ސަރުކާރުން މަސައްކަތްކުރަނީ އިލްމުވެރިންގެ އަނގަ ބަންދުކުރަން: ރައީސް ޔާމީން

"ހިބަރު ވަދު"ގެ ނަމުގައި އިދިކޮޅުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ޔާމީން ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

މި ސަރުކާރުން މަސައްކަތްކުރަނީ އިލްމުވެރިންގެ އަނގަ ބަންދުކުރަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

"ހިބަރުވަދު"ގެ ނަމުގައި ރޭ އިދިކޮޅުން ކާނިވަލުގައި ބޭއްވި އެއްވުމުގައި ވާހަކަ ދައްކަަވަމުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނަށް ހައްގު މިންވަރު ހޯދައިދިނުމަށްކަމަށް ބުނެ ސަރުކާރުން ކުރާ ކަމަކީ އިންސާފުން އެއްކިބާވެ ތިބެ ކުރީ ސަރުކާރުގައި ކޮށްފައިވާ ކަންތައްތައް ބެލުން ކަމަށެވެ.

"ތަހުގީގުތައް މިކުރަނީ ކޮންކަމަކާތޯ؟ ތަހުގީގުތައް މިކުރަނީ އިދިކޮޅުގައި ތިބި މީހުންގެ ބިރު ގަންނުވަން. ތަހުގީގުތައް މިކުރަނީ އިލްމުވެރިން ބިރުގަންނުވަން. އިންޒާރު މިދެނީ އިލްމުވެރިންނަށް. އެކަމަކު ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައިމާ މިކަހަލަ ޕޯޑިއަމްތަކުގައި އަޅުގަނޑުމެން ދެއްކި މިއީ އިލްމުވެރިންގެ އަނގަ ބަންދުކުރަން ދައްކާ ވާހަކައޭ،" ޔާމީން ވިދާޅުވި އެވެ.

ޖަމްއިއްޔަތުއް ސަލަފާ މެދު އުފެދިފައިވާ ހިޔާލުތަފާތުވުމަށް އިޝާރަތްކުރައްވައި، އެކަމުގެ ސުރުހީ ނާޅުއްވާ ރައީސް ޔާމީން ވިދާޅުވީ މިހާރުގެ ހޯމް މިނިސްޓަރަކީ ފުންނާބު އުސް އިލްމުވެރިންގެ ތެރޭގައި ހިމެނޭ ބޭފުޅެއް ކަމަށް ބައެއް ފަރާތްތަކުން ބުނާ ކަމަށާއި ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހަކީ އިލްމުވެރިންނަށް ގެއްލުމެއް ދޭނެ އިސްލާހެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާނު ވިދާޅުވި ކަމަށެވެ.

"ކޮބައިތޯ އިލްމުވެރިންގެ ހާލަތަކީ؟ ސަލަފު ޖަމްއިއްޔާ އަކީ ޓެރަރިޒަމަށް މަގުފަހިކުރާ ޖަމްއިއްޔާއެއް ކަމަށް ކަނޑައަޅަން ޖެހިގެން މިއުޅެނީ ކީއްވެތޯ؟ އަޅުގަނޑުމެންނެއް ގަބޫލެއް ނުކުރަން [އެގޮތަކަށް]. އަޅުގަނޑުމެން ގަބޫލުކުރަނީ ސަލަފަކީ އަޅުގަނޑުމެންނަށް މަގުދައްކައިދޭނެ ލީޑަރުންތަކެއް ތިބި ޖަމްއިއްޔާ އެއް ކަމަށް،" ޔާމީން ވިދާޅުވި އެވެ.

ސަލަފު އުވާލުމަށް ކުރާ މަސައްކަތަކީ އިލްމުވެރިން، ސަރުކާރުގެ ދޯހަޅިކަން ހާމަކޮށްދޭތީ ކުރާ މަސައްކަތް ކަމަށް ޔާމީން ވިދާޅުވި އެވެ.

"ހިބަރު ވަދު" ގެނަމުގައި އިދިކޮޅުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ޔާމީން ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

ޔާމީން ވިދާޅުވީ އިދިކޮޅުން ސަރުކާރުގެ ދޯދިޔާ ކަމުގެ ވާހަކަ ދެއްކުމުން އެއީ ސިޔާސީ މީހުންގެ ސިޔާސީ ވާހަކަ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

"އެކަމަކު އިލްމުވެރިން މިކަމުގައި ނުކުމެ ވަޑައިގަތީމާ، ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު ގަބޫލުކުރޭ މިއީ އަދި ރައީސްް ޔާމީންގެ ހިޔާލަކާ އެއްގޮތަށް ވާހަކަ ދައްކާ ބަޔެއް ނޫނޭ. އެހެންވީމާ ހުރިހާ އެންމެންގެ އަނގަ ބަންދުކުރަން މަސައްކަތް ކުރާތަން މި ފެންނަނީ،"

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޔާމީން ވިދާޅުވީ ވިޔަފާރިތައް ބަނގުރޫޓުވަމުންދާ ކަމަށާއި ރާއްޖޭގައި ވަޒީފާތައް އުފެދެމުންނުދާ ކަމަށެވެ.

"މި ހުރިހާ ކަމަކާ އެކު ވެސް މިބޭފުޅުންނާ [ސަރުކާރާ އެކު] އެކީ ހުންނެވި ލީޑަރު މިވިދާޅުވަނީ ކީކޭތޯ؟ ބަލާލި ކޮންމެ ދިމާލަކުން މި ސަރުކާރު މިސްރާބު ޖަހަނީ ތަރައްގީއާ ދިމާލަށޭ. ދެން ފުކެއް ބޮޑުވަރު ދޯ މިއީ؟ އަޅުގަނޑު ލަދުގަނޭ، އަމިއްލަ ނަފްސަށް ލަދު ގަނޭ. މިފަދަ ބޭފުޅުން މި ދައްކަވަނީ ކޮންކަހަލަ ވާހަކައެއްތޯ؟ ބަލާލި ކޮންމެ ދިމާއަކުން މި ފެންނަނީ މި ސަރުކާރުން ކުރާ މަސައްކަތް މިސްރާބު ޖަހާފައި އެހުރީ ތަރައްގީ އާއި ރައްޔިތުންގެ ކުރިއެރުމާ ދިމާއަށޭ. ތަންކޮޅެއް ބޮޑުވަރު!"

ޔާމީން ވިދާޅުވީ ޑިމޮކްރަސީގެ ސިފަތަކާއި ސަރުކާރުން އެކި ނަންނަމުގައި ކުރިއަށްގެންދާ ތަހުގީގުތަކުން ފެންނަނީ ސަރުކާރުން ބިރުގަންނަ ހުރިހާ މީހުންގެ ތަހުގީގުތައް ކުރާތަން ކަމަށެވެ.

"އަޅުގަނޑުމެން އިދިކޮޅު މީހުންގެ ތަހުގީގު ކުރާނެ. އިލްމުވެރިންގެ ތަހުގީގު ކުރާނެ. މި މީހުން ބިރުގަންނަ ހުރިހާ މީހުންގެ ތަހުގީގު ކުރާނެ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ މިހާރު ފެންނަނީ ފުލުސް އޮފީހަކީ 24 ގަަޑިއިރު ސިޔާސީ މީހުންގެ މައްސަލަތައް ބެލުމުގެ މަސައްކަތް ކުރާތަނެއްގެ ގޮތުގައި ކަމަށާއި ރައްޔިތުންނަށް އަމާންކަން ގާއިމުކޮށްދިނުމަށް ފުލުހުން މަސައްކަތްކުރާތަން ނުފެންނަ ކަމަށެވެ.

"އަޅުގަނޑެއް ނުދެކެން މި ސަރުކާރަށް ވުރެ ބޮޑަށް ފަނޑިޔާރުގެ ތެރެއަށް އަތްބޭނި ސަރުކާރެއް. ތެދުތެދަށް ދަންނަވާ ނަމަ، ތަހުގީގު ކުރި ނަމަވެސް ތަހުގީގު ނުކުރެވޭނެ މައްސަލަތައް އެބަހުރި،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ މިހާރު ރާއްޖޭގައި އޮތީ ކޮން ނިޒާމެއްކަން ސާފު ނުވާ ކަމަށް ލީޑަރަކު ވިދާޅުވި ކަމަށާއި އެއީ ތެދުފުޅެއް ކަމަށެވެ.

"މި ފެންނަނީ މިއަށް ވުރެ ދެވަނައެއް ނެތް ހުދުމުހުތާރު ވެރިކަމެއްގެ ނިޒާމު. އަންބޮޑި ބޮޑުކުރާ ނިޒާމު،" ޔާމީން ވިދާޅުވީ ފެންނަމުން ދަނީ ސިޔާސީ ގޮތުންނާއި އިގްތިސޯދީ ގޮތުން ގާތްތިމާގެ މީހުންނަށް ފައިދާވާ ގޮތަށް ކަންކުރާ ނިޒާމެއް ކަމަށެވެ.

ރާއްޖޭގައި މިހާރު ހިނގާ ނިޒާމު އޮޅުން އަރާ ކަމަށް ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.

comment ކޮމެންޓް