ފަނޑިޔާރު އަރީފް ރިޓަޔާކުރައްވައިފި

ރިޓަޔާކުރެއްވުމަށް ނިންމެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސުޕްރީމް ކޯޓުގެ ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު އަބްދުﷲ އަރީފު ރިޓަޔާކުރައްވައިފިއެވެ.

ސުޕްރީމް ކޯޓުގައި އެންމެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވަމުން އަންނަ ފަނޑިޔާރު އަބްދުﷲ އަރީފް ރިޓަޔާކުރައްވަން ނިންމެވީ ސިއްހީ ސަބަބުތަކަށްޓަކައެވެ.

އަރީފް ރިޓަޔާކުރެއްވުމަށް ނިންމި އިރު، 12 ނޮވެމްބަރުގައި ޖޭއެސްސީން ހާމަކޮށްފައިވާ ގޮތުން ފަނޑިޔާރު އަރީފްގެ 14 މައްސަލައެއް އެ ކޮމިޝަނުން ދަނީ ބަލަމުންނެވެ.

އުމުރުފުޅުން 51 އަހަރުގެ ފަނޑިޔާރު އަބްދުﷲ އަރީފް ރިޓަޔާކުރައްވަން ނިންމެވުމާ ގުޅިގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރުއާ ހަވާލުކުރުމަށް ނިންމާފައެވެ.

ފަނޑިޔާރު އަބްދުﷲ އަރީފް ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި އައްޔަނުކުރެވިގެން ދިޔައީ 18 ސެޕްޓެމްބަރު 2008 ގައެވެ.

މަދީނާގެ އިސްލާމިކް ޔުނިވާސިޓީން 1997 ގައި ފުރަތަމަ ޑިގްރީ ހާސިލުކުރެއްވި އަރީފަކީ މިވަގުތު ސުޕްރީމް ކޯޓުން ޖުޑިޝަލް ސާވިސް ކޮމިޝަނަށް ކަނޑައަޅުއްވާފައި ހުންނަވާ މެމްބަރެވެ. އަދި 10 ޖުލައި 2017 އިން 13 ނޮވެމްބަރު 2019 އަށް ޖޭއެސްސީގެ ރައީސްކަންވެސް ކުރެއްވިއެވެ.

އަރީފް މީގެ ކުރިން ވަނީ 1998 އިން 2005 އަށް ޖިނާއީ ކޯޓުގެ ގާޒީކަމާއި އަދި 2005 އިން 2008 އަށް އެ ކޯޓުގެ އިސް ގާޒީކަން އަދާކުރައްވާފައެވެ.

comment ކޮމެންޓް