ވޭޕްކުރަން ދެވިހިފި 17 އަހަރުގެ ޒުވާނާ މަރުން ސަލާމަތްވީ ކިރިޔާ

ވޭޕްކުރުން: ފުރާނައަށް ގެއްލުން ހުރި ކަމެއް

ވޭޕްކުރުމަކީ ސިގިރެޓްބުއިމަށްވުރެ ލުއިކަމެކޭ ހީވިއަސް މިއީ ހަމަ ކުރުން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. އުމުރުން އެންމެ 17 އަހަރުގެ އެމެރިކާގެ ޒުވާނެއް މިވަނީ ވޭޕްކުރުމުގެ ސަބަބުން ފުއްޕާމެއަށް ލިބުނު ގެއްލުމުގެ ސަބަބުން ދެ ފުއްޕާމޭވެސް ކުއްލިގޮތަކަށް ޓްރާންސްޕްލާންޓް ހަދާފަ އެވެ.

ހެންރީ ފޯޑް ހޮސްޕިޓަލްގައި މި ނާޒުކު އޮޕަރޭޝަން ކުރެވުނުއިރު، ކިރިޔާވެސް ލަސްވިނަމަ ޕޭޝަންޓް މަރުވީސްކަމަށް އެ ޓީމް ލީޑްކުރި ޑޮކްޓަރު ހަސަން ނެމަހް ވިދާޅުވި އެވެ. ޑޮކްޓަރުންގެ ޓީމުން މައުލޫމާތު ދިންގޮތުގައި އެއްއަހަރުވަންދެން ވޭޕްކުރި މި ޒުވާނާގެ ފުއްޕާމޭވަނީ އެއްކޮށް ފާރުވެ، ޑެޑް ސްޕޮޓްސްތަކުން ފުރި ހަރުވެފައެވެ. އަދި އޮޕަރޭޝަންކުރުމުގެ ކުރިން ހެދި ސީޓީ ސްކޭންއަކުން ދެއްކިގޮތުގައި އޭނާގެ ފުއްޕާމޭ އޮތީ އެއްކޮށް ގެއްލިފަ އެވެ. އާންމު ސްކޭންތަކުގައި ފުއްޕާމޭ ކަޅުކޮށް ފެންނަނީ ވައިން ފުރިފައިހުރުމުންނެވެ. ނަމަވެސް މި ޕޭޝަންޓްގެ ފުއްޕާމޭ އެއްކޮށް މަރުވެފައި އޮތުމުން ސްކޭންގައި އެހެން ނުފެންނަނީ އެވެ.

ޕޭޝަންޓްގެ މައުލޫމާތު ހާމަނުކުރިނަމަވެސް، އާއިލާއިން ވަނީ އޭނާގެ މެޑިކަލް ކޭސްގެ ވާހަކަ އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ހިއްސާކުރުމަށް އެދިފައެވެ. މިގޮތުން އާއިލާއިން ނެރުނު ބަޔާނެއްގައި ވަނީ އެ ޒުވާނާއަކީ އުމުރުން 16 އަހަރުގައި ދުޅަހެޔޮކޮށް، އެތްލީޓެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އައި ކުއްޖެއްކަމަށާއި މުޅި ދިރިއުޅުން ބަަދަލުކޮށްލީ ކުޑަ ވަގުތުކޮޅެއްތެރޭގައިކަމަށެވެ.

މިއީ މުޅި އެމެރިކާގައިވެސް ވޭޕިންގެ ސަބަބުން ފުއްޕާމޭ ޓްރާންސްޕްލާންޓް ކުރި ފުރަތަމަ މައްސަލައަށް ވީއިރު، މި ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހާއި ހިސާބަށް ވޭޕިންގެ ސަބަބުން 2051 މީހުން ބަލިވެ، 40 ހަކަށް މީހުން ވަނީ މަރުވެފައެވެ.

ކަމާއި ގުޅޭގޮތުން ދިރާސާކޮށްފައިވާ ފަރާތްތަކުން ހާމަކުރާގޮތުގައި ވޭޕްކުރުމުން ފުއްޕާމެއަށް ލިބޭ ގެއްލުމަކީ އިންޑަސްޓްރިއަލް އެކްސިޑެންޓްތަކުގައި ވިހަ ގޭސް ނޭވާއަށް އެތެރެވުން ނުވަތަ، ފުރަތަމަ ބޮޑު ހަނގުރާމައިގައި ބައެއް ސިފައިން މަރާލުމަށް ހަމަލާދެވުނު މަސްޓަޑް ގޭސް އާއި އެއްފަދަ އެއްޗެކެވެ.

ޓްރާންސްޕްލާންޓް ހެދުނު މި ޕޭޝަންޓް އެންމެ ފުރަތަމަ އެޑްމިޓް ކުރެވުނީ ނިއުމޯނިއާކަމަށް ހީކޮށެވެ. ނަމަވެސް ހާލަތު ދަށްވަމުންގޮސް ވެންޓިލޭޓާއަށްވެސް ލެވުނެވެ. އަދި ހަށިގަނޑުގެ ލޭހޮޅިތަކަށް ސީދާ އޮކްސިޖަން ފޮނުވާހެން ގުުޅުވުމަށްފަހުވެސް ހާލަތު ރަނގަޅުނުވުމުން އެންމެ ފަހުން ޖެހުނީ ޓްރާންސްޕްލާންޓް ކުރާށެވެ.

ކަންމިހެންހުރިއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި އަނބިކަނބަލުން މެލޭނިއާ ޓްރަމްޕްވެސް ވަނީ އީސިގިރެޓް ބޭނުންކުރުން ހުއްޓުވުމަށް ގޮވާލާ އެކި ކެމްޕެއިންތަކަށް ސަޕޯޓްކުރައްވަމުންނެވެ.

comment ކޮމެންޓް