ފްލެޓްތަކުގެ ޑިޒައިނަށް ބަދަލުނުގެންނަން ނިންމައިފި

ހިޔާ މަޝްރޫއުގެ ދަށުން އަޅަމުންދާ 25 ބުރީގެ ފްލެޓެއް--- ފޮޓޯ: ޗައިނާ ސަފީރު/ ޒޭންގް ލިޒްހޮންގް

ނިމިގެން ދިޔަ ސަރުކާރުގައި ފެށި އެންމެ ބޮޑު ބޯހިޔާވަހުކަމުގެ މަޝްރޫއުގެ ދަށުން އިމާރާތްކުރަން ފެށި 7000 ފްލެޓްތަކުގެ ޑިޒައިންއަށް ބަދަލު ނުގެންނަ ނިންމައިފި އެވެ.

ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސުހައިލް "ސަން" އަށް މިއަދު ވިދާޅުވީ ފްލެޓްތަކުގެ ޑިޒައިންއަށް ބަދަލުކުރަން ނިންމި ނަމަވެސް ފަހުން ލިބުނު ފާޑިކިޔުންތަކަށް ބެލުމަށް ފަހު ޑިޒައިންއަށް ބަދަލުނުގެންނަން މިހާރު ނިންމާފައިވާ ކަމަށެވެ.

ސުހައިލް ވިދާޅުވީ މިހާރު އަންދާޒާ ކުރާ ގޮތުން ފްލެޓްތައް އަންނަ އަހަރު ޖުލައި މަހާއި ސެޕްޓެމްބަރު މަހު ތެރޭ ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

އެޗްޑީސީން މީގެ ކުރިން ބުނީ 25 ބުރީގެ އެ ފްލެޓްތަކުގައި ކޮންމެ ފަންގިފިލާއެއްގައި 20 އެޕާޓްމަންޓް ހުންނަ ކަމަށާއި އަދި އެހާ ގިނަ ބަޔަކު އުޅޭ ތަނަކަށް ހުރީ ވަރަށް މަދު ލިފްޓްތަކެއް ކަމަށާއި އެތަނުގައި ދިރިއުޅުން މުސީބާތަަކަށް ވެދާނެ ކަމަށެވެ. އަދި އެތަނުގައި ހިމެނޭ ދެ ކޮޓަރީގެ ފްލެޓްތައް ތިން ކޮޓަރިއަށް އިތުރުކުރުމުން ފްލެޓްތައް ވަރަށް ބޮޑަށް މަދުވެގެންދާނެ ކަަމަށެވެ.

އެ ތަނުގައި ހުންނަ އެޕާޓްމަންޓްތައް ކުދިވެ، އެތަނުގައި ދިރިއުޅުން އަލިފާންފޮއްޓެކޭ އެއްފަދަ ވެދާނެ ކަމަށްބުނެ އާންމުންގެ ފާޑުކިޔުން ވެސް ވަރަށް ބޮޑަށް އޮތީ އަމާޒުވެފަ އެވެ.

އެ މަޝްރޫއުގެ ދަށުން ހަދާ ފްލެޓްތަކުގެ ދެ ކޮޓަރީގެ އެޕާޓްމަންޓްގައި 550 އަކަފޫޓް ހުރެ އެވެ.

މީގެ ކުރިން ޗާއިނާގެ އެމްބަސީން ބުނީ އެ ފްލެޓްތަކުގެ މަސައްކަތް މި އަހަރު ނިންމައި ސަރުކާރާ ހަވާލުކުރެވޭ ވަރު ވާނެ ކަމަށެވެ.

comment ކޮމެންޓް