ރާއްޖޭގައި އައިސިސްއާ ގުޅިގެން މަސައްކަތް ކުރާ މީހުން އެބަ ތިބި: ހޯމް މިނިސްޓަރު

ޓެރަރިސްޓު ޖަމާއަތެއް ކަމުގައިވާ އައިސިސްއާ ގުޅިގެން މަސައްކަތް ކުރާ އަދި އެ ޖަމާއަތާ ގުޅުން އޮންނަ ދިވެހިންތަކެއް ރާއްޖޭގައި ތިބިކަން ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހަށް ހޯމް މިނިސްޓަރު ހާޒިރުކުރުމުން މެމްބަރަކު ވަނީ ރާއްޖޭގައި އައިއެސް ޖަމާއަތުގެ މީހުން އުޅޭތޯ އެމަނިކުފާނާ ސުވާލުކުރައްވައިފަ އެވެ. އަދި އެމީހުން އުޅޭނަމަ އެމީހުން ހުއްޓުވަން ކުރަމުން އަންނަ މަސައްކަތްތައް ވެސް ސާފުކޮށްދިނުމަށް މެމްބަރު ވަނީ އެދިވަޑައިގެންފަ އެވެ.

މެމްބަރުގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އިމްރާން ވަނީ ޓެރަރިޒަމް ގާނޫނުގެ ދަށުން ސަރުކާރުން އެކުލަވާލި ޓެރަރިސްޓު ޖަމާއަތުގެ ލިސްޓުގައި އައިސިސް ހިމަނާފައި ވާނެ ކަން ފާހަގަކުރައްވައިފަ އެވެ. އަދި އެ ޖަމާއަތާ ގުޅުން އޮންނަ ދިވެހިންތަކެއް ތިބި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ފަރާތްތައް ދެނެގަނެ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާތަނަށް އަޅުގަނޑުމެން ބެލި ބެލުމުން ރާއްޖޭގައި އައިސިސް އާ ގުޅިގެން ނުވަތަ ގުޅުން ހުރި ބައެއް ފަރާތްތައް ފާހަގަކުރެވޭ،" އިމްރާން ވިދާޅުވި އެވެ.

އަދި އޭގެ ބައެއް ފަރާތްތައް ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހީން ފޮނުވައި، ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓުކުރާކަމުގެ ތުހުމަތުގައި މިދިޔަ އޮކްޓޫބަރު މަހު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އޭނާއަކީ އަލަށް ތަސްދީގު ކުރެވުނު ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގެ އިސްލާހުތަކާއެކު ހައްޔަރު ކުރެއްވުނު ފުރަތަމަ މީހާ އެވެ.

ހައްޔަރުކޮށްފައި ވަނީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމެނި ދިވެހި މީހެއް ކަމަށްވާ، މުހައްމަދު އަމީން އެވެ.

މި މަހުގެ ތެރޭގައި އއ. މާޅޮސް ބޭރުގައި ލަނޑާ ނަގާ ދޯންޏެއްގައި ހިނގި މާރާމާރީއެއްގައި ޒުވާނަކަށް ވަޅިން ހަމަލާދީ، ކަނޑަށް އެއްލައިލި މައްސަލައަކާއި އެ ޒުވާނާ 13 އަހަރުގެ އަންހެން ކުއްޖަކާ ކައިވެނީގެ ނަމުގައި ގުޅިގެން އުޅޭ މައްސަލައެއް ފެންމަތިވި އެވެ. އަދި ށ. މާއުނގޫދޫއަށް ބަޔަކު އަރައި އެރަށުގެ ފާރުތަކުގައި އައިސިސް ޖަމާއަތުގެ ލޯގޯ ޖެހި މައްސަލައަކާއި އަދި ކެފޭއެއްގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގެ ސަބަބުން ރާއްޖޭގައި ހަރުކަށި ފިކުރު އިންތިހާއަށް ގޮސްފައިވާ ކަމަށް ބުނެ، އާންމުންގެ ތެރޭގައި ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ.

އިމްރާން މިއަދު ވިދާޅުވީ މާއުނގޫދޫ ފާރުތަކުގައި އައިއެސްގެ ލޯގޯ ކުރެހި މީހުން ވެސް މިހާރު ދެނެގަނެވިފައިވާ ކަމަށާއި، އެމީހުން މިވަގުތު ތިބީ ކަނޑުމަތީގައި ކަމަށެވެ. އަދި ފުލުހުން މިހާރު އެ ދޯނި ހޯދުމުގެ މައްސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭގެ އިތުރުން ކެފޭގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގައި ތުހުމަތުވާ ދެމީހަކުވެސް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

ލަނޑާ ނަގާ ދޯނީގައި މާރާމާރީ ހިނގާފައި ވަނީ ދެމީހެއްގެ ދެމެދުގައި ކަމަށް އިމްރާން މިއަދު ވިދާޅުވި އެވެ. އެމީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ހަމަލާދިން ވަގުތު އެހެން މީހުން ތިބީ ނިދާފައި ކަމަށާއި، އެހެންކަމުން އިތުރު މީހަކު ހައްޔަރުކޮށް، އެ ދޯނި ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް އިމްރާން ވިދާޅުވި އެވެ.

comment ކޮމެންޓް