އަންނަން އޮތް ޖީލަށް އިސްލާމްދީން ފޯރުކޮށްދޭން ގޮންޖެހުން އެބަހުރި: އިމްރާން

މިނިސްޓަރު އިމްރާން އަބްދުﷲ: މުސްތަގްބަލްގެ ޖީލުތަކަށް އިސްލާމް ދީން ފޯރުކޮށްދިނުމަށް ގޮންޖެހުންތަކެއް ހުރި ކަމަށް ވަނީ ވިދާޅުވެފައި -- ފޮޓޯ / ރައީސް އޮފީސް

މުސްތަގްބަލުގެ ޖީލުތަކަށް އިސްލާމްދީން ފޯރުކޮށްދިނުމަށް ގޮންޖެހުންތަކެއް އެބަ ހުރި ކަމަށް މިނިސްޓަރު އޮފް ހޯމް އެފެއާޒް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ، މިއަދުގެ ޖީލަށް އިސްލާމްދީން ގެނެސް ދެއްވުމުގައި ކާބަފައިން ވަނީ ބޮޑެތި ގުރުބާނީތަކެއް ވެފައި ކަމަށާއި މިއަދު އެ ޒިންމާ އަދާކުރަން ޖެހޭނީ އަޅުގަނޑުމެން ކަމަށެވެ.

އަދި ގުޅިގެން މަސައްކަތް ކޮށްގެން މެނުވީ އަންނަން އޮތް ޖީލުތަކަށް އިސްލާމްދީން ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމަކީ ދަތިކަމެއް ކަން އިމްރާން ފާހަގަކުރެއްވި އެވެ.

"އަންނަން އޮތް ޖީލުތަކަށް އިސްލާމްދީން ފޯރުކޮށްދިނުމުގައި އަޅުގަނޑުމެނަށް ކުރީގައި ވެސް އޮތް ފަދައިން ގޮންޖެހުންތަކާއި ހުރަސްތަކެއް އެބަހުރި،" ދާހިލީ ވަޒީރު ވިދާޅުވި އެވެ.

އެގޮތުން އެންމެ ބޮޑު ގޮންޖެހުމަކީ، އިސްލާމްދީނަށް ކުޑައިމީސް ބަސް ބުނެ ފުރައްސާރަކުރުމާއި މަލާމާތް ރައްދުކުރުމުގެ ސަގާފަތެއް ކޮންމެވެސް މިންވަރަކަށް ނަމަވެސް ރާއްޖޭގައި ފެތުރިފައި އޮތުންކަން އިމްރާން ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ދީނުގެ ނަމުގައި ހަރުކަށި އަނިޔާވެރި އަމަލުތަކެއް ބަޔަކު މީހުން ހިންގަމުން ދިއުމަކީ އިސްލާމްދީނަށް ކުރިމަގުގައި އޮތް ގޮންޖެހުމެއް ކަމަށެވެ.

"މި ދެ ނުރައްކަލުން އަރައިގަތުމަށް ދީނާއި ގައުމު ދެކެ ލޯބިވާ ހުރިހާ ރައްޔިތުންނަށް އަދި އިލްމުވެރިން އިސްކޮށްތިބެ ސަރުކާރަށް އެއްބާރުލުން ދީގެން މިގޮންޖެހުންތަކުން އަރައިގަނެ މާތްވެގެންވާ އިސްލާމް ދީން އަނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މިރޭ އަޅުގަނޑުގެ އަމިއްލަ ނަފުސަށާއި ތިޔަ ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަން،" އިމްރާން ވިދާޅުވި އެވެ.

ސުލްހަވެރިކަމާއި އެއްބައިވަންތަކަމާ އެކު ދެމިތިބެ ކުރިއަރައިގެންދާ ރިވެތި އާދަތަކުގެ މަތީގައި ގައުމުގެ މުސްތަގުބަލް ބިނާކުރުމަށް އިސްލާމްދީނުގެ ރިވެތި ސިފަތައް ނުހަނު ބޭނުންތެރި ކަމަށް އިމްރާން ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ އެކަމަކީ ސަރުކާރާއި ރައްޔިތުން އެކީގައި ހުރިހާ ފަރާތްތައް ގުޅިގެން ނޫނީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ރާއްޖެ އިސްލާމިވި ހާދީސާގެ ސަބަބުން ގިނަ އިބުރަތްތަކަކާއި ފިލާވަޅުތަކެއް ލިބިގެން ގޮސްފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ. އެގޮތުން އެ ހާދިސާއިން ލިބޭ އެންމެ މުހިންމު އިބުރަތަކީ، ދީނަށް ގޮވާލައި ދީނުގެ ދައުވަތު ފެތުރުމަކީ ހާލަތާއި ވަގުތަށް ރިޔާއަތްކޮށް އެކަން ގަބޫލުކުރަން ތިބާ ބައެއްގެ ބުއްދިއަށް އެންމެ އެކަށީގެންވާ ގޮތަށް ހިކުމަތްތެރިކަމާއެކު ފޯރުކޮށްދޭން ޖެހޭ އަމަލީ މަސައްކަތެއް ކަމަށެވެ.

comment ކޮމެންޓް