް ވަޑައިގެންނެވިތާ އަދި މަސް ދުވަސްވެސް ނުވާ އިރު، ޓެކްސްތަކެއް އުވާލުމުގެ އިތުރުން ބައެއް ޓެކްސްތައް ނަގާ މިންވަރު ކުޑަކުރުމަށް ނިންމީ މިދިޔަ ހަފްތާގައި އޮތް ކެބިނެޓް ބައްދަލުވުމެއްގައެވެ.

ކެބިނެޓް ތަރުޖަމާނު އަދި އިންފޮމޭޝަން މިނިސްޓަރު ބަނދުލަ ގުނަވަރުދަނަ ވިދާޅުވި ގޮތުގައި ކުޑަކުރުމަށް ނިންމާފައިވަނީ، މިހާރު 15 ޕަސަންޓު ނަގަމުން އަންނަ ވެލިއު އެޑެޑް ޓެކްސް (ވެޓް)ގެ އިތުރުން މިހާރު 30 ޕަސަންޓުން ނަގަމުން އަންނަ ޓެލެކޮމިއުނިކޭޝަން ޓެކްސްއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޑިސެމްބަރު އެއްވަނަ ދުވަހުން ފެށިގެން ވެޓް ޓެކްސް 8 ޕަސަންޓަށް ކުޑަކުރަން ނިންމި އިރު، ކެބިނެޓުން ނިންމި ނިންމުމާއެކު ޓެލެކޮމް ޓެކްސް 30 ޕަސަންޓުން އެންމެ 5 ޕަސަންޓަށް ކުޑަކުރުމަށް ވަނީ ނިންމާފައެވެ.

ޓެލެކޮމް ޓެކްސްއަށް އައި ބޮޑު ބަދަލާއެކު ސްރީލަންކާގައި މުވާސަލާތުކުރުމާއި އިންޓަނެޓުގެ އަގަށް ބޮޑު ބަދަލެއް އަންނާނެއެވެ.

މި ދެ ޓެކްސްގެ އިތުރުން އުވާލަން ނިންމި އަށް ޓެކްސްއަކީ:

  • އިކޮނޮމިކް ސާވިސް ޗާޖު
  • ބޭންކިން އަދި މާލީ އިދާރާތަކުން ނަގާ ޑެބިޓް ޓެކްސް
  • ޝެއާ މާކެޓުން ނަގާ ކެޕިޓަލް ގެއިން ޓެކްސް
  • އިންކަމް ޓެކްސް ޕޭއެބަލް
  • ކްރެޑިޓް ސާވިސް ޓެކްސް
  • ސޮވެރިން ޕްރޮޕަޓީން ނަގާ ވެލިއު އެޑެޑް ޓެކްސް
  • ވިތުހޯލްޑިން ޓެކްސް
  • ނޭޝަން ބިލްޑިން ޓެކްސް
comment ކޮމެންޓް