ދަތުރުވެރިންގެ މާރުކޭޓު، މޭޔަރާއި ކައުންސިލަރުންގެ އަރައިރުމަކަށް

ދަތުރުވެރިންގެ މާރުކޭޓް ބޭރު. މާރުކޭޓް މަރާމާތަށް ބަންދުކުރި ގޮތަށް އަދިވެސް ނުހުޅުވޭ -- ސަން ފޮޓޯ: އަހުމަދު ޝަރުވާން

މާލޭގެ ދަތުރުވެރިންގެ މާރުކޭޓުގައި ތަޅު އަޅުވައި އެތަނުގައި މަސައްކަތް ކުރި ވިޔަފާރިވެރިން މަގުމަތިވެފައިވާތާ މިހާރު ތިން މަސް ވަނީ އެވެ. އެ ތަޅު ހުޅުވައި، ގޮޅިތައް ދޫކުރާނެ ދުވަހެއް އެނގޭ މީހަކު ނެތެވެ. އެނގޭހާ ވެސް އެއްޗަކީ މަސައްކަތް ނުނިމި ދިގުލައިގެން ގޮސް، އެތައް ބަޔަކު ދިރިއުޅުމަށް ކުރާ މަސައްކަތަށް ހުރަސް އެޅި، ނިކަމެތިވެފައިވާ ކަމެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އެއް އަހަރު ފުރުނު ދުވަހު، ސަރުކާރާމެދު އާންމުންގެ ހިޔާލު ހޯދާލުމުން ވެސް އެންމެ ބޮޑު ޝަކުވާއަކަށް ވީ ދަތުރުވެރިންގެ މާރުކޭޓްގެ މައްސަލަ އެވެ. އެއްވެސް ކަހަލަ އެދެވޭ ޖަވާބެއް ސިޓީ ކައުންސިލުގެ ފަރާތުން ނުލިބޭތީ އެ މީހުން ތިބީ މާޔޫސްވެ ރުޅިވެސް ގަދަވެފަ އެވެ.

ޖެހިގެން މިއުޅެނީ ކޮން މައްސަލައެއް ހެއްޔެވެ؟ ރައްޔިތުންނާ އެހާބޮޑަށް ގުޅިފައިވާ ހިދުމަތެއް މަޑުޖެހިފައި މިއޮތީ ކީއްވެ ހެއްޔެވެ؟

މި މައްސަލައިގައި މާލޭ ސިޓީ ކައުންސިލް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމުން ހާމަވީ، މާރުކޭޓުގެ ކަންކަން ނުނިމި ދިގުލައިގެން ދަނީ މި މައްސަލައިގައި ކައުންސިލް އެތެރޭގައި ބޮޑު ކޯޅުމެއް އުފެދިފައި އޮތުމުގެ ސަބަބުން ކަމެވެ.

ސިޓީ ކައުންސިލްގެ މާރުކޭޓު ކޮމިޓީން ކުރަން ޖެހޭ ކަންކަން ނުކުރާ ކަމަށް ވިދާޅުވެ މޭޔަރު ޝިފާ ތުހުމަތުގެ އިނގިލި ދިއްކުރައްވަނީ އެ ކޮމިޓީގެ މެމްބަރުންނަށެވެ. އެ މެމްބަރުން ވިދާޅުވަނީ، ކޮމިޓީން ކުރަން ޖެހޭ ހުރިހާ ކަމެއް ނިންމައި، މޭޔަރަށް ފޮނުވާފައިވާ ކަމަށާއި ލަސްވަނީ މޭޔަރު އެކަންކަން ތަންފީޒު ނުކޮށްގެން ކަމަށެވެ.

ޝިފާ ވިދާޅުވަނީ ދެ މުއައްސަސާ ދޭތެރޭ ތާށިވެފައި ހުރި ކަމަށް!

މިދިޔަ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ސިޓީ ކައުންސިލްގައި ބޭއްވި ބައްދަލުވުމެއްގައި ހަ މެމްބަރުންގެ އަގުލަބިއްޔަތުން އޮތީ މާރުކޭޓްގެ ގޮޅިތަކާ މެދު އަމަލު ކުރަންވީ ގޮތެއް ފާސްކޮށް ނިންމައިފަ އެވެ. އެއީ މާރުކޭޓު ބަންދު ކުރި އިރު ހުރި 174 ގޮޅި، 117 ގޮޅިއަށް ބަދަލުކުރުމަށެވެ. އަދި އެ ނިންމުމާ އެއްގޮތަށް މާރުކޭޓުގެ މަސައްކަތް ބިޑުކޮށް، ބަޔަކާ ވަނީ ހަވާލުވެސް ކޮށްފަ އެވެ.

މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ އިއްޔެގެ ޖަލްސާގެ ތެރެއިން --- ފޮޓޯ: މަޖިލިސް

ނަމަވެސް މިހާރު މަސައްކަތް ހުއްޓުވާފައި އޮތީ މޭޔަރު ޝިފާ އެގޮތަށް އަންގައިގެންކަން ކޮމިޓީގައި ދެއްކި ވާހަކަތަކުން ސާފުވި އެވެ. މޭޔަރު ބޭނުންފުޅު ވަނީ، ގޮޅިތަކުގެ އަދަދު 193 އަށް ބަދަލުކުރާށެވެ. ނަމަވެސް އެހެން ކައުންސިލް މެމްބަރުން ބުނަނީ ގޮޅިތައް މަދުކުރީ، ގޮޅިތައް ބޮޑުކޮށް، ތަނުގެ ތަނަވަސްކަން އިތުރު ކުރުމަށެވެ.

އެހެން ނަމަވެސް ޝިފާގެ ހުށަހެޅުން ފާސްނުވުމުން، ދެން މަސައްކަތް ކުރެއްވީ ޕްލޭނިން މިނިސްޓްރީ މެދުވެރިކޮށް އެކަން ކުރައްވަން ކަމަށް ކައުންސިލް މެމްބަރުން ތުހުމަތު ކުރައްވަ އެވެ.

ޝިފާ ވެސް ވަނީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާ ބައްދަލުކުރައްވައި، ޕްލޭނިން މިނިސްޓްރީގެ މުވައްޒަފުން ބޭނުންކޮށްގެން ވީހާވެސް އަވަހަކަށް މަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.

އަދި 10 ދުވަހުގެ ތެރޭގައި 193 ގޮޅީގެ މަސައްކަތް ނިންމާދޭނެ ކަމުގެ ޔަގީންކަން ޕްލޭނިން ދީފައިވާ ކަމަށް ޝީފާ ވިދާޅުވި އެވެ. ނަމަވެސް މި މައްސަލައިގައި ޝިފާ ދައްކާ ވާހަކަ ދެކޮޅެއް ނުޖެހެ އެވެ. ޝިފާ ވިދާޅުވީ ގޮޅިތަކުގެ ސައިޒް ކުޑަނުކުރަން ޕްލޭނިން އިން ލަފާދީފައިިވާ ކަމަށެވެ.

މާރުކޭޓު ބަންދުކުރި އިރު އެތަނުގައި 174 ގޮޅި ހުއްޓެވެ. މިހާރު އެ އަދަދު 117 އަށް ކުޑަކޮށްފައި ވަނީ ގޮޅިތައް ބޮޑުކޮށް، ވިޔަފާރިވެރިންނަށް ޖާގައިގެ ގޮތުން ތަނަވަސް ތަނެއް ހޯދައިދިނުމަށެވެ. މިހާރު ފާސްކޮށްފައިވާ ގޮތުން ގޮޅިއެއްގެ ދިގު މިނުގައި އަށް ފޫޓު، އަދި ފުޅާމިނުގައި 6.5 ފޫޓު ހުންނާނެ އެވެ.

ޝިފާ ބޭނުންވެލައްވާ ގޮތަށް 193 ގޮޅިއަށް އިތުރުކުރާނަމަ، ގޮޅިތައް ކުޑަވެގެންދާނެ އެވެ. އޭރުން ގޮޅިއެއްގެ ކުރިމައްޗަށް ހުންނާނީ ހަތަރު ފޫޓެވެ. އެހެންކަމުން ޝިފާ ބޭނުން ގޮތަށް އެ މަސައްކަތް ކުރާ ނަމަ، ޕްލޭނިން އިން ދިން ލަފަޔާ އެއްގޮތަށް ކުރާ މަސައްކަތަކަށް އެކަމެއް ނުވެ އެވެ. އަދި އެއީ ކައުންސިލުން ފާސްކޮށްފައި އޮތް ގޮތާ ވެސް ހިލާފު އުސޫލުލެކެވެ.

މާރުކޭޓުގެ ބެލެނިވެރިޔަކީ ސިޓީ ކަައުންސިލެވެ. ކަންކަން ތަންފީޒު ކުރުމުގެ ބާރު ގާނޫނުން ކައުންސިލަށް އޮތީ ލިބިދީފަ އެވެ. އެހެންކަމުން މައްސަލައިގައި ޕްލޭނިން އިން ދެކޭގޮތެއް ހޯދަން ކައުންސިލަށް ކޮންމެހެން ނުޖެހޭ ކަމަށް އެ ކައުންސިލްގެ ބައެއް މެންބަރުން ދެކެ އެވެ.

ނަމަވެސް ޝިފާގެ ބަހަނާއަކީ، މިއީ "ޓްރާންސިޝަން ޕީރިއަޑެއް" ކަމަށާއި އެހެން ކަމުން ކަންކަން ނިންމުމުގައި އެހެން މުއައްސަސާތަކުގެ މަޝްވަރާ އާއި އިރުޝާދާއި ލަފާގެ ދަށުން ކަންކަން ނިންމަން ރައީސް އޮފީހުން ބާރުއަޅާފައިވާ ކަމަށެވެ.

"އެހެންވީމަ މޭޔަރެއްގެ ހައިސިއްޔަތުން އަޅުގަނޑު މިހުރީ ކައުންސިލްގެ ނިންމުމާއި، ޕްލޭނިން މިނިސްޓްރީގެ އިރުޝާދާ ދޭތެރޭ މެދުގައި ތާށިވެފައި،" ޝިފާ ވިދާޅުވި އެވެ.

ކައުންސިލުން ނިންމާފައިވާ ގޮތަށް މާރުކޭޓުގެ މަސައްކަތް ނިންމަން ހަތަރު ލައްކަ ރުފިޔާ ހަރަދުވާނެ ކަމަށާއި، ޕްލޭނިން މިނިސްޓްރީއާ ވާހަކަ ދެއްކީ އެ ފައިސާ ނުދީ، މިނިސްޓްރީގެ މުވައްޒަފުން ބޭނުންކޮށްގެން އަވަހަށް އެތަން ނިންމުމަށް ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

ބައެއް ކައުންސިލް މެމްބަރުން ވިދާޅުވީ ކައުންސިލުން ނިންމި ގޮތަށް މަސައްކަތް ކުރިއަށް ގެންދިޔަ ނަމަ ދެލައްކައެއްހާ ރުފިޔާއިން އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. މަސައްކަތުގެ އަގު ބޮޑުވެގެން ދިޔައީ ވެސް ޝިފާގެ ސަބަބުން ކަމަށް މެމްބަރުން ތުހުމަތު ކުރައްވަ އެވެ. މެމްބަރުންގެ ވާހަކަތަކާ ގުޅިގެން ޝިފާ ވިދާޅުވަނީ އެއީ އެއްވެސް ބުރަދަނެއް ހުރި ވާހަކައެއް ނޫން ކަމަށާއި އެއީ ހަމަ ސީދާ ދޮގު އިލްޒާމެއް ކަމަށެވެ.

ކޮމިޓީން ސާވޭ ކުރީ ޑިމާންޑަށް ނުބަލާ!

މާރުކޭޓު ގޮޅިތަކުގެ ކަންކަން ނިންމައި އުސޫލު އެކުލަވާލުމަށް މާރުކޭޓު ކޮމިޓީން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހުން ފެށިގެން ސާވޭއެއް ކުރިއަށް ގެންގޮސްފަ އެވެ. އަދި 117 ގޮޅި ދޫކުރާ ގޮތަށް ފާސްކުރީ ވެސް އެ ސާވޭގެ ނަތީޖާތަކަށް ބެލުމަށްފަހު އެވެ.

އެހެން ނަމަވެސް ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ މިހާރު އެތަނުގައި ތިބޭ ވިޔަފާރިވެރިންނާ މަޝްވަރާކޮށް ހިޔާލު ހޯދައިގެން ކަމަށާއި، ސާވޭ ކުރުމުގައި ގޮޅިތަކަށް އޮތް ޑިމާންޑަށް ރިއާޔަތް ކޮށްފައި ނުވާކަމަށް ޝިފާ ވިދާޅުވި އެވެ.

ޝިފާ ވިދާޅުވަނީ މާރުކޭޓު ގޮޅިތައް ބޭނުންވާ ދިވެހިންނާ މިދިޔަ އާދީއްތަ ދުވަހު ބައްދަލުކުރި އިރު، އެކަމަށް 800 އަށް ވުރެ ގިނަ މީހުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

"އެއްވެސް ސަރުކާރެއްގައި ކުރި ކަމެއް ނޫން އަދަދު މަދުކުރުމަކީ. އެހެންވީމަ 174 ގޮޅި އެތާ ހުރި އިރުގައި އެ ގޮޅިތައް މަދުވާން ޖެހުން ބަލައިގަންނަން ވަރަށް އުނދަގޫ،" ޝިފާ ވިދާޅުވި އެވެ.

ގޮޅިތަކުގެ އަދަދުގެ އިތުރުން ގޮޅިތައް ދޫކުރާނެ ގޮތަކާ މެދު ވެސް ކައުންސިލް މެމްބަރުންނަށް އެއް ގަލަކަށް ނޭރެ އެވެ. ކައުންސިލުން މަޝްވަރާކޮށްފައި ވަނީ ދަތުރުވެރިންގެ މާރުކޭޓުގަައި އެންމެ ފުރަތަަމަ ދުވަހުން ފެށިގެން ވެސް ކުލި ދައްކައިގެން، ވިޔަފާރިކުރުމުގެ މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް ގޮޅިތައް ދޫކުރުމުގައި އިސްކަން ދިނުމެވެ.

"އެތަނުގައި އެބަތިބި އެމީހުންގެ މުޅި ދިރިއުޅުން މި މަސައްކަތުގައި ހޭދަކޮށްފައި ތިބި މީހުން ވެސް. ގޮޅި އަތުލައިފިއްޔާ ހިތް ހުއްޓި ނޫނީ ނަފްސާނީ ގޮތުން މައްސަލަތަކެއް ދިމާވެދާނެ ފަދަ ފަރާތްތައް ވެސް. އެހެންވެ އަޅުގަނޑުމެން ހުށަހެޅީ އެފަދަ ފަރާތްތަކަށް އިސްކަން ދޭން ގޮޅި ދޫކުރާއިރު،" ކައުންސިލް މެމްބަރަކު ވިދާޅުވި އެވެ.

ނަމަވެސް ޝިފާ ވިދާޅުވަނީ އޭރުން ދެފުށް ފެންނަ ގޮތުގައިި އެކަން ނުކުރެވޭނެ ކަމަށެވެ. މާރުކޭޓު ގޮޅިތައް ބޭނުންވެގެން ދުވާލެއްގެ މައްޗަށް އެތައް ބަޔަކު ކައުންސިލަށް ދާއިރު، އެ ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަ ފުރުސަތު އޮވެގެން ނޫނީ ދެފުށް ފެންނަ ގޮތެއްގައި އެކަން ނުކުރެވޭނެ ކަމަށެވެ.

ގޮޅިތަކާ ގުޅޭގޮތުން ދެން އައި ހުށަހެޅުމަކީ، ކޮންމެ ދާއިރާއަކަށް ދެ ގޮޅީގެ އުސޫލުން 30 ގޮޅި ހާއްސަ ކުރުމެވެ. ނަމަވެސް މި ހުށަހެޅުމާ ކައުންސިލަރު ފަޒީން މުޅިން ދެކޮޅެވެ. ފަޒީން އެކަން ސިފަކުރައްވަނީ އެއީ އިންތިހާބާ ދިމާކޮށް ކުރިއަށް ގެންދާ ކެމްޕޭން ހަރަކާތެއްގެ ގޮތުގަ އެވެ. އަދި ބާރުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފުންް ކަމަށެވެ. މި ބަހުސެއްގައި ތާށިވެ ގިޅި ބަހާނެ އުސޫލުވެސް ކައުންސިލަކަށް އަދި ނުނިންމެ އެވެ.

ކޯރަމް ވެސް ގެއްލުވާލީ ޝިފާ!

ޝިފާ ވިދާޅުވީ މައްސަލަ ދިގުލައިގެން ދަނީ މޭޔަރުގެ ސަބަބުން ކަމަށް މީޑިއާގައި ވާހަކަ ދެއްކި ނަމަވެސް، އުސޫލުތައް ފާސްކުރަން ކުއްލި ބައްދަލުވުންތައް ބާއްވަން މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް ކޯރަމް ގެއްލުވާލުމާއި، ޖަލްސާތަކަށް މެމްބަރުން ހާޒިރުނުވުމުގެ ސަބަބުން އެކަން ކުރިއަށް ނުގޮސްގެން އުޅޭކަމަށެވެ.

އެހެން މެމްބަރުން ޖަލްސާގެ ކޯރަމް ގެއްލުވާލި ކަމަށް ޝިފާ ވިދާޅުވި ނަމަވެސް، އެންމެ ފަހުން ޔައުމިއްޔާތައް ހާވާލި އިރު، ކޯރަމް ގެއްލުވާލާފައި ވަނީ ޝިފާ އާއި ޑެޕިއުޓީ މޭޔަރު ޝަމާއު އެވެ.

"މޭޔަރު ވިދާޅުވީ އެހެން ބައްދަލުވުމެއް އެބަ އޮތޭ މިގަޑީ. އެހެން ވިދާޅުވެ ޖަލްސާ ދޫކުރައްވައި ވަޑައިގަތީ. އަދި މޭޔަރު ވަޑައިގެން ފަހުން ޑެޕިއުޓީ މޭޔަރު ވެސް ޖަލްސާ ދޫކުރައްވާ ވަޑައިގަތީ. ކޯރަމް ގެއްލިގެން ދެން ޖަލްސާ ޖެހުނީ ނިންމާލަން،" ހެއްކިތައް ކޮމިޓީއަށް ހުށަހަޅުއްވަމުން ކައުންސިލަރު ފަޒީން ވިދާޅުވި އެވެ.

މައްސަލައިގައި ކައުންސިލަރުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދިފައިވީ ނަމަވެސް، މެޖޯރިޓީ މެމްބަރުން އިނގިލި ދިއްކުރަނީ މޭޔަރު ޝިފާ އާ ދިމާލަށެވެ. މަސައްކަތް ލަސްކުރައްވަނީ ޝިފާކަމަށް މެމްބަރުން އަންނަނީ ތުހުމަތު ކުރައްވަމުންނެވެ.

"މޭޔަރު ބޭނުންފުޅުވާގޮތަށް ކަންކަން ނުވުމުން ކައުންސިލްގެ ނިންމުން ބަދަލު ކުރުމަށް އެތައްތަނަކަށް ސިޓީ ފޮނުވައިގެން ބަދަލުގެންނަން ކުރެއްވި މަސައްކަތުން ޑިލޭވެގެން މިއުޅެނީ،" މާލެސިޓީ ކައުންސިލްގެ ބިޑުކޮމެޓީގެ މުގައްރިރު އަހްމަދު ނިޔާޒު ވިދާޅުވި އެވެ.

ކައުންސިލުގެ އަޣްލަބިއްޔަތުން ނިންމި ނިންމުމެއް ތަންފީޒު ނުކޮށް ހިފަހައްޓައިގެން ހުންނެވީ މޭޔަރުކަން އެބޭފުޅުން ވެސް ފާހަަގަ ކުރައްވަ އެވެ. ނަމަވެސް އެ ނިންމުން ނިންމުމަކަށް ވާނީ މޭޔަރު އޭގައި ސޮއިކުރުމުން ކަމަށާއި އެހެންކަމުން އަދިވެސް ގޮޅިތަކާ ގުޅޭގޮތުން ވަކި ގޮތެއް ނިންމިފައި ނުވާކަމަށް ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވި އެވެ.

ނަމަވެސް ޝަމާއުގެ ވާހަކަތަކާ އެހެން މެމްބަރުން އިއްތިފާގު ނުވެ އެވެ. އެހެން މެމްބަރުން ވިދާޅުވީ ސަރުކާރު ހިންގާ އުސޫލުން ކައުންސިލް ނުހިންގޭނެ ކަމަށެވެ. ކައުންސިލްގެ މެޖޯރިޓީން ކަމެއް ނިންމުމުން އެކަން ތަންފީޒު ކޮށްދިނުމަކީ މޭޔަރުގެ ގާނޫނީ ޒިންމާ ކަމަށް ވިދާޅުވި އެވެ.

ޝިފާ އަދިވެސް ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫން!

މައްސަލަ ދިގުލަައިގެން ދިޔަސް، ޝިފާ ހުންނެވީ ކައުންސިލުން ނިންމާފައިވާ ގޮތަށް ކުރިއަށް ވަޑައިގަންނަވާކަށް ނޫނެވެ. ޑެޕިއުޓީ މޭޔަރު ވިދާޅުވީ ކަންކަމުގައި ހިޔާލުތަފާތުވުން އޮންނާނެ އެހެން ނަމަވެސް މައްސަލައިގައި އެއްބަސްވުމަކަށް އާދެވޭނެ ކަމަށެވެ.

ނަމަވެސް ޝިފާގެ ވާހަކަތަކުން ދޭހަވަނީ، ޝަމާއު އެ ވިދާޅުވާ އެއްބަސްވުމަކީ ޝިފާ ހުށަހަޅުއްވައިގެން އުޅުއްވާ 193 ގޮޅިއަށް އެހެން މެމްބަރުން އެއްބަސްވުމެވެ. އަދި އެގޮތަށް އެއްބަސްވެއްޖެ ނަމަ މިއަދުން މިއަދަށް ވެސް ނިންމުން ތަންފީޒު ކޮށްދެއްވާނެ ކަމަށް ޝިފާ ވަނީ ވަރަށް ސާފުކޮށް ވިދާޅުވެފަ އެވެ.

"ޕްލޭނިން މިނިސްޓްރީން ދެއްވާފައިވާ ލަފަޔާ އެއްގޮތަށް ކުރުމަށް މިއަދުވެސް ފާސްކޮށްފިނަމަ އެކަން މިއަދުވެސް ނިންމެން އެބައޮތް. ކީވެގެންތޯ މި ތިބެނީ. އަވަސް ކުރަން ބޭނުންވިނަަމަ މިއަދުވެސް ޕްލޭނިން މިނިސްޓްރީއަށް ސިޓީ ފޮނުނުވައިގެން މިކަން ކުރަންވީ ނޫންތޯ؟" ޝިފާ ވިދާޅުވި އެވެ.

ކައުންސިލްގެ ވާހަކަތަކުން ސާފުވަނީ، މައްސަލައިގައި ތާށިވެގެން އުޅުއްވަނީ މޭޔަރު ޝިފާ ނޫން ކަމެވެ. ތާށިވެގެން މިއުޅެނީ ދަތުރުވެރިންގެ މާރުކޭޓުގެ މަސައްކަތްތަކެވެ. ދަތުރުވެރިންގެ މާރުކޭޓު މިހާރު މިއޮތީ މޭޔަރުގެ ގޮތް ދޫނުކުރުމާއި ކައުންސިލް މެމްބަރުންގެ ދެމެދު ތާށިވެފަ އެވެ. ގެއްލުންވަނީ ޒަމާނުއްސުރެ އެތަނުން އާމްދަނީ ހޯދައިގެން އުޅޭ ވިޔަފާރިވެރިންނަށެވެ.

ކައުންސިލް ފެއިލްވެއްޖެ!

ރައްޔިތުންގެ މަޖިލިސް ފަދައިން، މާލެ ސިޓީ ކައުންސިލްގައި ވެސް މިއޮތީ އެމްޑީޕީގެ މެޖޯރިޓީ އެވެ. ނަމަވެސް ފެނިގެން މިދަނީ އެތެރޭގެ ކޯޅުމާ ހެދި ރައްޔިތުންނަށް ހިދުމަތް ނުދެވިގެން އުޅޭ މަންޒަރެވެ. މިކަމާަ ރައްޔިތުންގެ މެމްބަރުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ކޮމިޓީގަައި އިންނަވާ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ ސިޓީ ކައުންސިލް ފެއިލް ވެއްޖެ ކަމަށާއި އަދި މާރުކޭޓު މައްސަލައިގައި އެކަނިވެސް މޭޔަރު ޝިފާ އިސްތިއުފާ ދޭން ޖެހޭ ކަމަށެވެ.

ކޮމިޓީގައި ތިއްބެވި އެމްޑީޕީ މެމްބަރުންވެސް ވަނީ ކައުންސިލްގެ ނާގާބިލްކަމާއި ޝިފާގެ ދޯދިޔާކަން ފާހަގަކުރައްވައިފަ އެވެ. އަދި ކޮމިޓީ ބައްދަލުވުމުން ފެނިގެން ދިޔައީ ކައުންސިލް ފެއިލްވެފައިވާ މަންޒަރު ކަމަށް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.

މާރުކޭޓު މައްސަލައިގައި ކައުންސިލަށް ގޮތެއް ނުނިންމި ފެއިލްވުމުގެ ސަބަބުން، ލާމަރުކަޒީ ކޮމިޓީއަށް މިވަނީ އެންމެ ފަހުން މައްސަލައިގައި ކައުންސިލުން ކުރާ މަސައްކަތް މޮނިޓާ ކުރަން ޖެހިފަ އެވެ. އަދި ކައުންސިލް މެމްބަރުން ވަނީ ކޯރަމް ހަމަނުވާތީ މަޖިލީހުގައި ކައުންސިލް ބައްދަލުވުން ބާއްވަން ހުށަހަޅައިފަ އެވެ. އަދި ކައުންސިލް ބައްދަލުވުންތަކުގައި މަޖިލީހުގެ މެމްބަރަކު ބައިވެރިވާން ވެސް އެދޭ ކަމަށް ވިދާޅުވެ ކައުންސިލް ފެއިލް ވެފައިވާ ކަމަށް އަމިއްލައަށް ވެސް ކައުންސިލުން އިއުތިރާފްވި އެވެ.

މާރުކޭޓުގެ މައްސަލަ ހައްލު ކުރުމަށް މިއަދު ސިޓީ ކައުންސިލްގެ ބައްދަލުވުމެއް ބާއްވައި ހުރިހާ މެންބަރުންނަށް އެއްބަސްވެވޭ ގޮތަކަށް ކައުންސިލުން ގޮތެއް ނިންމާނެ ކަމުގެ ޔަގީންކަން އިއްޔެ ކައުންސިލުން ދިނެވެ. އެހެން ނަމަވެސް، ގޮތް ދޫނުކުރާ ނަމަ، އަދިވެސް މި މައްސަލައަށް ހައްލެއް ނެތެވެ. އެކަމަކު ކައުންސިލްގެ މި ކޯޅުމުގެ ހުރިހާ ބުރައެއް މި ލިބެނީ އާންމު ރައްޔިތު މީހާއަށެވެ.

comment ކޮމެންޓް