ރާއްޖެ ޒިޔާރަތްކުރި ހަތްވަނަ ފަހަރު މަރީނާ އަށް ބޮޑު ޝަރަފެއް

ރަޝިޔާއަށް ނިސްބަތްވާ، މެރީނާ ކަސައޯވާ އާއި އޭނާގެ ފިރިމީހާ ރާއްޖެ އައި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން 2014 ވަނަ އަހަރު އޭނާ ރާއްޖެ އަންނަން ފެށި ފަހުން ކޮންމެ އަހަރަކު މެދުނުކެޑި އޭނާ ރާއްޖެ ޒިޔާރަތް ކުރެ އެވެ. މެރީނާ ރާއްޖެއަށް ހިތް ޖެހުނުލެއް ބޮޑުކަމުން ހަތް ފަހަރަކަށް މިހާރު ވަނީ ރާއްޖެ އައިސްފަ އެވެ. އެކަމަކު މިވީ ހަތް އަހަރުގެ ތެރޭގައި އޭނާ ރާއްޖެއަށް ކުރި ދަތުރުތަކުގެ ތެރެެއިން މިއީ އެންމެ ފާހަގަ ކޮށްލެވޭ ފަހަރެވެ. އޭނާގެ ނަސީބު މިފަހަރު ހަމަ ރަނގަޅީ އެވެ. ރާއްޖެއިން އޭނާއަށް ބޮޑު ޝަރަފެއް ލިބުނީ އެވެ. ހަތެއް އޭނާގެ ނަސީބަށްވީ އެވެ.

އޭނާއަކީ ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި 1.5 މިލިއަން ވަނަ ފަތުރުވެރިޔާ އެވެ. އުފަލުން ފޮޅިފައި ހުރި މެރީނާ ބުނީ މިއީ އޭނާ ހަނދާނުން ނުފިލާނެ ވަރުގެ ޝަރަފެއް ކަމަށެވެ. އަދި ރާއްޖެ އައުން ދުވަހަކު ވެސް އޭނާ ހުއްޓާނުލާނެ ކަމަށް ބުންޏެވެ.

"ރާއްޖެއަކީ ވަރަށް ރީތި ގައުމެއް. މިއީ ޗުއްޓީއެއް ހޭދަކޮށްލަން އެންމެ ރަނގަޅު ގައުމު،" މެރީނާ ބުންޏެވެ. މެރީނާ ވަނީ ރާއްޖެއިން އޭނާ އަށް ކީ ހޫނު މަރުހަބާ އަށް ޝުކުރު އަދާކޮށްފަ އެވެ.

"ޗުއްޓީގައި އާންމުކޮށް ރިލެކްސް ކޮށްލާ ޑައިވް ކޮށްލަން އަހަރެން ރާއްޖެ އަންނަނީ. މިފަހަރުވެސް މިއައީ ހަމަހިމޭން މާހައުލެއްގައި އުފާވެރި ޗުއްޓީއެއް ހޭދަކޮށްލަން. ޑައިވިން އަށް ގޮސްލާ، ރިސޯޓުގެ ސްޕާ ގައި މަސާޖުކޮށްލާ ، ޓެނިސް ކުޅެން. އެންމެ ހަތް ދުވަހަށް މިއައީ. އެކަމަކު ރާއްޖެ ކަހަލަ ރީތި ތަނެއްގައި ހަތް ދުވަސް ހޭދަކޮށްލަން ލިބުމަކީވެސް ބޮޑު ނަސީބެއް،" މީޑިއާ އާ ވާހަކަ ދައްކަމުން މެރީނާ ބުންޏެވެ.

"ރާއްޖެއަކީ ދުނިޔެއިންވެސް ފަތުރުވެރިކަމުގެ އެއްވަނަ. ޑައިވިން އަށް ގޮސްލާ ހަދަންވެސް އެއްވަނަ. ޑޮލްފިން ތައް ބަލާލާ، އިރުއޮއްސޭ މަންޒަރު ބަލާލަން އެހާ ހިތްގައިމު،"

މެރީނާ ވަނީ ކުރުނބާ މޯލްޑިވްސް، ސަން އައިލެންޑް ރިސޯޓު، ސަން އަކުއާ ވިލުރީފް އަދި ސަން ސިޔާމް އިރުފުށި ރިސޯޓުގައިވެސް މީގެ ކުރިން ޗުއްޓީ ހޭދަކޮށްފަ އެވެ.

މެރީނާ ބުނީ އަންނަ އަހަރުވެސް ރާއްޖެ އަންނަން ބޭނުންވާ ކަމަށެވެ.

"ދިހަވަރަކަށް ދުވަހު ރާއްޖެ އަންނަން ބޭނުން. އަންނަ އަހަރު މި ބަލަނީ ތަންކޮޅެއް ގިނަ ދުވަހަށް ރާއްޖެ އާދެވޭތޯ،" މެރީނާ ބުންޏެވެ.

މަރީނާ އަށް މިއަދު ލިބުނު ޝަރަފާއެކު އޭނާ އަށް ވަނީ ހާއްސަ ހަދިޔާތަކުގެ ގޮތުގައި، މިރިހި އައިލެންޑް ރިސޯޓުން ޗުއްޓީ ދަތުރެއް ދީފަ އެވެ. މި ދަތުރުގެ ޓިކެޓު ސްޕޮންސާކޮށްފައިވަނީ އެމްއެމްޕީއާރުސީ އިންނެވެ. އަދި ހާއްސަ ސެޓްފިކެޓެއްވެސް އޭނާއަށް ދީފައިވެ އެވެ.

މީގެ އިތުރުން ރާއްޖޭގެ އަތްތެރި މަސައްކަތް ދައްކައިދޭ ލިޔެލާ ޖެހި އުފެއްދުންތައްވެސް ވަނީ މަރީނާ އަށް ހަދިޔާ ކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ އަންނަ އަހަރުގެ ވޯލްޑު ޓޫރިޒަމް ޑޭ ފާހަގަ ކުރުމަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިވުމަށް ވެސް މަރީނާ އަށް ދައުވަތު ދެއްވައިފަ އެވެ.

comment ކޮމެންޓް