ތެލެސީމިއާ ފަންޑު ހިންގަން ކޮމިޓީއެއް ހެދުމަށް ކަނޑައަޅައިފި

ހެލްތު މިނިސްޓްރީން ކުރިއަށް ގެންދިޔަ ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ލޭ ހަދިޔާކުރައްވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ތެލެސީމިއާ ކޮންޓްރޯލުކުރުމުގެ ގާނޫނުގެ ދަށުން ގާއިމުކޮށްފައިވާ ތެލެސީމިއާ ފަންޑު ހިންގުމަށް ކޮމިޓީއެއް އެކުލަވާލަންޖެހޭ ގޮތަށް ކަނޑައަޅައި، ތެލެސީމިއާ ފަންޑު ހިންގުމުގެ ގަވައިދު އެކުލަވާލައިފިއެވެ.

ދެހާސް ބާރަވަނަ އަހަރު ތަސްދީގުކުރި ތެލެސީމިއާ ކޮންޓްރޯލުކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ތެލެސީމިއާ ފަންޑު ގާއިމުކޮށްފައެވެ.

ތެލެސީމިއާ ފަންޑަކީ ތެލެސީމިއާ ބަލި ހުންނަ ކުދިންނަށް ދަރުވާ ލިބިގަތުމަށް ކުރަންޖެހޭ ފަރުވާގެ ހަރަދުތައް ދިވެހި ދައުލަތުން އުފުލައި، އެ ހަރަދުތައް ދިނުމަށް ބޭނުންވާ ފައިސާ ފަރުވާގެ ބޭނުންވާ ކުދިންގެ ނިސްބަތަށް ބަލައިގެން ކޮންމެ އަހަރަކު ވަކިން ޖަމާކުރުމުގެ ގޮތުން އުފައްދާފައިވާ ފަންޑެކެވެ.

އިއްޔެ ގެޒެޓުކުރި ތެލެސީމިއާ ފަންޑު ހިންގުމުގެ ގަވައިދުގެ ދަށުން، ފަންޑު ހިންގުމަށް ހަތް މެމްބަރުންގެ ކޮމިޓީއެއް އުފައްދަން ޖެހެއެވެ. އަދި ފަންޑު ހިންގާ ކޮމިޓީގައި ހިމެނޭ ހަތް މެމްބަރުންނަކީ ފަންޑު ހިންގުމާއި ފަންޑުގެ ފައިސާއަށް ޒިންމާ ނަގަންޖެހޭ އިސްވެރިޔާގެ ހައިސިއްޔަތުން ހެލްތު މިނިސްޓަރާއި، މޯލްޑިވިއަން ބްލަޑް ސާވިސެސްގެ ދެ މުވައްޒަފަކާއި، ހެލްތު މިނިސްޓްރީގެ ބަޖެޓު ކަންކަމާ ބެހޭ މުވައްޒަފެއްވެސް ހިމެނޭ ގޮތަށް މިނިސްޓްރީގެ ތިން މުވައްޒަފަކާއި އަދި ނަރުހެކެވެ.

ކޮމިޓީގެ ޗެއާޕާސަނަކަށް ހުންނާނީ ހެލްތު މިނިސްޓަރު ނުވަތަ އެ އިރެއްގައި މިނިސްޓްރީ ހިންގުމާ ހަވާލުވެ ހުންނަވާ އެންމެ އިސްވެރިޔާއެވެ. ޑެޕިއުޓީ ޗެއާޕާސަނެއް ކަނޑައަޅާނީ ކޮމިޓީ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ގަވައިދުގެ ދަށުން، ގަވައިދު ގެޒެޓުކުރާ ތާރީޚުން ފެށިގެން އެއްމަސް ދުވަސް ތެރޭގައި ކޮމިޓީ އުފައްދައި، ކޮމިޓީއަށް މެމްބަރުން ހަމަޖައްސަން ޖެހެއެވެ. ކޮމިޓީއަށް މެމްބަރުން އައްޔަނުކުރާނީ ހެލްތު މިނިސްޓަރެވެ. އަދި ކޮމިޓީ މެމްބަރުކަމުގެ ދައުރަކީ އައްޔަނުކުރެވޭ ތާރީޚުން ފެށިގެން ފަސް އަހަރުދުވަހެވެ. ކޮންމެ މެމްބަރަކު އައްޔަނުކުރެވޭނީ ގިނަވެގެން ވިދިވިދިގެން ދެ ދައުރަށެވެ.

މީގެ އިތުރުން ކޮމިޓީގެ ހުރިހާ އިދާރީ ކަންކަން ބަލަހައްޓާނީ މޯލްޑިވިއަން ބްލަޑް ސާވިސަސްއިން ކަމަށްވެސް ގަވައިދުގައި ބުނެފައިވެއެވެ.

އެ ފަންޑު ހިންގުމުގެ ގަވައިދުގެ ދަށުން މަޖިލީހުން ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުގަިއ ހިމަނައިގެން އެ ފަންޑަށް ފައިސާ ޖަމާކޮށް ތެލެސީމިއާ ކޮންޓްރޯލްކުރަން ސަރުކާރަށް ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާއާއި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާއި އަދި އަމިއްލަ ޖަމިއްޔާތަކުން ދޭ ފައިސާ އެ ފަންޑަށް ޖަމާކުރަން ޖެހެއެވެ.

އެ ފަންޑަށް ލިބޭ ފައިސާ ހަރަދުކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ތެލެސީމިއާ ފަރުވާއަށް ސިއްހީ ހިދުމަތްތެރިން ތަމްރީންކުރުމާއި ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމް ހިންގުމާއި ތެލެސީމިއާ ފަރުވާގެ އެންމެހާ ކަންތައް ހަރުދަނާކުރުމުގެ އިތުރުން ތެލެސީމިއާ ބަލި ހުށަހެޅޭ ކުދިން އެހެނިހެން ބަލިތަކުން ސަލާމަތްކުރުމަށް ރާއްޖެއިން ބޭރުން ލިބެން ނެތް ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދިނުމެވެ.

comment ކޮމެންޓް