ހޮންގްކޮންގަށް ޒިޔާރަތް ކުރުމުގެ ފުރުސަތު އެމެރިކާގެ މަނަވަރުތަކަށް ނުދޭން ނިންމައިފި

ހޮންގްކޮންގް

ބެއިޖިންގް (ޑިސެމްބަރު 3) : ހޮންގްކޮންގްގައި މުޒާހަރާކޮށް ހަމަނުޖެހުންތައް ހިންގާ ފަރާތްތަކަށް އެމެރިކާއިން ހިއްވަރުދޭތީ އެމެރިކާގެ އަސްކަރީ އުޅަނދުތައް ހޮންގްކޮންގަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ނުދިނުމަށް ޗައިނާއިން ނިންމައިފި އެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނީ އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތަކާއި އެނޫން ވެސް އަސްކަރީ އުޅަނދުތައް ކުރިން ހޮންގްކޮންގަށް ކުރި ރަހްމަތްތެރި ކަމުގެ ޒިޔާރަތްތައް ދެން ނުކުރެވެނެ ކަމަށާ އެފުރްސަތު އެމެރިކާއަށް ދިނުން މިހާރު ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމުގަ އެވެ. ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ހުވާ ޗިންގް ޔުންގް ވަނީ ހޮންގްކޮންގްގައި ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށް ހަމަނުޖެހުންތައް އުފައްދާ ފަރާތްތަކަށް އެމެރިކާ އިން ހިއްވަރުދޭ މައްސަލަ ކުށްވެރި ކުރައްވާފަ އެވެ. ހުވާ ޗިންގް ވަނީ ހޮންގްކޮންގްގައި ހަމަނުޖެހުންތައް އުފައްދާ ފަރާތްތަކަށް ހިއްވަރުދޭ ގާނޫނެއް އެމެރިކާގެ ކޮންގްރެސް އިން ދާދިފަހުން ފާސްކުރި މައްސަލަ ފާހަގަކުރައްވައި އެއީ އެމެރިކާއިން ޗައިނާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެގަތުންކަމަށް ސިފަކުރައްވައިފަ އެވެ.

އެމެރިކާގެ ކޮންގްރެސް އިން ފާސްކުރި އެގާނޫނު ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ތަސްދީގު ނުކުރައްވާތީ އެގާނޫނަށް އަމަލުކުރަން އަދި ފަށާފައެއް ނުވެ އެވެ. ހޮންގްކޮންގްގައި ކުރާ މުޒާހަރާތަކަށް ފަސް މަސްވެފައިވާ އިރު މުޒާހަރާކުރާ ފަރާތްތަކުން ތަންތަނުގައި ހުޅުރޯކޮށް ފުލުހުންނަށް ހަމަލާދީ އިގްތިސާދީ ހަރަކާތްތައް ހުއްޓުވައި އާންމުންގެ ދިރިއުޅުމަށް ހުރަސްއެޅުން ފަދަ ހަރުކަށި އަމަލުތައް ގެންދަނީ ހިންގަމުންނެވެ.

މުޒާހަރާކުރި ފަރާތްތަކުން މިދިޔަ ހަފްތާގައި ހޮންގްކޮންގެ ޕޮލިޓެކްނިކް ޔުނިވާސިޓީ ހިސާރުކޮށް ފުލުހުންނަށް ޕެޓްރޯލް ބޮމުން ހަމަލާދިނުމުން ފުލުހުންވަނީ ބާރުގެ ބޭނުންކޮށްގެން އެ ޔުނިވާސިޓީގެ ކެންޕަހަށް ވަދެގަނެ މުޒާހަރާތައް އިންތިޒާމުކުރާ ގިނަ އެކްޓިވިސްޓުންތަކެއް ހައްޔަރުކޮށްފަ އެވެ. އަދި ފުލުހުންނަށާއި ތަންތަނަށް ހަމަލާދިނުމަށް ކެންޕަހުގައި ތައްޔަރުކޮށްފައިވާ 400 އަށްވުރެ ގިނަ ޕެޓްރޯލް ބޮންވެސް ފުލުހުންވަނީ އަތުލައިގެންފަ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް