ސައުތް އޭޝިއަން ގޭމްސް: ތާރީހީ ފުރަތަމަ މެޗުގައި ނޭޕާލް އަތުން އަންހެން ކްރިކެޓް ޓީމު ބަލިވެއްޖެ

ރާއްޖޭގެ އަންހެން ކްރިކެޓް ޓީމުން މިއަދު އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން --- ފޮޓޯ// އެމްއޯސީ

ނޭޕާލް ޕޮކަހަރާ: ނޭޕާލްގައި މިހާރު ކުރިއަށްދާ ސަރަހައްދީ އެންމެ ބޮޑު މުބާރާތް ކަމަށްވާ ސައުތް އޭޝިއަން ގޭމްސްގެ 13 ވަނަ ޑިވިޝަނުގައި ރާއްޖެއިން މުޅިން އަލަށް ބައިވެރިވި އަންހެން ކްރިކެޓް ޓީމު ނޭޕާލް އަތުން ބަލިވެއްޖެ އެވެ.

ރާއްޖޭގެ އަންހެން ކްރިކެޓް ޓީމަކުން މިއީ ބައިނަލް އަގުވާމީ މުބާރާތެއްގައި ވާދަކުރި ފުރަތަމަ ފަހަރެވެ. ނޭޕާލްގެ ޕޮކަހަރާ ސިޓީގެ ކްރިކެޓް ގްރައުންޑުގައި މިއަދު ހެނދުނު ކުޅުނު މެޗުން ނޭޕާލް އަތުން ބަލިވީ 10 ވިކެޓުންނެވެ. މުބާރާތުގެ މެޗުގެ ކުރިން ނޭޕާލްއާ އެކު ކުޅުނު ރަހުމަތްތެރި ކަމުގެ މެޗެއްގައި އަންހެން ޓީމު ވަނީ މިއަށްވުރެން ރަނގަޅު ނަތީޖާއެއް ނެރެފަ އެވެ. އެ މެޗުގައި ރާއްޖޭގެ ޓީމުން ވަނީ 78 ލަނޑު ހަދައިފަ އެވެ.

ރާއްޖޭގެ އަންހެން ކްރިކެޓް ޓީމުން މިއަދު އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން --- ފޮޓޯ// އެމްއޯސީ

މިއަދުގެ މެޗުގައި ޓޮސް ދިމާވުމުން ފުރަތަމައިން ކުޅެން ނުކުތީ ރާއްޖެއިންނެވެ. ރާއްޖޭގެ ޓީމުން ކުޅެން އަރައި މެޗްގެ 10 ވަނަ އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 16 ލަނޑެވެ. ޖަވާބުގައި ނޭޕާލް ޓީމުން ކުޅެން އަރައި ފުރަތަމަ އޯވަރު ނުނިމެނީސް 17 ލަނޑު ހަމަކުރިއެވެ. ނޭޕާލްގެ ތަޖުރިބާއާއި ހުނަރަަށް ބަލައި މިއީ މުޅިން އަލަށް ބައިވެރިވި ދިވެހި ރާއްޖެއަށް ގޯސް ނަތީޖާއެއް ނޫނެވެ.

މިއަދުގެ މެޗުގައި ރާއްޖޭގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ހަމްޒާ ނިޔާޒް އެވެ. ހަމްޒާ 11 ބޯޅައިން 9 ލަނޑު ހަދައިފައިވާއިރު 2 ފަހަރު ހަތަރަކަށް ޖަހައިފައެވެ. ރާއްޖެއިން އިތުރަށް ހެދި ހަތަރު ލަނޑު ހެދީ ހަފްސާ އަބްދުﷲ އެވެ.

މިފަހަރުގެ ސައުތް އޭޝިއަން ގޭމްސްގެ އަންހެން ކްރިކެޓުގައި ބައިވެރިވެފައި ވަނީ ހަތަރު ގައުމަކުންނެވެ. ރާއްޖެއާ ނޭޕާލްގެ އިތުރުން މުބާރާތުގައި ދެން ކުޅޭނީ ބަންގްލަދޭޝްއާއި ސްރީ ލަންކާ އެވެ.

ސައުތު އޭޝިއަން ގޭމްސްގެ އަންހެން ކްރިކެޓް އިވެންޓްގައި ރާއްޖޭގެ ޓީމް ކުޅޭ ދެވަނަ މެޗް އޮންނާނީ މި މަހުގެ 4 ވަނަ ދުވަހު އެވެ. އެ މެޗުގައި ރާއްޖެއިން ބައްދަލު ކުރާނީ ދުނިޔޭގެ ފެންވަރުގައި ވެސް ވާދަކުރ ސްރީ ލަންކާ އެވެ.

ރާއްޖޭގެ އަންހެން ކްރިކެޓް ޓީމުން މިއަދު އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން --- ފޮޓޯ// އެމްއޯސީ

މިފަހަރުގެ ގޭމްސްގައި ރާއްޖޭގެ އަންހެން ޓީމުގެ ކޯޗެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސްރީލަންކާގެ ޕަދުމާ ކަރުނަރަތުނާ އެވެ. އޮސްޓްރޭލިޔާގެ ކޯޗިން ލެވަލް ތްރީ ފުރިހަމަކޮށްފައިވާ ކަރުނަރަތުނާ އަކީ ސްރީލަންކާގެ ގައުމީ ޓީމުގެކުރީގެ ކުޅުންތެރިއެކެވެ. އޭނާ ވަނީ ސްރީލަންކާގެ މަޝްހޫރު ކޮލަންބޯ ކްރިކެޓް ކުލަބުގެ ކޯޗުކަން ވެސްކޮށްފައެވެ.

މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޯޗު ބުނީ މިއަދުގެ މެޗުން ބަލިވި ނަމަވެސް ކުޅުންތެރިންގެ މޯޓިވޭޝަނަށް އަސަރެއް ނުކުރާ ކަމަށެވެ. އަދި މިއީ މުޅިން އައު ފެށުމެއް ކަމަށާއި މިފަހަރުގެ މުބާރާތުން ލިބޭ ތަޖުރިބާއާ އެކު ޓީމު ކުރިއަށް އޮތްތާ ރަނގަޅު ވާނެ ކަމަށެވެ.

comment ކޮމެންޓް