ބަރުލަމާނީ ނިޒާމު ގެނެސްފިނަމަ ރައްޔިތުންގެ އަތުން ބާރުތައް ލުހޭނެ: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްފިނަމަ ރައްޔިތުން އަތުން ބާރުތައް ގެއްލޭނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއަށް މެމްބަރުން ސޮއިކުރުމަށް މިރޭ ކުނޫޒުގައި އޮތް ޖަލްސާއެއްގައި ގާސިމް ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް ދިއުމުން ބޮޑުވަޒީރަކަށް ހުންނަވާ ބޭފުޅަކަށް ހުރިހާ ބާރުތަކެއް ލިބި، ރައީސުލްޖުމްހޫރިއްޔާގެ މަގާމު ރަމްޒީ މަގާމަކަށ ވާނެ ކަމަށާއި އެކަމުގެ ތަޖުރިބާ މީގެ ކުރިން ދިވެހީން ކޮށްފައިވާނެ ކަމަށެވެ.

ހަމައެއާއެކު ބޮޑުވަޒީރުގެ މަގާމަކީ ރައްޔިތުން ހޮވާ މަގާމެއް ނޫން ކަމަށާއި، އެއީ މަޖިލީހުންނާއި ޕާޓީތަކުން ހޮވާ މަގާމެއްކަން ގާސިމް ފާހަގަކުރެއްވިއެވެ. ގާސިމް ވިދާޅުވީ ކިތަންމެ ކުޑަ އަތޮޅަކުން މަޖިލީހަށް ހޮވޭ މެމްބަރަކަށްވެސް ބޮޑުވަޒީރުގެ މަގާމަށް އާދެވިދާނެ ކަމަށެވެ.

އެފަދަ ނިޒާމަކާ ދިމާލަށް ދިއުމަކީ ދިވެހި ރައްޔިތުން އެދޭ ގޮތްތޯ ގާސިމް ސުވާލު އުފެއްދެވިއެވެ.

"މިވަރުގެ ކަނޑުކޮސް ކަމަކާ ދިމާލަށް ދާން ދިވެހިރާއްޖޭގެ ރައްޔިތުން އެތިބީ ހަމަ ގޮތްމަދުވެފަ؟ ދެން ބައެއް މީހުންނަށް ހީވަނީ ކަންނޭނގެ މިހާރު (މަޖިލީހުގެ) 65 ގޮނޑި ލިބިގެން ދިޔައިމަ ތިމަންނާމެންނަށް ދެން ހުރިހާ ކަމެއްވެސް ވާނޭ. އެ މަންޒަރު ކަންނޭނގޭ މި ފެންނަނީ." ގާސިމް ވިދާޅުވިއެވެ.

އަދި ގާއުމުގެ މަސްލަހަތު ގެއްލޭ ފަދަ ގޮތަކަށް ކަންތައްތައް ނުކުރުމަށް ގާސިމް އިލްތިމާސް ކުރެއްވެވިއެވެ.

ބޮޑުވަޒީރަކީ ސީދާ ރައްޔިތުން އިންތިހާބުކުރާ މަގާމެއް ނޫން ކަމާއި، އެފަދަ އިސް މަގާމުތަކަށް މީހުން އިންތިހާބު ކުރުމުގައި އާންމުންގެ ވޯޓު މުހިންމުކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ، ޖޭޕީގެ ލީޑަރުވެސް އާންމު މެމްބަރުންގެ ވޯޓަކުން އިންތިހާބުވާ ގޮތަށް ޕާޓީގެ ގަވާއިދަށް ބަދަލުގެންނަން ވިސްނަވާ ކަމަށެވެ.

"ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން ޕާޓީގެ ލީޑަރު، ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ވެސް. އެހެން ނަމަވެސް އަޅުގަނޑު ދަންނަވާފައިވާނީ ކުރިއަށް އޮތް ތަނުގައި އަޅުގަނޑު ވިސްނަމޭ އެބަ ޕާޓީގެ ލީޑަރުވެސް އަންނަން ވާނީ ޕާޓީގައި ހިމެނިވަޑައިގަންނަވާ ހުރިހާ މެމްބަރުންގެ ވޯޓަކުންކަން،" ގާސިމް ވިދާޅުވިއެވެ.

comment ކޮމެންޓް