ލަންކާގެ ޕާލިމެންޓް ސަސްޕެންޑުކޮށްފި

ލަންކާގެ ޕާލިމަންޓްގެ ޖަލްސާއެއްގެ ތެރެއިން--

ކޮލަމްބޯ (ޑިސެމްބަރު 3): ސްރީލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ އެގައުމުގެ ޕާލިމެންޓު ސަސްޕެންޑު ކުރައްވައިފި އެވެ.

ލަންކާގެ ގެޒެޓުގައިވާ ގޮތުން ރައީސް ނިންމަވާފައި ވަނީ ރެއިން ފެށިގެން ޕާލިމެންޓު ސަސްޕެންޑު ކުރާށެވެ. އަދި ދެން ޕާލިމެންޓުގެ ބައްދަލުވުމެއް ބާއްވާނީ އަންނަ މަހުގެ ތިނެއްގަ އެވެ.

ލަންކާގެ ޕާލިމެންޓުގެ މެޖޯރިޓީ މިހާރު އޮތީ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިސްކޮށް ހުންނަ ޔޫއެންޕީގެ އެލަޔަންސަށެވެ. އަދި ރައީސް ގޯޓާބަޔަ ވަނީ ޕާލިމެންޓަރީ އިލެކްޝަން ބޭއްވެން އޮތް އެންމެ އަވަހަކަށް އިންތިހާބު ބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ލަންކާގެ ގާނޫނު އަސާސީގައިވާ ގޮތުން އެގައުމުގެ ޕާލިމެންޓު އުވާލެވޭނީ، ޕާލިމެންޓު އިންތިހާބު ކުރިތާ ހަތަރު އަހަރާއި ހަ މަސްވާ ފަހުން ނުވަތަ ޕާލިމެންޓު އުވާލުމަށް ތިންބައިކުޅަ ދެބައި މެމްބަރުން ރުހުން ދިނުމުންނެވެ. އެހެންކަމުން އަންނަ މާޗް މަހު ރައީސަށް ޕާލިމެންޓު އުވާލެވޭނެ އެވެ. އަދި ހަމަ އެ މަހު ޕާލިމެންޓަރީ އިންތިހާބު ބޭއްވޭނެ އެވެ.

މިމަހުގެ 18ގައި ވެރިކަމަށް ވަޑައިގެންނެވި ގޯޓާބަޔަ ވަނީ ކުރީގެ ރައީސް އަދި ބޭބޭފުޅު މަހިންދަ ބޮޑުވަޒީރު ކަމަށް އައްޔަން ކުރައްވައިފަ އެވެ. އަދި ޕާލިމެންޓަރީ އިންތިހާބު ބޭއްވެންދެން ވަގުތީ ކެބިނެޓެއް އެކުލަވާލައިފަ އެވެ.

comment ކޮމެންޓް