ޕާލިމެންޓަރީ އިންތިހާބަށް ފަހު ބޮޑު ބަލަ ސޭނާ އުވާލަނީ

ލަންކާގައި ދެން ބާއްވާ އާއްމު އިންތިހާބަށް ފަހު ބޮޑު ބަލަ ސޭނާ އުވާލާނެ ކަމަށް އެޕާޓީގެ ޖެނެރަލް ސެކްރެޓަރީ ވަނީ ބުނެފަ -- ފޮޓޯ: ގެޓީ

ކޮލަމްބޯ (ނޮވެމްބަރު 19): ސްރީލަންކާގެ ޕާލިމެންޓު މެމްބަރުން ހޮވުމަށް ދެން ބާއްވާ އިންތިހާބަށް ފަހު އެގައުމުގެ ހަރުކަށި ބުދު ދީނުގެ ޖަމާއަތް ބޮޑު ބަލަ ސޭނާ (ބީބީއެސް) އުވާލާނެ ކަމަށް އެޖަމާއަތުގެ ޖެނެރަލް ސެކްރެޓަރީ ގަލަގޮޑާއްތޭ ގްނަންސާރަ ތޭރޯ ބުނެފި އެވެ.

މިއަދު ބީބީއެސްއިން ކޮލަމްބޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގްނަންސާރަ ބުނި ގޮތުގައި އެގައުމުގެ ސިންހަލަ އާބާދީއަށް، އިތުރު ބަޔެއްގެ އެހީއާ ނުލައި ސަރުކާރެއް ގާއިމު ކުރެވޭނެކަން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާއިން ވަނީ އެނގިގެންގޮސްފަ އެވެ. އެހެންކަމުން އެ ޖަމާއަތް އުފެއްދި މަގުސަދު ވަނީ މިހާރު ފުރިހަމަވެފަ އެވެ.

"މައިނޯރިޓީ ވޯޓާ ނުލާ ސަރުކާރެއް އެކުލަވާ ނުލެވޭނެ ކަމަށް ބުނުމަކީ ހަގީގަތެއް ނޫން. މިގައުމުގައި މިހާރު ރަނގަޅު، ބާރުގަދަ ލީޑަރެއް އެބަހުރި. އަދި ދެން ބާއްވާ އާއްމު އިންތިހާބަށް ފަހު، ގައުމު ކުރިއަށްގެންދިޔުމަށް ޓަކައި ރަނގަޅު ކެބިނެޓެއް އެކުލަވާލަން ޖެހޭ،" ގްނަންސާރަ ބުންޏެވެ.

ސިންހަލަ ބުދިސްޓުންގެ ދިފާއުގައި ކަމަށް ބުނެ 2012 ވަނަ އަހަރު އުފެއްދި ބޮޑު ބަލަ ސޭނާއިން ވަނީ ލަންކާގައި މުސްލިމުންނާ ދެކޮޅު ކެމްޕެއިންތައް ހިންގާ، މުސްލިމުންނަށް ހަމަލާ ދިނުމަށް ހިތްވަރުދީ، ހަމަލާތަކުގައި ބައިވެރިވެފަ އެވެ. އެގޮތުން އެޖަމާއަތުން ވަނީ މޫނު ބުރުގާ އާއި އަބާޔާ މަނާ ކުރަން ކެމްޕެއިންކޮށްފަ އެވެ. އަދި 2014 ވަނަ އަހަރު ލަންކާގެ އަލުތުގަމަ އަދި ބޭރުވަލަ ޓައުނުގައި އެޖަމާއަތުން މުސްލިމުންނާ ދެކޮޅަށް ހަމަނުޖެހުން ހިންގަން ހިތްވަރުދީ، ހަމަނުޖެހުން ހިންގައިފައިވެ އެވެ.

މީގެ އިތުރުން މުސްލިމުންނަށް ހަމަލާ ދޭން ގޮވާލާ ކަމަށް ބުނާ ގްނަންސާރަ އަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލައެއްގައި 2018 ވަނަ އަހަރު ހަ އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ ހާމުދުރެކެވެ. ނަމަވެސް މިދިޔަ މެއި މަހު ކުރީގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވަނީ ގްނަންސާރައަށް މާފު ދެއްވާ، އޭނާ މިނިވަންކޮށްފަ އެވެ. އޭނާއަށް މާފު ދެއްވި ސަބަބެއް ސިރިސޭނާ ހާމަ ނުކުރައްވަ އެވެ.

ބޮޑު ބަލަ ސޭނާ އުވާލާނެކަން އިއުލާންކޮށްފައި ވަނީ އެގައުމުގެ ކުރީގެ ޑިފެންސް ސެކްރެޓަރީ އަދި ޕޮޑުޖަނަ ޕާޓީގެ ލީޑަރު ގޯޓާބަޔަ ރާޖަޕަކްސަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ، ރައީސްގެ ޒިންމާތަކާ ހަވާލުވެވަޑައިގަތް ފަހުންނެވެ.

ލަންކާގެ ސިފައިންނާއި އެލްޓީޓީއާ ދެމެދު 26 އަހަރު ވަންދެން ކުރިއަށްދިޔަ ހަނގުރާމައިގެ ފަހުކޮޅު ތަމަޅައިންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތައް ހިންގި ކަމަށް ތުހުމަތު ކުރެވޭ ރާޖަޕަކްސައާ ބޮޑު ބަލަ ސޭނާއާ ގުޅުން އޮންނަ ކަމަށް ގިނަ އަދަދެއްގެ މީހުން ގަބޫލު ކުރެ އެވެ.

ލަންކާގެ ޕާލިމެންޓަރީ އިންތިހާބު ދެން ބާއްވަން ޖެހޭނީ އަންނަ އަހަރުގެ ޑިސެމްބަރު އެކެއްގެ ކުރިންނެވެ. ނަމަވެސް އިންތިހާބު ބާއްވާނެ ތާރީހެއް އަދި ކަނޑައަޅާފައި ނުވެ އެވެ.

comment ކޮމެންޓް