ފެނަކައިގެ ބައެއް އިންޖީނުގެތައް ސަބްމެރިން ކޭބަލަކުން ގުޅުވާލަނީ

އިންޖިނިއަރިން މަހާސިންތާގައި އެމްޑީ އަހުމަދު ސައީދު މުހައްމަދު ވާހަކަދައްކަވަނީ--- ފޮޓޯ: ފެނަކަ

ފެނަކަ ކޯޕަރޭޝަންއިން މިހާރު ހިދުމަތް ދެމުންގެންދާ ބައެއް އިންޖީނުގެތައް ސަބްމެރިން ކޭބަލްއަކުން ގުޅާލަން ނިންމައިފި އެވެ.

މިއަދު ހެނދުނު ދަރުބާރުގޭގައި ފެނަކައިން ފެށި އިންޖިނިއަރިން މަހާސިންތާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ ރާއްޖޭގެ ކުދިކުދި ރަށްރަށުގައި ވަކި ވިއުގަތަކެއް ގާއިމްކޮށްގެން ކަރަންޓް ދިނުމަކީ ރާއްޖޭގައި ކަރަންޓް ދިނުމުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަން ކަމަށެވެ.

އެހެން ނަމަވެސް އެކަން ބަދަލުކުރުމަށްޓަކައި މަގުތަކެއް ފެނިފައިވާކަންވެސް އޭނާ ވަނީ ފާހަގަކުރައްވައިފަ އެވެ.

"އެމަގުން އަޅުގަނޑުމެން ދިއުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ރާއްޖޭގެ ގިނަ ރަށްތައް ސަބްމެރިން ކޭބަލްއަކުން ގުޅުވާލުމުގެ މަޝްރޫއަކީ އަޅުގަނޑު ދަންނަވާނީ ރާއްޖޭގެ ހަކަތައިގެ ދާއިރާގައި ކުރިއަށް ގެންދެވޭ އެންމެ ބޮޑު މަޝްރޫއުކަމަށް. އިރާދަކުރެއްވިއްޔާމު 2020 ވަނަ އަހަރު ތެރޭގައި ބައެއް ރަށްރަށް ސަބްމެރިން ކޭބަލްއިން ގުޅުވާލުމުގެ މަސައްކަތްތައް ފައްޓާނަން،" ސައީދު ވިދާޅުވި އެެވެ.

ފެނަކައިން ފެށި އިންޖިނިއަރިން މަހާސިންތާގެ ތެރެއިން--- ފޮޓޯ: ފެނަކަ

އޭގެ ސަބަބުން މިހާރު ފެނަކައަށް އަހަރަކު ވަމުންދާ 54 މިލިއަން ރުފިޔާގެ ގެއްލުން 20 އަދި 30 ޕަސެންޓާ ދެމެދުގެ އަދަދަކަށް ކުޑަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ސަބްމެރިން ކޭބަލްއަކުން ގުޅުވާލަން ނިންމިއިރު އެގޮތަށް ގުޅުވެން ހުރި ހުރިހާ ރަަށްތަކެއް ގުޅުވާލުމަކީ އަމާޒެއްކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އޭގެ ނަތީޖާއަކީ ކުރިއަށް އޮތް މަުސްތަގުބަލުގައި ރާއްޖޭގެ ކަރަންޓްވިއުގައަށް ބޮޑެތި ބަދަލެއް ގެނެސް ރައްޔިތުންނަށް އިތުބާރާއި ޔަގީންކަމާއެކު އެ ހިދުމަތް ކަށަވަރުވެގެން ދިއުން." އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް