ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ޕާޓީ ޑްރަގްސް އަތުލައިގެންފި

ޕޯސްޓުން އަތުލައިގަތް މަސްތުވާތަކެތި--- ފޮޓޯ: ކަސްޓަމްސް

ޕޯސްޓްގެ ޒަރީއާއިން ތަފާތު ފަސް ފަހަރެއްގެ މަތިން ރާއްޖެއެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ އެތަކެތި އަތުލައިގެންފައިވަނީ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައި މިދިޔަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ކަމަށެވެ.

އެ މަސްތުވާތަކެތި ހުރި ޕާރުސަލްތައް އެތެރެކޮށްފައިވަނީ ނެދެލެންޑްސްއާއި އިނގިރޭސިވިލތުންނެވެ.

އެގޮތުން އެތެރެކުރި މަސްތުވާތަކެތީގެ ތެރޭގައި އެކްސްޓަސީގެ ބާވަތެއް ކަމަށްވާ އެމްޑީއޭއެމްއާއި އެލްއެސްޑީއާއި އެމްފެޓަމިން ހިމެނެއެވެ.

ކަސްޓަމްސްއިން ބުނީ އެ ތަކެތީގެ ބަރުދަނުގައި ޖުމްލަ 131 ގްރާމް ހުރި ކަމަށާއި އަދި އެތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 278,000.00 (ދެލައްކަ ހަތްދިހަ އަށްހާސް) ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަތުލައިގަނެވުނު މަސްތުވާތަކެއްޗާއެކު އެ މައްސަލަ އިތުރަށް ތަހުގީގކުރުމަށްޓަކައި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައެވެ.

މިދިޔަ މަހު ވައިގެ މަގުން އެތެރެކުރަން އުޅުނު ދެލައްކަ ރުފިޔާއަށްވުރެ ގިނަ ޕާޓީ ޑްރަގްސްވެސް މޯލްޑިވްސް ކަސްޓަމްސްއިން ވަނީ އަތުލައިގެންފިއެވެ.

comment ކޮމެންޓް