ކުޑަކުޑަ ރަށެއްގެ ހުވަފެން ހަގީގަތަކަށް، ތަރައްގީގެ އާ ނާރެހެއް!

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި މޯލްޑިވިއަންގެ ފްލައިޓެއް ޖައްސަނީ --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ނ. މާފަރުން -- "މިއީ ދައްތަމެން އުޅެ ބޮޑުވި ރަށް. ރަށަށް އަންނަ ކޮންމެ ކުރިއެރުމަކާއެކު ދައްތަމެންވެސް އުފާވޭ. އެއާޕޯޓު ހުޅުވީމާ ފަސޭހަވާނީ ދައްތަމެންނަށް. މިރަށު މީހުންނަށް. ދަތުރުކުރަން ދެން ވަރަށް ފަސޭހަވާނެ،" މިއީ މިދިޔަ އާދިއްތަ ދުވަހު ރަސްމީކޮށް ހުޅުވި މާފަރު އިންޓަނޭޝަނަލް އެއާޕޯޓާމެދު މި ރަށުގެ އަންހެނެއްގެ ޝުއޫރެވެ.

މި އާދިއްތަ ދުވަސްވީ، މި ރަށުގެ ރައްޔިތުންނަށް އަދި މި ނ. އަތޮޅުގެ ރައްޔިތުންނަށް ވެސް އުފާވެރި ދުވަހަކަށެވެ. އެތައް އަހަރެއް ވަންދެން އެއާޕޯޓަކަށް ކުރި އުއްމީދުގައި ކުލަޖެހި އެއާޕޯޓު އޮޕަރޭޓު ކުރަން ފެށީ އެވެ. ރަށުގެ ކުދިބޮޑު އެންމެންހެން ތިބީ އުފާވެރިކަމުގެ ޝުއޫރުތަކެއްގަ އެވެ.

މީގެ ކުރިން މި އެއާޕޯޓް ހެދުމަށް ދެ ކުންފުންޏަކާ ހަވާލު ކުރި ނަމަވެސް މި އެއާޕޯޓުގެ މަސައްކަތް ކުރިއަށް ނުގޮސް ޒަމާންތަކެއް ވަންދެން އޮތުމަށް ފަހު، އެންމެ ފަހުން އެއާޕޯޓު އަޅާ ނިންމީ އަބޫ ދާބީ ފަންޑުގެ ހިލޭ އެހީގަ އެވެ. ކޮންޓްރެކްޓަރަކީ ސިންގަޕޫރުގެ ޓަފް ކިޔާ ކުންފުންޏެކެވެ.

މި އެއާޕޯޓް ނިމޭނޭ ކަމުގެ އިންތިޒާރުގައި މި ރަށުގެ ރައްޔިތުން ތިބޭތާ މިހާރު އެތައް ދުވަހެކެވެ.

އިންޓަނޭޝަނަލް އެއާޕޯޓަށް ކޮމާޝަލް ދަތުރުތައް ފެށުމުގެ ރަސްމިއްޔާތުގައި އެރަށުގެ ރައްޔިތުން --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

އެއާޕޯޓާއެކު ރަށުގެ އަގު އުފުލޭނެ

ބައިނަލްއަގުވާމީ އެއާޕޯޓެއް މި ރަށުގައި ހުޅުވުނު ނަމަވެސް ރަށުގައި އަދި ގެސްޓުހައުސް އެއް ނެތެވެ. ނަމަވެސް އެއާޕޯޓުގެ މަސައްކަތް ފެށި ހިސާބުން ރަށުގައި ގެސްޓްހައުސް ހެދުމަށް ގިނަ ބަޔަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އަދި އެއާޕޯޓް ހުޅުވުމާ އެކު އެ ޝައުގުވެރިކަން ކުރިއަށް ވުރެވެސް ބޮޑުވެއްޖެ އެވެ.

ރަށު ކައުންސިލްގެ ރައީސް އަބްދުލް މާޖިދު އަލީ ވިދާޅުވި ގޮތުގައި ޕްލޭނިން މިނިސްޓްރީއާ އެކު މިހާރު މަޝްވަރާ ކުރަމުން ދަނީ މި ރަށުން ރަށު ފަތުރުވެރިކަމަށް ބިން ދޫކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށެވެ.

"އެއާޕޯޓާއެކު ބިމުގެ އަގު އުފުލިގެންދާނެ. ވަރަށް ބޮޑަށް ރަށް ކުރިއަރައިގެންދާނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ،" މި ރަށު ކައުންސިލްގެ ރައީސް މާޖިދު ވިދާޅުވި އެވެ.

މާޖިދު މިސާލު ނެންގެވީ، ބ. ދަރަވަންދޫ އެއާޕޯޓާއެކު އެރަށަށް އައިސްފައިވާ ތަރައްގީ އެވެ. ގެސްޓުހައުސް ވިޔަފާރި ފުޅާވެގެން ގޮސް އެ ރަށުގެ ބިމުގެ އަގު އުފުލި ރައްޔިތުންގެ ޖީބުތައް ތަނަވަސްވެގެން ގޮސްފައިވާ ގޮތުން އޭނާ މިސާލު ނެންގެވި އެވެ. މާފަރު އެއާޕޯޓާ އެކު މި ރަށު ކައުންސިލުންގެ ރައީސް، މި ރަށާ މެދު ކުރައްސަވާ މަންޒަރު ވަރަށް ވެސް ބޮޑެވެ.

މާފަރު ކައުންސިލުގެ ރައީސް އަބްދުލްމާޖިދު އަލީ -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

"އެތަނުގައި [ބ. ދަރަވަންދޫގައި] ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީވެގެން ހިދުމަތް ދެވެން ފެށުމާއެކު އެތަނުގެވެސް ބިމުގެ އަގު ވަރަށް މަތީގައި އެހުރީ. މިރަށުގައިވެސް ހަމަ އެގޮތަށް ވެގެންދާނެ ކަމަށް ގަބޫލު ކުރަނީ. އޭގެ ހެއްކެތް ކަން ނޭނގެ އެއާޕޯޓު ތަރައްގީ ކުރަން ފެށުމާއެކުވެސް ރަށުގައި ހުރި ކުއްޔަށް ދޭ ގެތަށް ފުލްވެގެން ދިޔައީ. ކުރިއަށް އޮތްތަނުގައި ރަށް ކުރިއަރައި ތަރައްގީވެގެންދާނެ،" މާޖިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީވެ އޮަޕަރޭޓު ކުރަންފެށުމާއެކު ރަށުގައި މިހާރު ނެތް އިތުރު ހިދުމަތްތައް ފައްކާވެ، ދޭން ފެށޭޭނެ އެވެ.

"މިހާރު ފުލުހުންގެ ޑެސްކެއްހާ ހިސާބުވެސް ރަށުގައި ނެތް. ބޭންކެއްވެސް ނެތް. ނަމަވެސް މި ހުރިހާ ކަމެއް އެއްކޮށް މި އަންނަނީ އެއާޕޯޓާއެކު،" މާޖިދު ވިދާޅުވި އެވެ.

"ބާރަ އަހަރުގެ އިންތިޒާރަކަށްފަހު އެއާޕޯޓު މި ހުޅުވިގެންދަނީ. 2007 ވަނަ އަހަރު އެންމެ ފުރަތަމަ އެއާޕޯޓު ތަރައްގީ ކުރުމަށްޓަކާ ބަޔަކާ ހަވާލު ކުރެވުނީ. އެކި ސަބަބުތަކާ ހުރެ ޓާމިނޭޓު ކުރެވި، ބަޔަކާހަވާލު ކުރެވި އެގޮތަށް މިދިޔައީ. 12 އަހަރުގެ އިންތިޒާރަކަށްފަހު އެއާޕޯޓު ހުޅުވިގެންދާއިރު ރަށަށް ތަރައްގީ އަންނާނެ. ގެސްޓުހައުސްގެ ވިޔަފާރި ފެށި، ތަރައްގީވެގެން ދާނެ،"

ގެސްޓްހައުސް ތަރައްގީ ކުރުމަށް ރަށުގެ ލޭންޑްޔޫސް ޕްލޭނުގައި ވަނީ މިހާރު ސަރަހައްދެއް ކަނޑައަޅައިފަ އެވެ. ނަމަވެސް ބިން ދޫކުރި މީހުން އެގްރިމެންޓާ ހިލާފުވުމުން އެއްބަސްވުންތައް ބާތިލްކޮށް ބިން އަތުލީ އެވެ.

ނަމަވެސް ކައުންސިލުން ޓޫރިޒަމް މިނިސްޓްރީ އާއެކު މަޝްވަރާކޮށް، ރަށުން ގެސްޓުހައުސް އަޅަން އަލުން ބިން ދޫކުރުމާ ގުޅޭ ކަންތައް ހަމަޖެހިފައިވާ ކަމަށް މާޖިދު ވިދާޅުވި އެވެ.

ވަޒީފާގެ ގިނަ ފުރުސަތުތައް

މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ފުލް އޮަޕަރޭޝަނަށް އަންނައިރު މިތަނުން 200 އަށް ވުރެ ގިނަ ވަޒީފާ އުފެދޭނެ އެވެ. މިހާރުވެސް 53 ވަޒީފާއަކަށް ހުޅުވާލާފައިވާއިރު މިއީ މާފަރުގެ ރައްޔިތުން ރަށުގައި ތިބެގެން ވަޒީފާ އަދާކުރުމަށް ލިބިފައިވާ ފުރުސަތެކެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ކޮމާޝަލް ދަތުރުތައް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

މި ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އުންމީދަކީ، ރަށުގެ އާންމު ހާލަތު މިހާރަށްވުރެ ކުރިއަރައި، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެގެން އައުމެވެ.

ބާރަސަތޭކައަށް ވުރެ ބޮޑު އާބާދީ އެއް އޮންނަ މާފަރުގައި ދިރިއުޅެނީ ހަ ސަތޭކައެއްހައި މީހުންނެވެ. ޒަރޫރީ ބޭނުންތަކަށްޓަކާ ގިނަ އަދަދެއްގެ ބަޔަކު ރަށުން ބޭރުގައި ދިރިއުޅޭއިރު، އެއާޕޯޓާއެކު އަންނަ ތަރައްގީގެ ސަބަބުން ރަށުން ބޭރުގައި އުޅޭ މީހުން އަނބުރާ ރަށަށް ހިޖުރަކުރުމަކީ މި ރަށުގެ އުންމީދެވެ.

އެއާޕޯޓް އަދިވެސް ބޮޑު ކުރަނީ

ފެހިކަންގަދަ، ބިން ބޮޑު މާފަރުގެ ބިމުން ބޮޑު ބަޔެއް ގުރުބާން ކުރީ ރަށާއި އަތޮޅުގެ އުއްމީދު ކަމަށްވާ އެއާޕޯޓު އެޅުމަށެވެ. ބައިނަލްއަގުވާމީ ފެންވަރުގެ އެއާޕޯޓެއް އަބޫދާބީ ފަންޑުގެ އެހީގައި ގާއިމް ކުރިއިރު އެ އެއާޕޯޓަކީ އެއާބަސް އޭ-320 އަދި ބޮއިންގް 737 ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ.

ސަރުކާރުގެ ވިސްނުން ހުރީ އެއާޕޯޓުގެ ރަންވޭ އިތުރަށް ތަރައްގީކޮށް އެއާބަސް އޭ-380 ޖެއްސޭ ފެންވަރަށް ރަންވޭއެއް ބޮޑު ކުރުމަށެވެ. މި މަސައްކަތް ކުރުމަށް ރަށުން އިތުރު ބިން ބޭނުންވެ އެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އެތެރެ --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

"މިހާރު 2.2 ކިލޯ މީޓަރުގެ ރަންވޭއަށް އެއް ކިލޯ މީޓަރު އިތުރު ކުރަން މިއޮތީ. މިހާރު ވާގޮތަކީ އެއާޕޯޓު އެކްސްޓެންޝަން އަށް ބޭނުންވާ ސަރަހައްދަށް އެބައަރާ ކުރިން ދޫކޮށްފައިވާ 45 ގޯތި. އެ ގޯތީގެ ބަދަލުގައި ދައުލަތުން ގޯތި ހަމަޖައްސައިދޭން ޖެހޭ. މަސައްކަތް ކޮށްފައި ހުރި ގޭގެއަށް އަގު ދޭގޮތަށް ސަރުކާރުންވެސް ވަނީ އެއްބަސްވެފައި. އަޅުގަނޑުމެން ކައުންސިލުންވެސް މި ދަންނަވަނީ ބަދަލު ދޭންޖެހޭ ފަރާތްތަކަށް ބަދަލު ދިނުމަށްފަހު، އެ ކަމަށް އެއްބަސްވުމަށް،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ރަށުގެ ބިމުން ބޮޑު ބަޔެއް އެއާޕޯޓަށް ނަގާފައިވާއިރު، މި ރަށުގެ ބިން ހިއްކުމަކީ ވެސް މާފަރު ރައްޔިތުން ބޭނުންވާ ކަމެއް ކަން މާޖިދު ފާހަގަކުރެއްވި އެވެ.

"ޕްލޭނިން މިނިސްޓްރީ އާއެކު ބޭއްވި ބައްދަލުވުމުގައިވެސް ރައްޔިތުން އެދުނީ ނަގާ ބިމުގެ ދެ ގުނަ ހިއްކައިދޭން،" އެއާޕޯޓު އެކްސްޓެންޝަންއާ އެކު ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ފެށޭނެ ކަމުގެ އުންމީދު އާ ކުރައްވަމުން މާޖިދު ވިދާޅުވި އެވެ.

މާފަރަށް ރަންގަނޑެއް، އުއްމީދު ވަރަށް މަތީގައި

މާފަރު އިންޓަނޭޝަނަލް އެއާޕޯޓު އޮޕަރޭޓު ކުރަން ހަވާލުކޮށްފައިވަނީ ގައުމީ އޭވިއޭޝަން ކުންފުނި އައިލެންޑް އޭވިއޭޝަނާ އެވެ. ގައުމީ އެއާލައިން މޯލްޑިވިއަން އިން ދުވާލަކު ތިން ދަތުރު މާފަރާއި މާލެ އާއި ދެމެދު ކުރަން ވަނީ ނިންމައިފަ އެވެ. އަދި މިމަހުގެ 15 އިން ފެށިގެން ދުވާލަކު ހަ ފްލައިޓު ބާއްވާނެ އެވެ.

އައިލެންޑް އޭވިއޭޝަނުގެ ވިސްނުން ހުރީ މާފަރު އެއާޕޯޓުގައި ޕައިލެޓް ޓްރެއިނިން ފެސިލިޓީއެއް ގާއިމް ކުރާށެވެ. އަދި ސީޕްލޭން ބޭސް އެއް ގާއިމް ކުރުމަކީވެސް މޯލްޑިވިއަންގެ ޕްލޭނުގައި ހިމެނޭ ކަމެކެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި މޯލްޑިވިއަންގެ ފްލައިޓެއް --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ސަރަހައްދުގައި ހުރި މަތީފަންތީގެ ރިސޯޓުތަކަށް އަންނަ ފަތުރުވެރިންގެ ޕްރައިވެޓް ޖެޓް ތަކަށް ހިދުމަތް ދިނުމަށް އެއާޕޯޓު އޮތީ ތައްޔާރަށެވެ. މޯލްޑިވިއަންއިން މިހާރު ޗައިނާއަށް ކުރާ ދަތުރުތައް މާފަރު އެއާޕޯޓަށް އަނބުރާލުމުގެ ވިސްނުންވެސް މޯލްޑިވިއަންގެ އެބައޮތެވެ.

ކުރިއަށް އޮތްތަނުގައި އިންޓަނޭޝަނަލް ފްލައިޓުތައް އެއާޕޯޓަށް ދަތުރު ފަށައި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުން ވެސް މާފަރު ރައްޔިތުންނަށް އިތުރު އުންމީދު ގެނެސްދޭނޭ އެވެ.

އިއްޔެ ހިދުމަތް ދޭންފެށި އެއާޕޯޓާއި މާލެ އާއި ދެމެދު ކުރާ ދަތުރަކަށް ނަގަނީ ކޮޅަކަށް 750 ރުފިޔާ އެވެ. މިއީ ގަދަ ވިއްސާރާގައި މާކަނޑު ހުރަސްކޮށް ކުރަންޖެހުނު ދަތުރުތައް ނިމުމަކަށް އައިސް، މާފަރު ރައްޔިތުންނަށް ލިބުނު ބޮޑު ހިތްހަމަ ޖެހުމެކެވެ. މުޅި މި އަތޮޅަށް ލިބުނު އުފަލެކެވެ. މިއީ މި ރަށުން ދެކެމުން އައި ޒަމާންވީ ހުވަފެން ހަގީގަތަކަށްވުމެކެވެ. މި ރަށަށް މި ލިބުނީ އާ އުންމީދެކެވެ. އާ ފެށުމެކެވެ.

comment ކޮމެންޓް