އަފްޣާނިސްތާނުން ހައްޔަރުކުރި ދިވެހި މީހާއަށް 21އަހަރުގެ ޖަލު ހުކުމެއް

އަފްޣާނިސްތާނުން ހައްޔަރުކުރި އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން--

އަފްގާނިސްތާނުން ހައްޔަރުކުރި ހ. މޫންލައިޓްވެލީ އަލީ ޝާފިއުގެ މައްޗަށް ކުށް ސާބިތުވެ، 21 އަހަރުގެ ޖަލު ހުކުމެއް އަފުޣާނިސްތާނު ކޯޓުން އޭނާގެ މައްޗަށް އިއްވާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ރާއްޖެއަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިންތަކެއް އަފްގާނިސްތާނުގައި ހައްޔަރުކޮށްފި ކަމަށް އެގައުމުގެ ނޫސް އޭޖެންސީއަކުން ރިޕޯޓުކުރީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ.

އެމީހުންގެ ތެރޭގައި ހިމެނޭ ޝާފިއު އަފްގާނިސްތާނުން ހައްޔަރު ކުރީ އޭނާގެ އަންހެނުންނާއި ދަރިންނާއެކު އެވެ. އެކަމާ ގުޅޭ ގޮތުން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޝާފިއު އަކީ ދީނީ ހަރުކަށި ފިކުރަށް ތާއީދުކުރާ މީހެއް ކަމަށާއި އޭނާ އަކީ އެފަދަ މީހުންނާއެކު ގުޅުން ބާއްވާ މީހެއް ކަމަށެވެ.

ޝާފިއު، އޭނާގެ ކުރީގެ އަނބިމީހާ އަދި ދަރިން ގޮވައިގެން ސީރިއާއަށް ހަނގުރާމަ ކުރުމަށް ދިޔުމަށް ތުރުކީއަށް ފުރަން އުޅެނިކޮށް 2015 ވަނަ އަހަރުގެ ފެބްރުއަރީ ނުވަވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފަހައްޓާފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

އެބަޔާނުގައި ފުލުހުން ބުނީ ޝާފިއު އަކީ ހަތިޔާރު ގެންގުޅެ، ފޮރުވި މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ. އެގޮތުން ބ.ހިބަޅިދޫ ކައިރިން ކަނޑުތެރެއިން ފެނުނު ހަތިޔާރާއި، ގޮވާތަކެއްޗާ ގުޅުން ހުރި ބަޔެއް ތަކެތި، ޝާފިއުގެ އަތުން ފެނުނު ކަމަށާއި ނަމަވެސް އެ މައްސަލާގައި ސާބިތުކުރެވޭ މިންވަރަށް ހެކި ނެތުމުގެ ސަބަބުން 2016 ޖެނުއަރީ 18 ވަނަ ދުވަހު ޝާފިއު ދޫކޮށްލީ ކަމަށް ފުލުހުން ބުންޏެވެ.

އަދި މިދިޔަ އަހަރުގެ ޖޫން 23 ވަނަ ދުވަހު ޝާފިއު އާއި އޭނާގެ އަންހެނުން އަދި ހަތަރު ދަރިން ބޭސްފަރުވާއަށް ސްރީލަންކާއަށް ގޮސް އޮކްޓޯބަރު މަހުގެ ތެރޭގައި ލަންކާ އިން ޕާކިސްތާނަށް ދަތުރުކޮށް ޕާކިސްތާނުގެ މަގުން އަފްގާނިސްތާނަށް އެތެރެވެފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ބަޔާނުގައި ބުނީ ޝާފިއު އޭނާގެ އަނބިދަރިން އަފްގާނިސްތާނަށް އެތެރެވުމުގެ މައުލޫމާތު ފުލުހުންނަސް ލިިބުމުން ބޭރުގެ ސަލާމަތީ އަދި ތަންފީޒީ އިދާރާތަކާއި ގުޅިގެންބެލި ބެލުމުން ޝާފިއު ޕާކިސްތާނުގައި އުޅޭކަމުގެ މައުލޫމާތު ލިބުނު ކަމަށާއި އޭގެ ފަހުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ޝާފިއު އޭނާގެ އަނބިދަރިންނާ އެކު އަފްގާނިސްތާނުގެ ނަންގަހާރު ޕްރޮވިންސުން ހައްޔަރުކޮށްފައިވާކަމުގެ މައުލޫމާތު ވެސް އިންޓަޕޯލް މެދުވެރިކޮށް ފުލުހުންނަށް ލިބުނު ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ފުލުހުން ބުނީ ޝާފިއު އަފްގާނިސްތާނަށް ގޮސްފައި ވަނީ އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އައިއެސްގެ ގޮތްޕެއް ކަމަށްވާ "އިސްލާމިކް ސްޓޭޓް ޚޮރަންސާ ޕްރޮވިންސް" އާ ގުޅެން ކަމަށާއި އޭނާގެ އަތުން ނެގި ޑިޖިޓަލް ޑިވައިސް އަކުން އައިއެސްގެ ޕްރޮޕެގެންޑާ އާއި ގުޅޭ ވީޑިއޯތަކެއް ފެނުނު ކަމުގެ މައުލޫމާތު ވެސް ފުލުހުންނަށް ލިބުނު ކަމަށް ބަޔާނުގައިވެ އެވެ.

ޝާފިއު އާއި އޭނާގެ އާއިލާ އަފްގާނިސްތާނުގައި އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން، ދިވެހި ފުލުހުންނާއި އަފްގާނިސްތާނުގެ ތަންފީޒީ އިދާރާތަކާ ގުޅިގެން ވަރަށް ގާތުން އެ މައްސަލަ ބެލި ކަމަށާއި އެ މައްސަލަ އާއި ގުޅިގެން ފުލުހުންނާއި އަފްގާނިސްތާނުގެ ތަންފީޒީ އިދާރާތަކާ ގުޅިގެން ޖޮއިންޓް އޮޕަރޭޝަންތައް ވެސް ކުރިއަށް ގެންދިޔަކަމަށ ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޝާފިއު އަފްގާނިސްތާނަށް ފޮނުވުމުގައި ހަރަކާތްތެރިވި ނެޓްވޯކުގެ އިސްމީހުން އައިޑެންޓިފައިކޮށް، އެ މައުލޫމާތު ފުލުހުންނަށް ލިބުމުން އެކަން އަފްގާނިސްތާނު ފުލުހުންނާވެސް ހިއްސާކޮށްފައިވާނެ ކަމަށެވެ.

ޝާފިއުގެ މައްޗަށް ކުރެވޭ ތުހުމަތުގެ މައްސަލާގައި އަފްގާނިސްތާނުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން މައްސަލަ ތަހުގީގުކޮށް، އޭނާގެ މައްޗަށް ޝަރީއަތްހިންގައި ޝާފިއިގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ 21 އަހަރުގެ ޖަލު ހުކުމް އިއްވާފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ނެރުނު ބަޔާނުގައި ބުންޏެވެ.

އަފްގާނިސްތާނުގެ އިރުމަތީ ނަންގަރްހާރު ޕްރޮވިންސްގައި އައިއެސްގެ ޖުމްލަ 241 މެމްބަރަކާއި އެ ޖަމާއަތަށް ވާގިއެދޭ ބަޔަކު ވަނީ އެގައުމުގެ ސަރުކާރުގެ ބާރުގެ ދަށަށް ގެންދިޔައިރު އޭގެ ތެރޭގައި ހިމެނެނީ 71 ފިރިހެނަކާއި 63 އަންހެނުން އަދި 107 ކުޑަކުދިންނެވެ.

comment ކޮމެންޓް