މީހަކަށް އަނިޔާއެއް ދީފައި އުފަލުގައި އުޅެވޭނެ ކަމަށް ނުދެކޭތި: ނައިބު ރައީސް

ރާއްޖެ އިސްލާމްވީދުވަހުގެ ރަސްމީ ޖަލްސާ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން

އެހެން މީހަކަށް އަނިޔާއެއް ދީފައި ނުވަތަ ހިޔާނާތްތެރިވެފައި ތިމާއަށް އުފަލާއި އަރާމާއި ހިތްހަމަޖެހުމުގައި އުޅެވޭނެކަމަށް ދެކިގެން ނުވާނެކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ، މީހަކަށް އަނިޔާއެއްދީފި ނަމަ އެކަމުގެ ނަތީޖާއާ ދުނިޔެމަތީގައި ވެސް ކުރިމަތިލާން ޖެހިދާނެ ކަމަށާއި އެހެން ނޫންނަމަ އާހިރަތުގައި އެކަމުގެ އުގޫބާތް ލިބޭނެ ކަމަށެވެ.

"އަދި އެއްވެސް މަގާމެއްގައި ތާއަބަދު ތިމާއަށް ނުހުރެވޭނެކަން ގަބޫލުކޮށް ނުރަނގަޅު އަމަލުތަކުން ދުރުހެލިވުމަށް. އަޅުގަނޑުމެން ފަހަރެއްގައިވެސް ހިތަށް އަރުވައިގެން ނުވާނެ މީހަކަށް އަނިޔާއެއް ދީފައި ނުވަތަ ޚިޔާނާތްތެރިވެފައި ތިމާއަށް އުފަލާ އަރާމާއި ހިތްހަމަޖެހުމުގައި އުޅެވޭނެ ކަމަށް،" ފައިސަލް ވިދާޅުވި އެވެ.

އެހެންކަމުން އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ހުރިހާ ފަރާތްތަކުގެ އަޒުމަކަށް ހަދަން ޖެހޭނީ އިސްލާމީ ރިވެތި އަދަބު އަހްލާގު މަތީގައި އަމަލުތައް ބެހެއްޓުންކަމަށް ނައިބު ރައީސް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ގާނޫނަށް ހުރުމަތްތެރިކޮށް ހިތައި އެންމެންގެ މަސްލަހަތާއި ހައްގުތައް ރައްކާތެރިކުރުމަށް ހުރިހާ ފަރާތްތަކަކުންވެސް މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ.

ރާއްޖެ އިސްލާމްވީދުވަހުގެ ރަސްމީ ޖަލްސާ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން

އިސްލާމްދީނުގެ ނަމުގައި، ދީނާ ނުގުޅޭ ކަންކަން ކުރާމީހުންނާ އަދި އިސްލާމްދީނަށް ފުރައްސާރަކުރަމުންދާ މީހުންނާ މެދުގައިވެސް އަޅަން އެންމެ ރަނގަޅު ފިޔަވަޅަކީ، ދީނުގެ ކަންކަން ރަނގަޅަށް އޮޅުންފިލުވައިދީ، ސައްހަ އަގީދާ އެމީހުންގެ ހިތްތަކުގައި ހަރުލެއްވުންކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ.

ދެ މައްސަލަވެސް ކުރިމަތިވަނީ، އިސްލާމްދީން ރަނގަޅަށް އޮޅުން ނުފިލުމުގެ ސަބަބުން ކަމަށާއި އެހެންކަމުން އެކަމަށް އޮތް ދާއިމީ ހައްލަކީ އެފަދަ މީހުންނަށް ދީނުގެ ކަންކަން ރަނގަޅަށް އޮޅުންފިލުވައިދީ ސައްހަ އަގީދާ އެމީހުންގެ ހިތްތަކުގައި ހަރުލެއްވުންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް