އާންމުންގެ ބޮޑު ތަރުހީބަކާއެކު ރާއްޖޭގެ އެންމެ ކުލަގަދަ ދުވުން، އުރީދޫ ކަލާރަން ބާއްވައިފިއެވެ.
މި ދުވުން ފެށީ މިއަދު ހަވީރު 4:15 ހާއިރު ހުޅުމާލޭ ސެންޓްރަލް ޕާކުންނެވެ.
އެ ދުވުމުގައި އެކި އުމުރުފުރާތަކުން 5،000 އަށްވުރެ ގިނަ ދުވުންތެރިން ވަނީ ބައިވެރިވެފަ އެވެ.
ޖުމްލަ ފަސްހާސް މީޓަރުގެ އެ ދުވުން ކުރިއަށް ގެންދިޔަ މަގުތަކުގެ އެކި ސަރަހައްދުތަކުގައި ކުލަ ޖެހުމަށް ޚާއްސަ ސްޓޭޝަންތަކެއް ވަނީ ބަހައްޓާފަ އެވެ.
ދުވުންތެރިން އެ ސްޓޭޝަންތަކާ އަރާ ހަމަވުމުން އެމީހުންގެ ގަޔަށް ކުލަ ޖެހުމުގެ ހަރަކާތްތަކެއް އެ ސްޓޭޝަންތަކުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ދުވުން އިތުރަށް ފޯރިގަދަ ކުރުމަށްޓަކައި ކުލަ ސްޓޭޝަންތަކުގައި ބޮޑުބެރާއި ޑީޖޭގެ ހަރަކާތްތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މީގެ އިތުރުން ދުވުން ކުރިއަށްދިޔަ މަގުތަކުގެ އެކި ހިސާބުތަކުގައި ދުވުންތެރިންނަށް ފެން ދިނުމަށްޓަކައި ވެސް ސްޓޭޝަންތަކެއް ވަނީ ބަހައްޓާފަ އެވެ.
ކަނޑައަޅާފައިވާ މަގުތަކުން ދުވުންތެރިން ގޮސް ކަލާރަން ނިންމާލާފައިވަނީ ވެސް ސެންޓްރަލް ޕާކަށެވެ. އަދި އެއަށްފަހު އެތަނުގައިވެސް ލައިވް ޑީޖޭ ޝޯއެއް ހައެއް ޖެހުމާ ހަމައަށް ކުރިއަށް ގެންގޮސްފައިވެ އެވެ.
ކަލާރަންގެ ހަރަކާތްތަކުގެ ތެރެއިން އިއްޔެ މޫދު އުފާއާއި ގުޑި މަހާސަމާ އަދި މިއަދު ހަވީރު ކަލާރަންގެ ދުވުން ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، އެންމެ ފަހު ހަރަކާތް ކަމަށްވާ އުރީދޫ މިއުޒިކް ފެސްޓިވަލް މިރޭ 8:30 ގައި ފަށާނެއެވެ.