1672 އުޅަނދުގައި ސްޓިކާ ޖަހައިފި، 123 ވެހިކަލް ޓޯކުރި

މާލޭ މަގުމަތި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭން މިދިޔަ ހަފްތާގެ ތެރޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްގެން 1672 ވެހިކަލްގައި ސްޓިކާ ޖަހައި، 123 ވެހިކަލް ޓޯ ކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓުން އާންމުކުރި މިދިޔަ ހަފްތާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ހަފްތާގައި މާލޭގައި 33 އެކްސިޑެންޓް ހިނގާފައިވެ އެވެ. އެ އެކްސިޑެންޓްތަކުގައި ތިން މީހަކަށް ވަނީ އަނިޔާވެފަ އެވެ. އަދި އެކްސިޑެންޓުތަކާ ގުޅިގެން ތިން މީހެއްގެ ލައިސެންސް ވެސް ވަނީ ހިފަހައްޓާފަ އެވެ.

އެކްސިޑެންޓްތައް ފިޔަވައި، ޓްރެފިކް ގަވައިދުތަކާ ހިލާފުވެގެން އިތުރު 11 މީހެއްގެ ލައިސެންސް ވަނީ ހިފަހައްޓާފަ އެވެ.

މިދިޔަ ހަފްތާގައި ކަނޑައެޅިފައިވާ އެންމެ ބާރު ސްޕީޑަށްވުރެ ބާރަށް ދުއްވި ކަމުގެ 31 މައްސަލައާއި ދުއްވަމުން ފޯން/ހެޑްސެޓް ބޭނުންކުރި ކަމުގެ 19 މައްސަލަ ފުލުހުންނަށް ވަނީ ފާހަގަވެފަ އެވެ.

މީގެ އިތުރުން ލައިސެންސް ނެތް މީހުން ވެހިކަލް ދުއްވިކަމުގެ 107 މައްސަލައަކާއި ހުއްޓުވި ވަގުތު އަތުގައި ލައިސެންސް ނެތް ކަމުގެ 53 މައްސަލައެއް ވެސް މިދިޔަ ހަފްތާގައި މާލޭން ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.

comment ކޮމެންޓް