މަޖިލީހަށް ކައުންސިލަރުން ވަކި ކުރެވޭގޮތް ހަދާތީ އުމަރުގެ ފާޑުކިޔުން

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ ---- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުން ނަގާ ވޯޓަކުން ކައުންސިލަރުންނާއި މޭޔަރުން ވަކި ކުރެވޭގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމާ ގުޅިގެން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ކައުސިލަރުންނާއި މޭޔަރުންގެ މަގާމުން ވަކިކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން އިސްލާހު ހުށަހަޅާފައިވަނީ މިއަދެވެ.

އެކަމާ ގުޅިގެން އުމަރު ނަސީރު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހުން ކައުންސިލު މެމްބަރުން ވަކި ކުރެވޭ ގޮތް އޮތުމަކީ އެއްވެސް އެއްވެސް ގައުމެއްގައި އެކަން އޮންނަ ގޮތް ނޫން ކަމަށެވެ.

އަދި އެ ކަމަކީ މިހާރުގެ ދައުލަތުގެ ތެރޭގައި އޮތް "ޑަބަލް ސްޓޭޓް" ހާމަކޮށްދޭ މިސާލެއްކަމަށް އޭނާ ވިދާޅުވިއެވެ.

"މަޖިލީހުން މި ގެންދަނީ ސަރުކާރުގެ ބާރުތަކުގެ ތެރެއަށް ވަދެ، ބައެއް ބާރުތައް މަޖިލިސްއަށް ބަދަލުކުރަމުން،" އުމަރު އިތުރަށް ވިދާޅުވިއެވެ.

https://sun.mv/128310

އުމަރު ވިދާޅުވީ ލޯކަލް ކައުންސިލުތަކަކީ ސަރުކާރު ހިންގުމުގެ ފަށަލައެއް ކަމަށާއި އެއީ ސަރުކާރުގެ ބައެއް ކަމަށެވެ. އަދި ކައުންސިލުތައް ޒިންމާދާރު ކުރުވަނީވެސް، އަދި ކައުންސިލުތަކުން ޖަވާބުދާރީ ވާން ވެސް ޖެހޭނީ ސަރުކާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ގާނޫނަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ފާސްކުރި އިސްލާހުގައި ބުނެފައިވަނީ ކައުންސިލަރަކަށް، ނުވަތަ ކައުންސިލުގެ ރައީސަކަށް ނުވަތަ މޭޔަރަކަށް ވިޔަސް މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަށް އަދާނުކުރެވޭ ނަމަ ނުވަތަ އިހުމާލުވާނަމަ ނުވަތަ ކައުންސިލުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރާ ނަމަވެސް ކައުންސިލަރުން ވަކިކުރަން މަޖިލީހުން އެލްޖީއޭއަށް އެންގިދާނެ ކަމަށެވެ.

ކައުންސިލަރަކު ނުވަތަ ކައުންސިލުގެ ރައީސެއް ނުވަތަ މޭޔަރެއް ވިޔަސް ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނީ އެލްޖީއޭގެ ބޯޑު މެމްބަރުންގެ ތިންބައިކުޅަ ދެބައި ވޯޓު ލިބިގެން ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ.

އަދި އެލްޖީއޭއިން ހުށަހަޅާ ހުށަހެޅުމާ އެއްގޮތަކަށް ކައުންސިލަރަކު ނުވަތަ ރައީސްއަކު ނުވަތަ މޭޔަރުވިޔަސް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ހިސާބުން އޭނާ މަގާމުން ވަކިވާނެ ކަމަށްވެސް ގާނޫނަށް ގެންނަ އިސްލާހުގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް