ފަނޑިޔާރު ޣަނީ ސަސްޕެންޑުކޮށް، ވަކި ކުރަން މަޖިލީހަށް ފޮނުވަން ނިންމައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު --- ސަންފޮޓޯ/ ފަޔާޒު މޫސާ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ސަސްޕެންޑުކޮށް އޭނާ މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ޖޭއެސްސީއިން މިއަދު ނިންމާފައި ވަނީ ފަނޑިޔާރު ޣަނީ 60 ދުވަަހަށް ސަސްޕެންޑުކޮށް، އޭނާ މަގާމުން ވަކ ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާށެވެ.

ފަނޑިޔާރު ޣަނީ މަގާމުން ވަކި ކުރަން ނިންމާފައިވާ އިރު އޭނާގެ ސުލޫކީ މައްސަލަތަކެއް މިހާރު ޖުޑިޝަލް ސާވިސް ކޮމިޝަނުން ދަނީ ބަލަމުންނެވެ. އެއީ ސުޕްރީމް ކޯޓުގައި ގާނޫނާ ހިލާފަށް ނިންމި މައްސަލަތަކާ ގުޅިގެން ބަލަމުންދާ ސުލޫކީ މައްސަލަތަކެކެވެ. ޖޭއެސްސީއިން މީގެ ކުރިން ހާމަކުރި ގޮތުގައި އޭނާގެ ތިން މައްސަލައެއް އެ ކޮމިޝަނުން ދަނީ ބަލަމުންނެވެ.

އޭގެ އިތުރުން އޭސީސީންވެސް އޭނާގެ މައްސަލައެއް ދަނީ ބަލަމުންނެވެ. އޭސީސީއިން ބަލަމުން ދަނީ ފަނޑިޔާރު ޣަނީ ހައިކޯޓުގެ އިސް ގާޒީކަމުގައި ހުންނެވިއިރު 2012 ވަނަ އަހަރު ހިންގާފައިވާ އަމަލެއްގައި ކޮރަޕްޝަން ހިމެނޭކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅި މައްސަލައެއްކަން އެނގިފައި ވެއެވެ.

"ސަން"އަށް ވަނީ އެމައްސަލައާ ގުޅޭ ލިޔުންތަކެއް ލިބިފަ އެވެ. ލިޔުންތަކުގައި ވާގޮތުން ފަނޑިޔާރު އަބްދުލްޣަނީ ވަނީ ދެމީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވި މައްސަލައެއްގައި އެތަނުން އެކަކުގެ މައްސަލައިގެ ފައިލް ވަކި އެއްޗެއް ނާންގާ ގިނަ ދުވަސްތަކެއް ވަންދެން ފޮރުވާފައި ބާއްވާފައެވެ.

"މައްސަލަ ހައިކޯޓުގައި އޮންނަކަން އެނގުނީ އަލަށް ފާސްކުރެވުނު ކޯޓުތަކާ ބެހޭ ގާނޫނުގެ ދަށުން ހައިކޯޓުގެ އިސްފަނޑިޔާރެއްގެ ގޮތުގައި އާމީހަކު ހަމަޖެހުމުން ކުރީގެ އިސްފަނޑިޔާރު އަބްދުލްޣަނީ އަލަށް އިސްކުރެވުނު ފަނޑިޔާރާ ހަވާލުކުރި އެކިއެކި ލިޔެކިޔުންތަކުގެ ތެރޭގައި އެމައްސަލަވެސް އޮތުން،" އޭސީސީއަށް ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ.

މައްސަލަ ހުށަހެޅި ފަރާތުން ތުހުމަތު ކޮށްފައިވަނީ އެ މައްސަލައިގައި ދައުވާ ލިބޭ އަންހެން ކުއްޖާއަށް ހައިކޯޓުން ވަޒީފާ ދީފައިވާ ކަމަށެވެ. އަދި ފަނޑިޔާރު އަބްދުލްޣަނީއާ ގާތް ގުޅުމެއް އޮތް ކަމަށެވެ.

ފަނޑިޔާރު އަބްދުލްޣަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކުރެވުނީ 2018 ވަނަ އަހަރު ޖުލައި މަހުގެ ތެރޭގައެވެ.

ފަނޑިޔާރު ޣަނީ މަގާމުން ވަކި ކުރަން މަޖިލީހަށް ފޮނުވަން ނިންމާފައިވާ އިރު ރައްޔިތުންގެ މަޖިލީހުން ވަނީ މި މަހުގެ 18 ވަނަ ދުވަހު ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ މަގާމުން ވަކިކޮށްފައެވެ. އަދި އޮގަސްޓް 28ގައި އެ ކޯޓުގެ ފަނޑިޔާރުކަމުން އަބްދުﷲ ދީދީ ވަނީ ވަކިކޮށްފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ފަނޑިޔާރު އަބްދުﷲ އަރީފް މިއަދު ވަނީ ރިޓަޔާ ކުރައްވައިފައެވެ. އެހެންކަމުން އެ ކޯޓުގެ ހިންގުން މިހާރު ވަނީ ވަގުތީ ގޮތުން ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރާ ހަވާލުކޮށްފައެވެ.

comment ކޮމެންޓް