އިންޑިއާއިން ލަންކާއަށް 450 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ދެނީ

ސްރީލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މިއަދު ބައްދަލުކުރައްވާފައި -- ފޮޓޯ: ކޮލަމްބޯ ގެޒެޓް

ދިއްލީ (ނޮވެމްބަރު 29): އިންޑިއާއިން ސްރީލަންކާއަށް 450 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ދޭން ނިންމާފައިވާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއުލާން ކުރައްވައިފި އެވެ.

ބޮޑުވަޒީރު މޯދީ އެފަދައިން ވިދާޅުވީ އިއްޔެ އިންޑިއާއަށް ވަޑައިގެންނެވި ލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސައާ ބައްދަލު ކުރެއްވުމަށް ފަހުގަ އެވެ. މޯދީ ވިދާޅުވި ގޮތުގައި އެ ކްރެޑިޓް ލައިނަކީ ލަންކާގެ ތަރައްގީއަށްދޭ 400 މިލިއަން ޑޮލަރާއި ޓެރަރިސްޓު ހަމަލާތަކުން ރައްކާތެރިވުމަށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށްދޭ 50 މިލިއަން ޑޮލަރު ކަމަށެވެ.

އެ ދެ ބޭފުޅުން ވަނީ އެބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާއި ލަންކާގެ ނަސްލީ ހަމަޖެހުމާ ބެހޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. އަދި މޯދީ ވަނީ ލަންކާގެ ތަމަޅަ ދަރިކޮޅުގެ މީހުން ބޭނުންވާ ހަމަހަމަކަމާއި އިންސާފާއި އިހުތިރާމު ގޯޓާބަޔަގެ ސަރުކާރުން ހޯދައިދޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

އެއީ މިމަހުގެ 18ގައި ގޯޓާބަޔަ ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ބޭރު ގައުމަކަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އަދި މޯދީއާ ބައްދަލު ކުރެއްވުމަށް ފަހު ރައީސް ވަނީ، މޯދީ ލަންކާއަށް ވަޑައިގަތުމަށް ދައުވަތު އަރުވާފަ އެވެ.

ގޯޓާބަޔަގެ ބޭބެފުޅު އަދި މިހާރުގެ ބޮޑުވަޒީރު މަހިންދަގެ ވެރިކަމުގައި ލަންކާއިން ވަނީ އިންޑިއާއަށް ވުރެ ގާތް ގުޅުމެއް ޗައިނާއާ އެކު ބާއްވައިފަ އެވެ. އަދި އެސަރުކާރުން ހެދި ބައެއް އެއްބަސްވުންތަކުގެ ސަބަބުން ލަންކާ ވަރަށް ބޮޑަށް ދަރިނިވެރިވި އެވެ.

ނަމަވެސް ގޯޓާބަޔަ ވަނީ އޭނާގެ ސަރުކާރުން ހުރިހާ ގައުމަކާއެކު ވެސް މަސައްކަތް ކުރަން ބޭނުންވާ ކަމަށާއި ލަންކާ އޮންނާނީ ވަކި ފަރާތަކަށް ނުޖެހި ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް