އުމަރުގެ ކޮރަޕްޝަންގެ މައްސަލަ އަދިވެސް ދަނީ ބަލަމުން: އޭސީސީ

އުމަރު: އޭނާގެ ކޮރަޕްޝަންގެ މައްސަލަ އޭސީސީން އަދިވެސް ދަނީ ބަލަމުން -- ސަންފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަ އަދިވެސް ދަނީ ބަލަމުން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފި އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު މިއަދު "ސަން" އަށް ވިދާޅުވީ، އެ ކޮމިޝަނުން ބަލަމުންދަނީ، އުމަރު ނަސީރު މިނިސްޓަރު ކަމުގައި ހުންނެވި އިރު، ނުރައްކާތެރި ކުށްވެރިން ކަމަށް ބެލެވޭ މީހުންގެ ފައިގައި އަޅުވާ ޓެގް ގެންނަން އަމިއްލަ ކުންފުންޏަކާ ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގައިފައިވޭތޯ އެވެ.

އޭނާ ވިދާޅުވީ، އެ ކޮމިޝަނުން އެ މައްސަލަ ބަލަން ފެށީ 2017 ވަނަ އަހަރު ކޮމިޝަންްގެ އިސްނެންގުމަށް ކަމަށާއި އަދިވެސް އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން މިއަދު އުމަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މައްސަލައަކީ ރައީސް ޔާމީންގެ ސަރުކާރުންވެސް ބަލާފައިވާ މައްސަލައެއް ކަމަށެވެ. އޭނާ ވިދާޅުވީ، އެކަމުގައި ކޮރަޕްޝަނެއް ހިންގާފައި ނުވާނެ ކަމަށެވެ.

"ތިޔަ ބިޑް އެވޯޑް ކުރެވުނީ، އިއުލާން ކޮށްގެން. އެންމެ ކުޑަ އަގު ހުށަހެޅި ފަރާތައް. އެވޯޑް ކުރުމުގެ ކުރިން އޭސީސީ އަށް ލިޔެ ކްލިއަރެންސް ހޯދާފައިވޭ،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ އެ ބިޑް ކާމިޔާބުކުރީ އޭނާ އާއި އަދި އާއިލާއާއާ ވެސް ގުޅުން އޮތް ކުންފުންޏަކުން ނޫން ކަމަށެވެ. އަދި އޭނާގެ ވަޒީރުކަމުގައި އާއިލާ މީހެއްގެ ހިއްސާ އޮތް ކުންފުންޏަކުން ހޯމް މިނިސްޓްރީގެ އެއްވެސް ބިޑަކަށް ކުރިމަތި ވެސް ނުލާ ކަމަށް އުމަރު ވިދާޅުވި އެވެ.

comment ކޮމެންޓް