މަގޫދޫގައި އުފައްދާ ސޯލާ ކަރަންޓް ފެނަކައިން ގަންނަން އެއްބަސްވެއްޖެ

ކަރަންޓް ވިއްކުމަށް ފެނަކައާއި މަގޫދޫ ކައުންސިލްއާއެކު ސޮއިކުރި އެއްބަސްވުމުގެ ތެރެއިން---- ފޮޓޯ؛ ފެނަކަ

ފ. މަގޫދޫގައި ހިންގާ އިޓަލީގެ ޔުނިވާސިޓީއެއް ކަމަށްވާ ބިކޯކޯ ޔުނިވާސިޓީން ގާއިމްކޮށްފައިވާ ސޯލާ ކަރަންޓް ނިޒާމުން އުފައްދާ ކަރަންޓް ފެނަކަ ކޯޕަރޭޝަނުން ގަންނަން ނިންމައިފި އެވެ.

މިއަދު ހެނދުނު މަގޫދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުއްގައި މަގޫދޫ ކައުންސިލްއި އެ ޔުނިވަސިޓީއާ އެކު ފެނަކައިން ވަނީ ސޮއިވެސްކޮށްފަ އެވެ.

އެ އެއްބަސްވުމުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ސޮއިކުރެއްވިއިރު މަގޫދޫ ކައުންސިލްއިން ފަރާތުން ސޮއިކުރެއްވީ ރައީސް އަބްދުﷲ ވަހީދު އެވެ.

މަގޫދޫގައި ގާއިމްކޮށްފައިވާ ސޯލާ އެނާޖީ ސިސްޓަމްގެ ސައިޒަކީ 30 ކިލޯވޯޓް ޕީކް އެވެ.

ކަރަންޓް ވިއްކުމަށް ފެނަކައާއި މަގޫދޫ ކައުންސިލްއާއެކު ސޮއިކުރި އެއްބަސްވުމަށްފަހު ފެނަކަ އެމްޑީ އަދި މަގޫދޫ ކައުންސިލްގެ ރައީސް---- ފޮޓޯ؛ ފެނަކަ

މިއީ ފެނަކައިން ކަރަންޓް ގަތުމަށް އެކުލަވާލީ ފުރަތަމަ ޕަވާ ޕާޗޭސިން އެގްރީމަންޓްކަމަށް ފެނަކައިން ބުންޏެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މޯލްޑިވްސް އެނާޖީ އޮތޯރިޓީގެ ގަވައިދުތަކާ އެއްގޮތަށް ކަަރަންޓް އުފައްދާ ތަންތަނުން ކަރަންޓް ގަތުމަށް ތައްޔާރަށް އޮތް ކަމަށްވެސް ފެނަކައިން ބުންޏެވެ.

ފެނަކައިން އިތުރަށް ބުނީ އެ އެއްބަސްވުމުގެ ސަބަބުން ފެނަކައަށް ކަރަންޓް ހަރަދު ކުޑަކުރެވި އަދި މަގޫދޫ ކައުންސިލްއަށްވެސް ކަރަންޓް ވިއްކައިގެން މަންފާ ހޯދޭނެ ކަމަށެވެ.

comment ކޮމެންޓް