ރާއްޖެއަށް ނިސްބަތްވާ ހަނގުރާމަވެރިންތަކެއް އަފްގާނިސްތާނުން ހައްޔަރުކޮށްފި

އަފްޣާނިސްތާނުން ހައްޔަރުކުރި އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން--

ރާއްޖެއަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިންތަކެއް އަފްގާނިސްތާނުގައި ހައްޔަރުކޮށްފިކަމަށް އެގައުމުގެ ނޫސް އޭޖެންސީއަކުން ރިޕޯޓުކޮށްފިއެވެ.

އަފްގާނިސްތާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނަކާ ހަވާލައިދީ ޗައިނާގެ ޝިންހުއާ ނޫސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުން އަފްގާނިސްތާނުގެ އިރުމަތީ ނަންގަރްހާރު ޕްރޮވިންސްގައި އައިއެސްގެ ޖުމްލަ 241 މެމްބަރަކާއި އެ ޖަމާއަތަށް ވާގިއެދޭ ބަޔަކު ވަނީ އެގައުމުގެ ސަރުކާރުގެ ބާރުގެ ދަށަށް އައިސްފައެވެ.

އޭގެ ތެރޭގައި ހިމެނެނީ 71 ފިރިހެނަކާއި 63 އަންހެނުން އަދި 107 ކުޑަކުދިންނެވެ. އެމީހުން އަމިއްލައަށް އަމާން ދިނީ ކަމަށާއި ނަންގަރުހާރު ޕްރޮވިންސްގެ އަޗިން އަދި މޮހްމަން ދާރާ އަވަށުގެ ކަމާ ބެހޭ ފަރާތްތަކާ އެމީހުން ހަވާލުވީ ކަމަށްވެސް ޝިންހުއާއިން ރިޕޯޓުކުރެއެވެ.

ނަމަވެސް އެމީހުން ނިސްބަތްވާ ގައުމެއް ޝިންހުއާއިން ހާމައެއް ނުކުރެއެވެ.

އަފްގާނިސްތާނުގެ ނޫސް އޭޖެންސީއެއް ކަމުގައިވާ ޕަޖްވޮކްއިން މިއަދު ރިޕޯޓު ކުރި ގޮތުގައި، ހައްޔަރުކުރި 243 މީހުންނެވެ. އޭގެ ތެރޭގައި ޕާކިސްތާން، ތަޖިކިސްތާން، އުޒްބެކިސްތާން، އިރާން، އަޒަރުބައިޖާން، ކަޒަކްސްތާން އަދި ދިވެހިރާއްޖެއަށް ނިސްބަތްވާ ހަނގުރާމަވެރިންވެސް ތިއްބެވެ.

އަފްޣާނިސްތާނުން ހައްޔަރުކުރި އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން--

އަފްޣާނިސްތާނުން ހައްޔަރުކުރި އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން--

އަދި އެމީހުން ވަނީ ހަތިޔާރުގެ ގޮތުގައި ބޭނުންކުރާ 67 އެއްޗެއް އަފްގާނިސްތާނުގެ އަސްކަރިއްޔާއާ ހަވާލުވެސް ކޮށްފައެވެ.

ޕަކްވޮކް ނޫސް އޭޖެންސީން ވަނީ ހައްޔަރުކުރި ބައެއް މީހުންގެ ފޮޓޯވެސް އާންމުކޮށްފައެވެ.

އަފްގާނިސްތާނުން މިހާ ގިނަ އަދަދެއްގެ ހަނގުރާމަވެރިން އަމާން ދީފައިވާ އިރު، އެގައުމުގެ ރައީސް އަޝްރަފް ޣަނީ މިއަދު ވިދާޅުވީ އަފްގާނިސްތާނުގައި އައިއެސްގެ "މައިބަދަ" ބިނދިއްޖެ ކަމަށެވެ.

comment ކޮމެންޓް